އަހުމަދު މަހްލޫފު

މަހުލޫފުގެ ކެންޑިޑެސީ ބާތިލުކުރީ ރަނގަޅަށް: ޝަކުވާ ބަލާ ކޮމެޓީ

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަށް އެ ޕާޓީން އަންގާފައިވާއިރު އެ ނިންމުމަކީ ގާނޫނީ އިމުން ބޭރުން ޕާޓީގެ ގަވާއިދުތަކާއި އުސޫލުތަކާ ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ވިދާޅުވެ އެ ނިންމުން އަލުން މުރައާޖާކޮށްދެއްވާ އެމްޑީޕީގެ ދާއިރާ ތަކުގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ދެއްވުމަށް މިނިސްޓަރު މަހުލޫފް ހުށައެޅުއްވި މައްސަލަ ބެލުމަށް ފަހު އެ ނިންމުން ރަނގަޅު ކަމަށް ޝަކުވާ ބަލާ ކޮމެޓީން ނިންމައިފި އެވެ.

އެމްޑީޕީގެ ޝަކުވާ ބަލާ ކޮމެޓީން ނިންމި ނިންމުމުގައި ބުނެފައިވަނީ ދާއިރާ އިންތިހާބުގައި ކުރިމަތިލުމުގެ ހަތަރުވަނަ ޝަރުތުގައިވާ ގޮތުން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން އެއްވެސް ފިޔަވަޅެއް އެޅުމަށް އެދި އޭސީސީން އެއްވެސް އިދާރާއަކަށް ފޮނުވާފައިވާ މީހަކަށް އިންތިހާބުގައި ކުރިމަތިލުމުގެ ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. އެ ގޮތުން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި މަހުލޫފަށް ދައުވާކޮށް ދިނުމަށް އެދި އޭސީސީން ޕީޖީއަށް ފޮނުވާފައިވާ ކަމަށެވެ.

އެމްޑީޕީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަދި ޝަކުވާ ބަލާ ކޮމެޓީގެ މެންބަރު އަނަސް އަބްދުއް ސައްތާރު ސޮއިކޮށް ނެރެފައިވާ އެންގުމުގައި ބުނެފައިވަނީ އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި ވާދަކުރުމަށް މަހުލޫފް، ޝަރުތު ހަމަނުވާ ކަމަށް އެމްޑީޕީން ނިންމާފައިވަނީ ގައުމީ ހިންގާ ކޮމެޓީގެ ނިންމުމާ އެއްގޮތަށް ކަމަށް ކަނޑައަޅާ މަހުލޫފްގެ ކެންޑިޑެސީ ބާތިލުކޮށްފައިވަނީ ރަނގަޅަށް ކަމަށް ނިންމާ ކަމަށެވެ.

ޝަކުވާ ކޮމެޓީގެ ނިންމުން މިއައީ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް އެންގި އެންގުން ރިވިއު ކުރުމަށްމަހުލޫފު ހުށަހަޅާފައިވާ ޝަކުވާއަށް ޖަވާބެއް ނުލިބި ލަސްވެފައި ވާތީ އިލެކްޝަން ކޮމިޝަނަށް އެ މައްސަލަ ހުށައަޅާފައިވަނިކޮށެވެ.