ޑްރައިވިން ލައިސަންސް

16 އަހަރުގެ ކުދިންނަށް ލައިސެންސްދޭން ވިސްނަނީ

ބެލެނިވެރިޔާގެ ހުއްދައާއެކު އުމުރުން 16 އަހަރު ފުރިފައިވާ ކުދިންނަށް އެއްގަމު އުޅަނދު ދުއްވުމުގެ ވަގުތީ ލައިސަންސްއެއް ދިނުމާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފި އެވެ.

އުމުރުން 18 އަހަރު ވުމުގެ ކުރިން އެއްގަމު ދަތުރުފަތުރުގެ ގާނޫނާ ހިލާފުވުމުގެ އިތުރުން ލައިސެންސް ނެތި އެއްގަމު އުޅަނދު ދުއްވައިގެން ޖޫރިމަނާ ކޮށްފައިވާ ފަރާތްތަކަށް ލުއި ހޯދައި ދިނުމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހުށަހަޅުއްވާފައިވާ މައްސަލަ ދިރާސާކޮށް މަޖިލީހުގެ ގަވައިދު ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓް އިއްވަވައި މަޖިލީހުގައި ކުރި ބަހުސްގައި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވީ 18 އަހަރު ނުވަނީސް އުޅަނދުތައް ދުއްވައިގެން ކުރި ޖޫރިމަނާތަކުގެ އަދަދު 116 މިލިއަނަށް އަރާފައިވާ ކަމަށެވެ.

އެހެންކަމުން އެ މައްސަލައަށް ހައްލެއް ހޯދޭނެ ގޮތްތަކާމެދު ކޮމިޓީ މަރުހަލާގައި މަޝްވަރާކުރި އިރު އަވަށްޓެރި ގައުމުތަކާއި އަދި ތަހުޒީބުވެފަައިވާ ގައުމުތަކުގައި އަމަލުކުރަމުންދާ އުސޫލުތަކަށް ބެލި ކަމަށެެވެ. އަދި 16 އަހަރުން މަތީގެ ކުދިންނަށް ލައިސަންސް ދިނުމާ ގުޅޭ ގޮތުން އެގައުމުތަކުގައި ވެސް މަޝްވަރާކުރަމުންދާ ކަމަށެވެ.

އަދި އެކަމާ ގުޅޭ ގޮތުން ފުލުހުންނާއި ޓްރާސްޕޯޓް އޮތޮރިޓީ ފަދަ އިދާރާތަކާ މަޝްވަރާކުރި ކަމަށް އޭނާ ވިދާޅުވި އެވެ.

"ޓްރާންސްޕޯޓު މިނިސްޓްރީންވެސް އެއަކަށް ދެބަސްވެފައެއް ނެތް. އަޅުގަނޑުމެން ދެއްކި ވާހަކަތަކަށް. އަޅުގަނޑުމެން އެ ދުވަހު އެ ވާހަކަ ދެއްކި އިރު، އަޅުގަނޑުމެން ހުށަހެޅުމެއް ގޮތުގައި ހުށަހެޅީ ބެލެނިވެރިއެއްގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމަކާ އެކީގައި 16 އަަހަރުން އެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސު އެކުދިންނަށް ދިނުމަށް،" ނާޒިލް ވިދާޅުވިއެވެ.

އަދި 18 އަހަރު ފުރުމުން އެ ލައިސެންސް ދާއިމީ ލައިސަންސްއަކަށް ބަދަލުކުރެވޭ ގޮތަށް ވެސް ހުށަހެޅި ކަމަށެވެ. ނަަމަވެސް އެއީ 18 އަހަރު ނުވަނީސް އެއްވެސް ވަރަަކަށް ޓްރެފިކް ގަވައިދަކާ ހިލާފުނުވާ ނަމަ އެވެ.

މަޝްވަރާކުރި ގޮތަށް 16 އަަހަރުން މަތީގެ ކުދިންނަށް ވެސް ލައިސެންސް ލިބޭ ގޮތަށް އުސޫލުތައް ބަދަލުވެއްޖެ ނަމަ 18 އަހަރު ނުވާކުދިންނަށް ލައިސެންސް ނެތި ދުއްވައިގެން ކުރާަ ޖޫރިމަނާތަކުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށް ނާޒިލް ވިދާޅުވި އެވެ. އަދި 18 ފުރުމުގެ ކުރިން ސައިކަލު ދުއްވާއިރު ގަވައިދުތަކަށް ހުރުމަތްތެރިކޮށް ހިތާނެކަމަށް އިދާރާތަކުން ވެސް ގަބޫލުކުރާ ކަމަށެވެ.