އެމްޑީޕީ

"މިންޖުވާންވީ އެމްޑީޕީގެ ފެއިލް ލީޑަޝިޕްގެ ކިބައިން"

Nov 24, 2015
14

އެމްޑީޕީ މިންޖުވާންޖެހިފައި ވަނީ ފެއިލް ވެފައިވާ ލީޑަޝިޕްގެ ކިބައިގެން ކަމަށް އެ ޕާޓީގެ މެންބަރު، އަދި އެ ޕާޓީގެ ނައިބު ރައީސް ކަމުން ބޭރުކޮށްލެވުނު އަލްހާން ފަހުމީ ވިދާޅުވެއްޖެ އެވެ.

ޗެނަލް ތޭރައިގެ "ނިއުސް ޓޯކް" ގައި މިރޭ ވާހަފުޅު ދައްކަވަމުން އަލްހާން ވިދާޅުވީ އެމްޑީޕީގެ އަސާސްތަކާއި ހަމަތައް ބިނާވެފައި އޮންނަނީ ޑިމޮކްރަސީގެ އަސާސްގެ ތެރޭގައި ކަމަށާއި ނަމަވެސް ރާއްޖެ ދުސްތޫރީ ނިޒާމަކަށް ވަދެ އިންސްޓިޓިއުޝަންތަކެއް ގާއިމު ކުރެވިގެން ވެރިކަން ކުރާއިރު މިހާތަނަށް ލިބުނު ތަޖުރިބާގެ އަލީގައި ސިޔާސީ ހަރަކާތުގެ ވައްޓަފާޅި ބަދަލު ކުރަން ޖެހޭ ކަމަށެވެ. ކުރިން އެ ހަރަކާތް ހިންގި ގޮތަށް މިހާރު ހިންގަން ޖެހޭނެ ކަމަށް ވެސް އަދި ހިންގޭނެ ކަމަށް ވެސް ގަބޫލު ނުކުރެއްވޭ ކަމަށެވެ.

"މިންޖުވާ މިއުޅެނީ ކޮން ކަމަކުންތޯ؟ އަޅުގަނޑުމެންގެ ޕާޓީން، އެމްޑީޕީގެ ރައީސް މިވަނީ ޖަލަށްލެވިފައި ޕާޓީ ވެސް އަދި ދުނިޔޭގެ ކަމާބެހޭ މުއައްސަަސާތަކުން ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި އޮތް ކަމެއް ރައީސް ނަޝީދުގެ މައްސަލައަކީ، އެހެންވީމާ އާންމު ގޮތެއްގައި ނަޝީދުގެ ހިމާޔަތުގައ އެމްޑީޕީން ނުކުންނަން ފެށީ. އެއީ ނިޒާމާ އެއްގޮތަށް ދިޔަ ކަމެއް ނޫން ކަމަށް ގަބޫލު ކުރެވިގެން. އަދި ޓެރަރިޒަމް ދައުވާ ކޮށްގެން ނުވާނެ ކަމަށް ގަބޫލު ކޮށްގެން. އެކަމަކު މިއަދު މިފެންނަނީ އެހެން މަންޒަރެއް" އަލްހާނު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި އެމްޑީޕީގެ ފެއިލްވެފައިވާ ލީޑަޝިޕްގެ މިސްރާބު ބަދަލުވެ ފެންނަނީ ޖިނާއީ ކުށުގެ ތުހުމަތުތައް ކުރެވި ޝަރުއީ އިޖުރާއަތުގެ ތެރެއިން އެހެން ކުށްވެރިންނާމެދު ވެސް އަމަލު ކުރާ ހަމައިން ހަތިޔާރު ގެންގުޅުނު ކަމުގެ ކުށުގައި ބަންދުކޮށްފައިވާ މީހަކު މިނިވަން ކުރަން އުޅޭ މަންޒަރު ކަމަށާއި އެހެންވެ އެމްޑީޕީ މިންޖުވާން އުޅެނީ ކޮންކަމަކުން ކަން މިހާރު ސާފު ނުވާ ކަމަށެވެ.

"ރައީސް ނަޝީދުގެ މައްސަލާގައި އަޅުގަނޑު އިއުތިރާޒެއް ނުުރަން. އެކަމަކު ބޮޑެތި ކުށްކުރި ނާޒިމާއި ޝެއިހު އިމްރާނާއި އަދީބާ އެނޫނަސް ތިބިހާ ބައެއްގެ ފޮޓޯ ޖަހައިގެން މިންޖުވާން ގޮވީމަ އަޅުގަނޑަކަށް ނުފެނޭ އެއްވެސް ކަމަކު މިންޖުވެވޭތަނެއް. އަޅުގަނޑަކީ އެމްޑީޕީގެ މެންބަރެއް އަޅުގަނޑަކަށް ނުވިސްނޭ މިންޖުވާން މިއުޅޭ އެއްޗެއް."

އަލްހާން ވިދާޅުވީ މަގުމައްޗަށް ނުކުމެ މަގުމަތިން އެއްވެސް ކަމެއް ހާސިލް ނުވާނެ ކަމަށާއި އެކަމަކު ރައްޔިތުން ބޭނުންވެގެން އިހްތިޖާޖް ކުރަން ބޭނުންވެއްގެން މަގުމަތގައި އަޑު އުފުލުމަކީ އެއީ ކުރަންޖެހޭ ކަމެއް ކަމަށެވެ. ނަމަވެސް މިންޖުވާން ނަމުގައި ކުރަން އުޅޭކަންކަން ހުއްޓުވަންޖެހޭނެ ކަމަށެވެ.

"އަޅުގަނޑުގެ ވާހަކައަކީ ރައީސް ނަޝީދު މިނިވަން ކުރަން މަގުމައްޗަށް ނުކުމެ ސަރުކާރަށް ޕްރެޝަރު ކުރަން ސަރުކާރު ލައްވާ އެކަން ކުރުވަން އުުޅުމަކީ ކުރެވޭނެ ކަމެއް ނޫނޭ. ސަބަބަކީ ރައީސުލް ޖުމްހޫރިއްޔާއަކީ އެގްޒެކެޓިވް އޮތޯރީޓީގެ ތަންފީޒީ ބާރު. ރައީސް ނަޝީދަށް ހުކުމް އައީ ޝަރުއީ ނިޒާމުގެ ތެރެއިން އެ މައްސަލަގައި ޕީޖީ ވަނީ ސުޕްރީމް ކޯޓްގައި އިސްތިއުނާފުކޮށްފައި ވީމާ ކަންކަން ހާސިލް ކުރަން ޖެހޭނީ އޮންނަ ނިޒާމުގެ ތެރެއިން. ކޯޓްގައި އޮތް މައްސަލައަކަށް ރައީސްލައްވާ ކުުޅުވަން މައްސަކަތް ކުރެއްވުމަކީ ވެސް އެގޮތަށް ބާރު އަޅައި ޕްރެޝަރު ކުރުމަކީ އަޅުގަނޑުމެން ވެސް ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވަން އުޅުން، ވީމާ އެގޮތަށް އެކަމެއް ނުކުރެވޭނެ. ޕްރެޝަރު ކުރަންޏާ ކުރަވަންވާނީ ނިޒާމުގެ ތެރެއިން މިހާރު މިދާ ގޮތަށް ބަރިބަރިއަށް އަންނަ ކުށްވެރިންތަން އަތުލައިގަނެެގެން ފޮޓޯ ހިފައިގެން ނުކުމެގެން މިއީ މިންޖުވާން ކުރާ ކަމެއް ނޫން." އަލްހާން ވިދޅުވި އެވެ.

އެމްޑީޕީގެ އަމަލުތަކުގެ ސަބަބުން އެހެން ރައްޔިތުންނަށް އަނިޔާވަމުންދާ ކަމަށް އިޝާރާތް ކުރައްވާ އަލްހާން ވިދާޅުވީ އެމްޑީޕީގެ ފެެއިލްވެފައިވާ ލީޑަޝިޕުން ނިންމަނީ ތާކުންތާކު ނުޖެހޭ ނިންމުންތައް ކަމަށާއި އޭގެ ސަބަބުން އެމްޑީޕީ ވަޅުޖެހި ނިމިފައިވާ ކަމަށެވެ.

"އެމްޑީޕީއަކީ ވަކި މީހަކަށް ހަދަން މަސައްކަތް ކުރުމަކީ އިންސާފެއް ނޫން. އެގޮތަށް ކަންތައް ކުރީމާ ޕާޓީގެ ދެންތިބި މެންބަރުންނަށް އަނިޔާ އެބަވޭ އެހެންވީމާ ޕާޓީގެ އެެތެރޭގަ މިހުރި ކަންކަންމުން މިންޖުވާން ފުރަތަމަ އުޅެންވީ،"

އަލްހާން ވިދާޅުވީ މިހާރު އެމްޑީޕީން މަސައްކަތް އެކުރަނީ ރައީސް ޔާމީނަށް ޕްރެޝަރު ކޮށްގެން ރައީސް ނަޝީދު މިނިވަން ކުރަން ކަމަށާއި އެއީއަކީ ރައީސް ޔާމީނަށް ކުރެއްވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެއީ ރައީސް ކުރައްވައިގެން ވާނެ ކަމެއް ވެސް ނޫން ކަމަށެވެ.

"ރައީސް ނަޝީދު މިނިވަން ކުރެވޭނެ ފުރުސަތެއް ރައީސް ޔާމީނަކަށް މިހާރަކު ނެތް. އެކަމަކު އެމްޑީޕީގެ ފެއިލްވެފައި ލީޑަޝިޕުން ކުރަން އުޅޭ ކަމަކީ ވާހަކައެއް ދައްކައިގެން ކުރާނެ ކަމެއް ނޭނގިގެން ލިސްޓެއް ހަދައިގެން ސިޔާސީ ހައްޔަރީންނަށް މަސައްކަތްކޮށްދެނީ. އެކަމަކު އެ ނިންމުންތަކާ ދެކޮޅު ހަދައިފިއްޔާ ޖާގައެއް ނެތް މީހަކަށް ވަނީ. މިހާރު މިކުރާ ކަމުން ހަމަޖެހުން ގެއްލި ސުލްހަ ވެސް ގެއްލި ސިޔާސީ ޕާޓީވެސް ހާލާކުވެ ގެއްލުން ނޫން ކަމެއް ނުވާނެ މި އަމާޒަށް ދިއުމަކީ އެމްޑީޕީގެ މަގުސަދާ ފިކުރާ ހިލާފު ކަމެއް، އަޅުގަނޑު ވާހަކައަަކީ ޕާޓީގެ ކަންކަން ރަނގަޅު ނުކޮށެއް މިންޖުވެވޭކަށް ނެތޭ، އެމްޑީޕީގެ ތެރޭގައި ހުރި އަނިޔާވެރިކަމުން މިންޖުވެވިޖެއްޔާ ރަނގަޅުވާނެ"

ޕާޓީގެ ޗެއާ ޕާސން ލަންޑަނުގައި ހުންނަވައިގެން ޓުވީޓާ އާއި ޔޫޓިއުބުން ޕާޓީ ހިންގަން އުޅުއްވުން އެއީ ގަބޫލު ކުރެވޭ ކަމެއް ނޫން ކަމަށާއި ލީޑަރެއްގެ އެންމެ މުހިްމު ކަމަކީ ކުރީ ސަފުގައި ހުންނެވުން ކަމަށް ވެސް އަލްހާން ވިދާޅުވި އެވެ. އެއާ ހިލާފަށް ލީޑަރު އިނގިރޭސިވިލާތުގެ ލަންޑަގައި ހުންނަވައި މެންބަރުން މަގަށް ނެރެގެން ވާނެ ކަމެއް ސާފު ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.

"އެެކެއް މޭގައި ކިހިނެއްތޯވީ؟ ރައްޔިތުން ނަމާދަށް ފޮނުވާފައި އަލީ ވަހީދު ވަޑައިގެންނެވީ! ބަންދު ކުރީ ގެއިން، މިހާރު ލަންޑަނުގައި ދައުވާއެއް ވެސް އޮތީއަކީއެއް ނޫން. ކަނޑައެޅިގެން ދޮގު މިކަހަލަ އޮޅުވާލަންތައް އޮޅުވާލައިގެން ރާއްޖޭގައި ނެތް ސިޔާސީ ހާލަތެއް އޮތް ކަމަށް ދައްކައިގެން ދާހިލީ ކަންކަމުގެ ތެރެއަށް ބޭރު މީހުން ވައްދައިގެން އެ މަސައްކަތް ކުރަނީ އެތާގައި ހުންނަނީ ވެސް ސުޓޫޑެންޓް ވިސާގައި. މިއީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއް،"

އަލްހާން ވިދާޅުވީ އެމްޑީޕީ ލީޑަޝިޕެއް ވެސް އެޑްމިނިސްޓްރޭޝަނެއް ވެސް ނެތް ކަމަށާއި ޕާޓީގެ އެތެރޭގައި ހުރި ކަންކަމުން މިންޖުވާން އެމްޑީޕީގެ މެންބަރުން ނުކުންނަންޖެހިފައިވާ ކަމަށެވެ.

ރައީސް ނަޝީދުގެ މައްސަލައަށް އިޝާރާތް ކުރައްވާ އލްހާން ވިދާޅުވީ އެމަނިކުފާނުގެ މައްސަލަ އެހިސާބަށް ދިޔައީ ގާނޫނީ ޓީމްގެ ނާގާބިލް ކަމުން ކަމަށާއި އެ ޓީމަކީ ފެށުމުގައި ވެސް ފެއިލްވެފައި ޓީމެއް ކަމަށެވެ.

"ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން ނުކުރެވުނީމަ ފެއިލްވީ. ދައުވާ ބަދަލު ކުރުމަކީ ގާނޫނު އަސާސީގެ ތެރެއިން ކުރެވޭނެ ކަމެއް. ދައުވާ ބަދަލު ނުކުރެވޭ ކަމަށް ވެއްޖިއްޔާވެސް ޖެހޭ ދެއްތޯ ކޯޓަކަށް ދާން . އެކަމަކު އެއްވެސް ކޯޓަކަށް ނުދާން އުޅެނީ. ދެން މިދައްކަނީ އިސްތިއުނާފުގެ ހައްގު ގެއްލިއްޖޭ އެވެސް ކަނޑައެޅިގެން ބޮޑު ދޮގެއް، އެބޭފުުން މަސައްކަތް ކުރީ ގާނޫނީ ގޮތަކުން ނޫން ސިޔާސީ ގޮތުން މަސައްކަތް ކުރީ. އެކަން ކުރީ ހަމަނުޖެހުން އުފެއްދުމަށް ނިޒާމު ފުނޑާލުމަށް. އިސްތިއުނާފަކީ މަގުމަތީގައި ކުރާ ކަމެއް ނޫން،"