ފެމިލީ ކޯޓް

ފެމެލީ ކޯޓަށް ގާޒީން ހޯދަނީ

Aug 26, 2021
2

ރާއްޖޭގެ ފެމެލީ ކޯޓަށް ގާޒީން ހޯދަން އިއުލާނެއް ކޮށްފި އެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ކުރި އިއުލާނުގައި ބުނެފައި ވަނީ ފެމެލީ ކޯޓަށް ދެ ގާޒީން ބޭނުންވާ ކަމަށެވެ.

އެ މަގާމުގެ ޝަރުތަކީ އިސްލާމީ ޝަރީއާ ނުވަތަ ގާނޫނީ ދާއިރާ އިން ފުރަތަމަ ޑިގްރީއެއް އޮތުމާ އެކު ފަނޑިޔާރު ކަމުގައި ނުވަތަ ވަކީލު ކަމުގައި މަދުވެގެން ދެ އަހަރުގެ ތަޖުރިބާ ހުރުމެވެ. އެ ކޯޓުގެ ގާޒީންގެ އަސާސީ މުސާރައެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 30،000ރ. އެވެ. ލިވިން އެލަވަންސަށް 15،000ރ. ލިބޭއިރު ރިސްކް އެލަވަންސްގެ ގޮތުގައި 1،375ރ. ވަނީ ކަނޑައަޅާފަ އެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެ މަތިން މެޑީކަލް އިންސޫރެންސް އަދި ފޯނު އެލަވަންސް ވެސް ލިބޭނެ އެވެ.

އެ އިއުލާނުގައިވާ ގޮތުން އެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ އެވެ.