އިބްރާހިމް އަމީރު

ތިލަމާލެ ބްރިޖާއެކު އިގްތިސޯދު ބަދަލުކޮށްލާނެ: އަމީރު

Aug 26, 2021
2

ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖް ނުވަތަ ތިލަމާލެ ބްރިޖާއެކު އެކު ރާއްޖޭގެ އިގްތިސޯދު މުޅިން އާ އުސްމިންތަކަކަށް ގެންދާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އަމީރު މިހެން ވިދާޅުވެފައި ވަނީ ތިލަމާލެ ބްރިޖްގެ މަސައްކަތް އިންޑިއާގެ އެފްކޮންސް އިންފްރާސްޓަރަކްޗާ ހަވާލުކުރުމަށް މިއަދު ހޮޓެލް ޖެންގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

އަމީރު ވިދާޅުވީ ތިލަމާލެ ބްރިޖާއެކު ރާއްޖެ އާއި މާލެ ސަރަހައްދުގެ އިގްތިސޯދު ބަދަލުކޮށްލާނެ ކަމަށެވެ. މި ބްރިޖްގެ ސަބަބުން އެތައް ގޮތަކުން ފަސޭހަތައް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ. އެގޮތުން ތިލަމާލެ ބްރިޖާ އެކު މާލޭގެ ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލުކުރުމާއެކު އެތައް ފަސޭހަތަކެއް ލިބިގެންދާނެ ކަން ފާހަގަކުރެއްވި އެވެ. ބްރިޖު އެޅުމުން އެ ބަނދަރުގެ ހަގީގީ ފައިދާ ފެނިގެން ދާނެ ކަމަށްވެސް ވިދާޅުވި އެވެ.

ބްރިޖާއެކު ކުނި މެނޭޖްކުރުމަށް ވެސް އެތައް ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށް މިނިސްޓަރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ. އެގޮތުން ކުނި އުފުލުހުން ފަދަ ކަންކަމަށް ލުޔެއް ލިބިގެންދާނެ އެވެ. މީގެ އިތުރުން ބްރިޖާއެކު މާލޭގެ ތޮއްޖެހިފައިވާ މައްސަލައަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިގެންދާނެ ކަމަށާއި ގުޅިފަޅާއި ތިލަފުއްޓަށް ބައެއް ވިޔަފާތިތައް ބަދަލުކުރެވިގެންދާނެ ކަމަށެވެ.

މި ސަރުކާރުގެ ފަސް އަހަރުގެ އެންމެ ބޮޑު މަޝްރޫއު ކަމުގައިވާ "ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖު" ގެ އެއްބަސްވުމުގައި ދިވެހި ސަރުކާރާއި އިންޑިއާގެ ފަރާތުން ސޮއި ކުރެއްވި އިރު ރާއްޖެއިން ސޮއި ކުރެއްވީ ޕްލޭނިން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހްމަދު ހަމީދެވެ. އިންޑީއާގެ އެފްކޮންސް އިންފްރާސްޓަރަކްޗާއިން ސޮއި ކުރެއްވީ ޑިރެކްޓަރ އޮފް އެފްކޯން، އާރް އަންދަ ކުމާރެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި ގައުމުގެ އިގްތިސޯދީ ހާލަތަށް ވެސް ވަނީ ބައްލަވާލައްވާފަ އެވެ. އެގޮތުން 2019 ވަނަ އަހަރަކީ ވަރަށް ކާމިޔާބު އަހަރެއް ކަން ފާހަގަކުރެއްވި އެވެ. އެއަހަރު ޖީޑީޕީ ހަތް ޕަސެންޓް އިތުރުވި ކަމަށާއި ސަރުކާރުގެ ގިނަ މަޝްރޫއުތައް ވަރަށް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދިޔަ ކަމަށް ވިދާޅުވި އެވެ.

ނަމަވެސް 2020 ވަނަ އަހަރު ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އިގްތިސޯދަށް ބޮޑެތި ގެއްލުންތަކެއްވީ ކަމަށާއި ކޮވިޑްގެ ސަބަބުން އެންމެ ބޮޑެތި ގެއްލުންވީ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭނެ ކަމަށް އަމީރު ވިދާޅުވި އެވެ. އެ އަހަރު ރާއްޖޭގެ ބޯޑަރު ބަންދުކުރުމާއި ގުޅިގެން ސަރުކާރަށް ލިބޭނެ ކަމަށް ބަޖެޓުގައި ލަފާކޮށްފައިވާ އާމްދަނީގެ އަދަދަށް ވުރެ ލިބުނު އަދަދު 50 ޕަސެންޓް ދަށްވި ކަމަށް ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ ސަރުކާރުން ކުރަމުން އައި ބައިވަރު ހަރަދުތައް ހުއްޓާލުމަށްފަހު އެންމެ ބޮޑަށް އަމާޒުކުރީ ސިއްހީ ދާއިރާއަށް ކަމަށެވެ. އޭގެ ފަހުން މިހާރު ގައުމުގެ އިގްތިސޯދު އަނެއްކާވެސް ނަގާ ކޮޅަށް ޖަހަން މަސައްކަތް ކުރަމުން އަންނައިރު ވަޒީފާ ގެއްލުނު 23،000 މީހަކަށް އެހީވި ކަމަށް އަމީރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.