އަބްދުﷲ ޝާހިދު

ޝާހިދު ޖަޕާނުގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި

Aug 27, 2021

ޖަޕާނުގެ ބޮޑުވަޒީރުގެ އަރިހަށް ފޮރިން މިނިސްޓަރ ޝާހިދު އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޝާހިދު ވަނީ ދިވެހި ސަރުކާރާއި ރައްޔިތުންނާއި އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްގެ ހެޔޮ އެދުންތައް ބޮޑުވަޒީރު ސޫގާ އަށާއި ޖަޕާން ސަރުކާރާއި ރައްޔިތުންނަށް އަރިސްކުރައްވާފައެވެ. އަދި ދިވެހިރާއްޖެއަށް ޖަޕާނުން އެކި ދާއިރާތަކުން ހާއްސަކޮށް ކޮވިޑްގެ ދުވަސްވަރު، ފޯރުކޮށްދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި މިނިސްޓަރު ޝާހިދު ވަނީ ޖަޕާން ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

އަދި މީގެ އިތުރުން އދގެ އާއްމު މަޖިލީހުގެ ރިޔާސަތުގައި އެމަނިކުފާނު ހުންނަވާއިރު އިސްކަން ދެއްވާނެ ދާއިރާތަކާ ބެހޭ ގޮތުންނާއި، އެމަނިކުފާނުގެ "އުއްމީދުގެ ރިޔާސަތު" ގައި ހިމެނޭ ކަންކަމާ ބެހޭ މައުލޫމާތު މިނިސްޓަރު ޝާހިދު ވަނީ ބޮޑުވަޒީރު ސޫގާ އަށް ދެއްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ޝާހިދުގެ އަރިހުގައި ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އިބްރާހިމް އުވައިސް ބައިވެރިވެވަޑައިގަތެވެ. މީގެ އިތުރުން މިނިސްޓަރ ޝާހިދު ވަނީ މިއަދު ޖަޕާންގެ ފޮރިން މިނިސްޓަރ ޓޮޝިމިޓްސޫ މޮޓެޖީ އާއިވެސް ބައްދަލުކުރައްވާފައެވެ.

މިނިސްޓަރ ޝާހިދު ޖަޕާނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ޖަޕާން ސަރުކާރުގެ ދައުވަތަކަށް އޮގަސްޓް 26 އިން 28 އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ.