ބަރުލަމާނީ ނިޒާމް

ރައީސްގެ ބޮޑުބޭބޭގެ ސޮއިން ޔަގީންކޮށްދިނީ ދެކޮޅު ނޫންކަން

ބަރުލަމާނީ ޕެޓިޝަންގައި ސޮއި ކުރުމަކީ ސަރުކާރާއި ދެކޮޅު ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑަވެލީ ދާއިރާގެ މެންބަރު ހުސައިން ފިރުޝާން ވިދާޅުވެއްޖެ އެވެ.

މެންބަރު ފިރުޝާންއަކީ ބަރުލަމާނީ ޕެޓިޝަނަށް ސޮއި ހޯދުމަށް އިސްކޮށް މަސައްކަތް ކުރަމުން ގެންދަވާ މެންބަރެކެވެ. އަދި ރައީސް ނަޝީދަށް ވަފާތެރި މެންބަރުންގެ ގޮތުގައި ވަރަށް ބޮޑަށް ފާހަގަކުރެވިފައިވެއެވެ.

ދެހާސްއަށާރަވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީން އެކުލަވާލި މެނިފެސްޓޯގައި ގާނޫނު އަސާސީއަށް ބަދަލު ގެނެސް ބަރުލަމާނީ ނިޒާމަކަށް ވެރިކަމުގެ ނިޒާމު ފުރޮޅާލުމަށް ރަައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވެވަޑައިގެންފައިވާ ވައުދު ފުއްދެވުމަަށް ބާރުއެޅުމުގެ ގޮތުން ތައްޔާރު ކުރަން ފަށާފައިވާ ޕެޓިޝަންގައި ރައީސް ސޯލިހްގެ ބޭބޭފުޅު އަދި ރީޖަނަލް އެއާޕޯޓްސްގެ ކޮންސަލްޓަންޓް މޫސާ ސޯލިހް ރޭ ވަނީ ސޮއިކުރައްވާފައެވެ.

އެ މަންޒަރު ފެންނަ ފޮޓޯއަކާއެކު ފިރުޝާން ވިދާޅުވީ ރައީސްގެ ބޭބޭފުޅުވެސް ބަރުލަމާނީ ޕެޓިޝަންގައި ސޮއިކޮށްފައިވާ ކަމަށެވެ.

"ބަރުލަމާނީ ޕެޓިޝަންގައި ސޮއި ކުރުމަކީ ސަރުކާރާއި ދެކޮޅު ކަމެއް ނޫން ކަން ތަކުރާރުކޮށް ދަންނަވަން،"

އެމްޑީޕީގެ ބައެއް އިސް ބޭފުޅުންނާއި އެ ޕާޓީގެ އާންމު މެންބަރުން އިސްވެ ތައްޔާރު ކުރަން ފަށާފައިވާ ޕެޓިޝަންގައި ސޮއިކުރުން މިހާރު ކުރިއަށް ގެންދަނީ އެމްޑީޕީގެ ހަރުގޭގައެވެ. އެމްޑީޕީގެ މަޖިލީސް މެންބަރުންގެ ތެރެއިން 14 މެންބަރަކު ވަނީ ޕެޓިޝަންގައި ސޮއިކުރައްވާފައެވެ.

ބަރުލަމާނީ ނިޒާމަކަށް ވެރިކަމުގެ ނިޒާމު ފުރޮޅާލުމަށް ރަައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވެވަޑައިގެންފައިވާ ވައުދު ފުއްދެވުމަަށް ބާރުއެޅުމުގެ ގޮތުން ތައްޔާރުކުރަން ފަށާފައިވާ ޕެޓިޝަންގައި ވީހާވެސް ގިނަ ބަޔަކު ސޮއިކޮށް ދެއްވުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.

އެ ޕެޓިޝަންގައި އިސްކޮޅު އުޅުއްވާ ގާނޫނީ ވަކީލު ނިޝާން އިބްރާހިމް ވިދާޅުވީ ޕެޓިޝަންގައި ސޮއި ކުރުމަށް އިތުރު މެމްބަރުން ވެސް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށާއި ނަމަވެސް މިވަގުތު ހާލަތު ހުރިގޮތުން އަދި އެ ޕެޓިޝަންގައި ސޮއިކުރަން ބޭނުންނުވާ ކަމަށެވެ.

"ކުރީގެ ސަރުކާރުގެ ކެބިނެޓް ވަޒީރުންވެސް އެބަހުރި ޝައުގުވެރިކަން ފާޅުކޮށްފައި. އަޅުގަނޑުމެންގެ އަމާޒަކީ 100 ދުވަސްތެރޭ 100،000 ސޮއި ހޯދުން. އެއަށް ފަހު އެ ޕެޓިޝަން އަޅުގަނޑުމެން ހުށަހަޅާނަން މަޖިލީހަށާއި ރައީސްއަށް ވެސް" ނިޝާން ވިދާޅުވި އެވެ.

އަދި ވިދާޅުވީ އެ ޕެޓިޝަން ރާއްޖޭގައި އެކި ސަރަހައްދަށް ފޮނުވުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި ނަމަވެސް ކޮވިޑާ ގުޅިގެން އެ މަސައްކަތުގައި ދަތިތަކެއް އެބަހުރި ކަމަށެވެ.