ދުނިޔެ

އީރާންގެ ފޮރިން މިނިސްޓަރު ބަޣުދާދު ސަމިޓަށް

އީރާންގެ ފޮރިން މިނިސްޓަރު ހުސެން އަމީރު-އަބްދުއްލަހްޔާން އީރާގު ރީޖަނަލް ސަމިޓަށް ވަޑައިގެންފި އެވެ. އީރާން ފޮރިން މިނިސްޓްރީގެ ތަރުޖަމާން ސައީދު ޚަތީބު ޒާދާ ވިދާޅުވީ ވަޒީރުގެ ދަތުރުފުޅުގައި އީރާގަށް ވެދެއްވެން ހުރި އެހީތަކާ ބެހޭ ގޮތުން އޮފިޝަލުންނާއެކު މަޝްވަރާ ކުރައްވާނެ ކަމަށެވެ.

ތަރުޖަމާން ވިދާޅުވި ގޮތުން އީރާންގެ ރައީސް، އިބްރާހީމް ރައީސީއަށް ވެސް ދައުވަތު ލިބިވަޑައިގެންނެވި އެވެ. އެހެން ނަމަވެސް ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމާ މެދު ރައީސީ އަދި ވަކި ގޮތެއް ނުނިންމަވަ އެވެ.

އިރާގުގައި މިއަދު ފަށާ ސަމިޓްގައި މަޝްވަރާ ކުރުމަށް ހަމަޖެހިފައި ވަނީ ސަރަހައްދީ މައްސަލަތަކާ ބެހޭ ގޮތުންނެވެ. އީރާގާ އިންވެފައި ހުރި މައްސަލަތައް ހައްލު ކުރުމަށް އީރާގު އިސްކޮށް އަދި ސަރަހައްދީ ގައުމުތަކުން އެހީތެރިވުމާ ބެހޭ ގޮތުންނެވެ.

އީރާގުގެ ބޮޑުވަޒީރު މުސްތަފާ އަލްކަދީމީއާ ހަވާލާ ދެއްވައި ޚަބަރުތައް ބުނާ ގޮތުން އީރާގުން މިހާރު އަމިއްލަ ފައިމައްޗަށް ތެދުވަން ވެއްޖެ އެވެ. ބޭރު ގައުމުތަކުގެ ސިފައިން އީރާގުގައި ތިބެގެން އެހީތެރިވުމަށް ވުރެ ފަންނީ އަދި މާލީ އެހީތެރިކަން ފޯރުކޮށް ދިނުން މިހާރަށް މާކަމުދާނެ ކަމަށް ބޮޑުވަޒީރު ވިދާޅުވި އެވެ.

ބަޣުދާދު ސަމިޓަށް ވަޑައިގަންނަވާނެ ކަަމަށް ބެލެވޭ ބޭފުޅުންގެ ތެރޭގައި މިސްރުގެ ރައީސް އަބްދުލް ފައްތާހް އައްސީސީ އާއި އުރުދުންގެ އަބްުދުﷲ ރަސްގެފާނާއި އަދި ސައޫދީއާ ތުރުކީ އޮފިޝަލުން ވެސް ހިމެނެ އެވެ.

އީރާގު ރީޖަނަލް ސަމިޓުގައި ސަރަހައްދުން ބޭރު ބޭފުޅެއް ގޮތުގައި ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ޚަބަރުތައް ބުނެ އެވެ.

ސަރަހައްދީ ގުޅުން ބަދަހި ކުރުމާ ބެހޭ ގޮތުން އީރާންގެ ރައީސް، ރައީސީ ވިދާޅުވީ ސައޫދީއާ ގުޅުން ބަދަހި ކުރަން އެއްވެސް ހުރަހެއް ނެތް ކަމަށާއި އެއީ ކުރަން ވަރަށް ރަނގަޅު ކަމެއް ކަމަށެވެ.