މީހުން

ކުރަހާ ރާއްޕެގެ ކުލަތައް: ނެތް ކުލައެއް ނެތް

"އެކި މީހުންގެ ވާހަކަ ތަފާތުވާނެ. ބައެއް މީހުން ބުނާނީ ޑްރަގްގެ ތެރެއަށް ވަދެވުނީ މައިންބަފައިންގެ އިހުމާލުންނޭ. އެކަމަކު އެއީ ފޭކް ވާހަކައެއް. އަސްލު، އެއްވެސް ކަމެއްގެ ތެރެއަށް ވަންނާކަށް ވަކި ކަމެއް ދިމައެއް ނުވާނެ. މީހާ އަށް ވިސްނުން އަންނަ ހިސާބުން އެކަމެއް ފެށެނީ. ޣަނީމާ މުދާބަހާހެން ނުވަތަ ތަރިކަ މުދާ ބަހާހެން އެއްވެސް ފަންނެއް ވާރުތަވެގެންނެއް ނާންނާނެ. އެއީ ﷲ ދެއްވާ އެއްޗެއް. ވަކި އާއިލާއަކަށް ނިސްބަތްވެގެން މީހަކު މޮޅުވަނީކީއެއް ނުން."

މިއީ އަލީ އިޝާންގެ ވާހަކަ އެވެ. މަޝްހޫރު ނަމުން ނަމަ ކުރަހާ ރާއްޕެ އެވެ.

ކައިވެންޏަކަށް ތައްޔާރުވަމުންދާ ނަމަ އެންމެ ފުރަތަމަ ވެސް ސިކުނޑިއަށް އަންނާނެ ނަމަކީ ނުވަތަ ޕާޓީގެ ޑެކަރޭޝަނަށް އިހްތިޔާރުކުރެވޭނެ ފުރަތަމަ ހޮވުމަކަށް ވާނީ މި ފަންނުވެރިޔާކަން ޔަގީނެވެ. އޭނާގެ މަގްބޫލުކަމާއި ނުފޫޒު މި ދާއިރާގައި ވަރަށް ވެސް ގަދަ އެވެ. ރާއްޕެ އަކީ ދިވެހިން މިއަދު އެމީހުންގެ ކައިވެނި ޕާޓީތައް ބާއްވަމުން އަންނަ ގޮތް ބަދަލުކޮށް ތަފާތުކޮށްލުމުގައި ވަރަށް މުހިންމު ރޯލެއް އަދާކުރި ފަންނުވެރިއެކެވެ.

އޭނާގެ އަތުގައި އަދިވެސް ހިޔާލު އެބަހުއްޓެވެ. ކުރަހާ މީހެއްގެ ގޮތުގައި މަޝްހޫރުވެގެން އައި ރާއްޕެ ވެޑިންގެ ތެރެއަށް ވަނީ ވެސް ދެން ތިބި މީހުންނަށް ތަފާތެއް އިހްސާސްކޮށްދިނުމަށެވެ.

"އަހަރެމެން ވެޑިން މަސައްކަތުގެ ތެރެއަށް ވަނީ ކުރިން މިކަން އޮތް ގޮތް ބަދަލުކުރުމުގެ ވިސްނުން ބޮލަށް ވަން ހިސާބުން. އެންމެ ކުރިން ވެޑިން ޕާޓީއެއްގެ ޑެކަރޭޝަނުގައި މި ޖަހަނީ ފަން، ދެން ބޮކި ދިއްލަނީ. މި ސަގާފަތް އައީ ވަރަށް ގިނަ ޒަމާންތަކަކަށް ތަކުރާރުވަމުން. ދެން އަހަރެމެން ބޭނުންވީ ތަފާތު އެއްޗެހިތަކެއް ހަދަން. ދެން ވިސްނުނީ އެ ތަފާތު ދެއްކޭނީ އެ ފަންނުގެ މީހުން ނުކުމެގެންނޭ،" ރާއްޕެގެ ވާހަކަ އޭނާ ފެށީ މިހެންނެވެ.

"ވެޑިން ޕާޓީ ޑެކަރޭޝަންގެ ތެރެއަށް ވަދެވުނީ އެކައްޗެއް މާ ގިނައިން ފެންނަން ފެށީމަ ތަފާތުކުރުމުގެ ބޭނުމުގައި."

މި ވިސްނުމާއި ފިކުރުގެ ދަށުން އޭނާ އާއި އޭނާގެ ޓީމުން އެންމެ ފުރަތަމަ ވެސް ބެލީ ފަނާއި ބޮކި ބޭނުންކޮށްގެން ޒީނަތްތެރިކުރި ކައިވެނީގެ ސައި ޕާޓީތައް އާ އުސްމިނަކަށް ގެންދެވޭނެ ގޮތެކެވެ.

އެގޮތުން މިހާރު ކޮންމެ ވެޑިން ޕާޓީއަކަށް ވެސް މުހިންމު، ކަރުދާހުގެ ތްރީޑީ ޑެކަރޭޝަން ރާއްޖޭގެ ވެޑިން ޕާޓީތަކަށް ވެއްދި ފުރަތަމަ މީހަކީ ވެސް ރާއްޕެ އެވެ.

"އަހަރެން މަސައްކަތެއް ކުރާއިރު އެންމެ ބޮޑަށް ބަލަނީ އޭގެ އަސްލު ނުގެއްލޭ ވަރުގެ އެއްޗެއް ހެދޭތޯ. އެހެން މީހަކު އޭތި ހެދިޔަސް އަހަރެންގެ ހާއްސަ ސިފަތަކެއް އެއަށް ވެއްދުން. އެގޮތުން އަހަރެމެން ރާއްޖޭގައި އެންމެ ފުރަތަމަ ކަރުދާހުގެ ތްރީޑީ ޑެކަރޭޝަން ވެޑިން ޕާޓީތަކަށް ވެއްދީ،" ރާއްޕެ ބުންޏެވެ.

"އޭގެ ފަހުން މިހާރު ކަރުދާސް އެކި ގޮތްގޮތަށް ބޭނުންކޮށްގެން މީހުން ވެޑިން ޕާޓީތައް ރީތިކުރަމުން މި ދަނީ ރާއްޖޭގައި. އަހަންނަށް މިހެން ބުނަން ވެސް ކެރިދާނެ."

އާމްދަނީއެއްގެ ގޮތުން ވެޑިން ޑެކަރޭޝަންގެ މަސައްކަތް ރާއްޕެ ކުރާތާ މިހާރު ހަ އަހަރުވީ އެވެ.

އޭނާ ބުނީ އެންމެ ފުރަތަމަ މިކަމުގެ ތެރެއަށް ވަންއިރު ބަދަލަކަށް ނުވަތަ ތަފާތަކަށް މަސައްކަތްކުރި ނަމަވެސް މިހާރު އެންމެ އިސްކަމެއް ދެނީ އޭނާ ގާތަށް ހިދުމަތް ހޯދަން އަންނަ މީހާގެ ބަޖެޓަށް ކަމަށެވެ. ރާއްޕެ ބުނީ ވެޑިންގެ ވައްޓަފާޅި އަށް ބަދަލުތަކެއް ބޭނުންވެފައި ހުއްޓަސް އެކަން ނުކުރެވެނީ އަގުވަޒަންކުރުމުގެ ބައި ކުޑަވެ ކޮޕީކުރުން މެކުހަށް ޖަހާލާފައި އޮތުމުންނެވެ.

"އާ ގޮތްގޮތް މިހާރު ތައާރަފް ނުކުރެވޭ އެންމެ ބޮޑު ސަބަބަކީ ކޮޕީކުރުން ބޮޑުވެފައި އޮތްވަރުން. އާ ގޮތަކަށް އެއްޗެއް ހަދާފަ އާންމުކުރާއިރަށް އެހެން މީހަކު އެ އެއްޗެއް ކޮޕީކޮށްލަނީ. އެހެންވީމަ އާ އެއްޗެއް އުފެއްދިޔަސް އެ އެއްޗެއް އުފައްދާ މީހާގެ ހައްގު ހިމާޔަތްކޮށްދެވޭނެ ނިޒާމެއް އަދިވެސް ނެތް،" ރާއްޕެ ބުންޏެވެ.

"އެހެންވީމަ އާ އެއްޗެހިތަކެއް ތައާރަފްކުރުގެ ބޭނުމެއް ކޮބާ؟ އަރަމުން އަންނަ ކުދިން މޮޅެތި މީހުންގެ މަސައްކަތް ކޮޕީކުރާނެ. އެކަމަކު އަސްލު މަސައްކަތްކުރާ މީހާ އަށް އޭނާގެ ހައްގު ވެސް ލިބެން ޖެހޭނެ."

ރާއްޕެ ބުނީ ތަފާތު އާ ކަންތައްތައް ދިވެހި ކައިވެނި ޕާޓީތަކަށް ވެއްދުމުގެ ފޯރި ކުޑަވެފައި އޮތްއިރު އޭނާ ކުރާ ގިނަ މަސައްކަތްތަކީ ވެސް އެންމެ ހިތްހަމަޖެހިގެން އަތް ދޫކޮށްލާ މަސައްކަތްތައް ވެސް ނޫން ކަމަށެވެ. އޭނާ ބުނީ މި ތަނުގައި ވެޑިން ޕާޓީއެއް ބޭއްވުމަކީ ހަގީގަތުގައި ވެސް ވަރަށް ބޮޑު ބޮލުރިހުންތަކެއް އެކަމެއް ކުރާ އަދި ރާވާ ބަޔަކަށް ކުރިމަތިވާ ކަމެއް ކަމަށެވެ.

"އަހަރެން މަސައްކަތްކޮށްދެނީ އަނެއް މީހާގެ ފިކުރު ބަލާފަ، އަނެއް މީހާ ހިތްހަމަޖެހޭ ގޮތަކަށް. އަހަރެން ހިތްހަމަނުޖެހޭ އެއްޗެހި ހުންނާނެ ބައިވަރު. އެކަމަކު އަނެއް މީހާ އަށް އެ އެއްޗެއް ރީތިވާނެކަމުގެ ޔަގީންކަން އޮންނަވަރު ބޮޑުކަމުން އަހަރެން އެގޮތަށް މަސައްކަތްކުރަނީ،" ކުރެހުމުގެ ދާއިރާގައި އުޅޭތާ ގާތްގަނޑަކަށް 15 އަހަރުވެފައިވާ ރާއްޕެ ބުންޏެވެ.

އޭނާ ބުނީ ވެޑިން ޕާޓީ ޑެކަރޭޝަންގެ ހިދުމަތް ހޯދާ މީހުންގެ ހިޔާލަކީ ވަރަށް ވެސް ބޮޑު އެއްޗެއް ކަމަށެވެ. ނަމަވެސް އަގުވަޒަންކުރުމުގެ ބައި އެހާ ބޮޑު ނޫން ކަމަށެވެ.

"އާންމުކޮށް އަންނަ މީހުންގެ ހިޔާލުތައް ވަރަށް ބޮޑެތިވާނެ. އެކަމަކު އެމީހުން އައިސް ބުނާނީ ވަރަށް ސިމްޕަލް އެއްޗެކޭ. ރާއްޖޭގައި ސިމްޕަލްގެ މާނައަކީ އެއްޗެއްގެ އަގު ހެޔޮވުން. އެކަމަކު އަހަރެމެން އާޓިސްޓުންނަށް ސިމްޕަލްވުމަކީ އަގުބޮޑުވުން. ސިމްޕަލްކޮށް ބޮޑު އެއްޗެއް ދެއްކޭނީ ވަރަށް ބޮޑު ޚަރަދުތަކެއްކޮށްގެން،" ރާއްޕެ ބުންޏެވެ.

"އަހަރެން ހިދުމަތް ދޭ މީހުންގެ ތެރެއިން، މަސައްކަތް ނިމުމުން މަސައްކަތް ރީއްޗޭ ކިޔާފަ ހީލާފަ ސަލާންކޮށްލާ މީހުން އެންމެ މަދީ 10،000 ރުފިޔާ އިން ދަށުގެ ވެޑިންތަކުގައި. އަސްލު ހަގީގަތުގަ، 10،000 ރުފިޔާ އިން ދަށުން ކަމަށްވާ ނަމަ އަހަރެމެން އެ ހިދުމަތެއް އެ ދެނީ ހިލޭ. ގިނަ ލާރި ދީގެން މަސައްކަތްކުރުވާ މީހާ ހީނުލިޔަސް އަހަރެމެންނަށް މައްސަލައެއް ނެތް. ރީއްޗޭ ނުބުންޏަސް މައްސަލައެއް ނެތް. އެކަމަކު އެއަށް ވުރެ ދަށުން އަހަރެމެން ހިދުމަތް މި ދެނީ ހިލޭކުރާ ކަމެއްގެ ގޮތުގައި."

ވެޑިން ޑެކަރޭޝަނެއް ނަމަ ރާއްޕެގެ އަގު ފެށޭ ހިސާބަކީ 10،000 ރުފިޔާ އެވެ. އޭނާ މިހާތަނަށް މަސައްކަތްކުރި އެންމެ އަގުބޮޑު ވެޑިންތަކުގެ އަގު ތިން ލައްކަ އާއި ހަތަރު ލައްކަ އަށް އަރަ އެވެ. ރާއްޕެ ބުނީ އޭނާ މަސައްކަތުގައި ހާއްސަ ޕެކޭޖުތަކެއް ތައާރަފްނުކުރަނީ ދެން ތިބި ފަންނުވެރިންނަށް އެމީހުންގެ އަގު ހޯދައިދިނުމުގެ ބޭނުމުގައި ކަމަށެވެ.

"މިސާލަކަށް ވީޑިއޯ ހިދުމަތް ދޭ މީހާ އަހަރެންގެ ޕެކޭޖުގެ ދަށުން އަހަރެން ކައިރިއަށް އައިސް، ވީޑިއޯ އާއި ފޮޓޯގްރެފީ ނަގައިފިއްޔާ އެ މަސައްކަތް ކުރާ އަސްލު މީހުން އެހެން މީހުންނަށް ގެއްލޭނީ. އޭރުން މުޅި މަސައްކަތް އޮންނާނީ އަހަރެންގެ ކަމެއްގެ ގޮތުގައި. ވެޑިން އަލްބަމް ވެސް. އެހެންވީމަ ކޮބާ އެ ބުރަ މަސައްކަތްކުރި މީހާ އަށް ލިބެން ޖެހޭ ކްރެޑިޓް،" ރާއްޕެ ބުންޏެވެ.

"ޕެކޭޖަކީ ވަރަށް ވިޔާނުދާ ކަމެއް. އާޓިސްޓުން ގެއްލޭ ކަމެއް. މިއީ ފަންނީ ދާއިރާ ހަލާކުވުމުގެ އަސްލަކީ ވެސް. ދިވެހިން އަމިއްލަ އަށް ދިވެހިންގެ ފަންނު ހަލާކުކުރަނީ."

ރާއްޕެ އަކީ ވެޑިންގެ ވިޔަފާރީގައި ވަރަށް ވެސް ޑިމާންޑް ބޮޑު ނަމެކެވެ. މިދިޔަ އަހަރުގެ ކޮންމެ ހަފުތާއަކަށް އޭނާ ވެޑިން ޕާޓީއެއް ޑެކަރޭޓްކޮށްދިނެވެ.

ރާއްޕެ ބުނީ ދިވެހިންގެ މެދުގައި އެންމެ ބޮޑު ޚަރަދެއް ހޭދަވާ އެއް ކަމަކަށް ވެޑިން ހަފުލާތައް ބަދަލުވެފައިވީ ނަމަވެސް މިއީ ވަރަށް އާދައިގެ ބަޖެޓަކުން ވެސް ނިކަން ރީތިކޮށް ފުރިހަމަކުރެވިދާނެ ކަމެއް ކަމަށެވެ. އޭނާ ބުނީ ވެޑިން ޕާޓީއަކަށް ބޭކާރު ޚަރަދު ދަނީ މިފަދަ ހަފުލާތަކަށް ހާއްސަ ތަންތަން ރާއްޖޭގައި ނެތީމަ ކަމަށެވެ.

"ވެޑިންއަކަށް ނުޖެހޭނެ 60،000، 70،000 ރުފިޔާ ޚަރަދުކުރާކަށް، މި ޕާޓީތައް ބާއްވާނެ ހާއްސަ ތަންތަން ލިބެން ހުންނަނަމައެއް. މިސާލަކަށް ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައި ޕާޓީއެއް ބާއްވާނަމަ އެ ތަނެއް ރީތިކުރަން މަޖުބޫރު އެބަވޭ. އެ ތަނުގެ ފާރުގައި ހުރި ބޭކާރު ފޮޓޯތައް، ޕާޓީތަކަށް ކަވަރުކުރަން އެބަ ހޭދަކުރަން ޖެހޭ އެއަށް ވަކިން 1700 ރުފިޔާ. އެއީ އަސްލު ވެޑިން ޕާޓީގެ ތެރެއަށް ވަންނަ ބޭކާރު ޚަރަދެއް،" މިއީ ރާއްޕެގެ ހިޔާލެވެ.

ކުރެހުންތެރިއެއް އަދި އަތްތެރި މަސައްކަތުގެ ފުނަށް ވަދެފައިވާ ފަންނުވެރިއެއްގެ ގޮތުން ރާއްޕެ އަކީ ވަރަށް ތަފާތު ހިޔާލުތަކެއްގެ ވެރިއެކެވެ. އަދި މި ހުނަރުވެރިކަމާ އެކު ރާއްޖޭގައި އަބަދު މަސައްކަތްކުރުމުގެ ވިސްނުމެއް ވެސް އޭނާ ނުގެންގުޅެ އެވެ.

"އަހަރެންގެ އުއްމީދެއް ނެތް މި ތޮށިގަނޑުގެ ތެރޭގައި އުޅޭކަށް. މީގެ ބޭރަށް ދިއުން އަހަރެންގެ އުއްމީދަކީ،" ރާއްޕެ ބުންޏެވެ.

"އާޓްގެ މަސައްކަތްކުރާ މީހެއްގެ މަސައްކަތް ދުވަހަކު ވެސް ނުނިމޭނެ. ދުވަހަކު ވެސް ފުރިހަމައެއް ނުވާނެ. އާޓަކީ އިހްސާސެއް. އިހްސާސްނުވެ މިކަން ކުރަހާނީ ލޭބަރުން. އެއީ އަސްލު އާޓިސްޓުންނެއް ނޫން."