މީހުން

އެންމެން ޑރ. ސަލީމް ކައިރިއަށް ދަނީ ކީއްވެ؟

Jan 18, 2015
2

ދަތުގައި ރިއްސަނީ އެވެ. ދާނީ ކޮން ތާކަށް ހެއްޔެވެ؟ ގިނަ މީހުންގެ ޖަވާބަކީ "ސަލީމްގެ ކްލިނިކެވެ" ޑރ. ސަލީމް ގާތަށެވެ. މިއީ ރާއްޖޭގައި މިވަގުތު ހުރި އެންމެ މަގުބޫލު، ދަތުގެ ޑޮކްޓަރެވެ. އެންމެންގެ ހިތް އަތުލާފައިވާ ދަތުގެ ޑޮކްޓަރުގެ ވާހަކަ އެވެ. ސުވާލަކީ އެންމެން ޑރ. ސަލީމްގެ އެހީ ހޯދަނީ ކީއްވެގެންބާ އެވެ؟

"ވަރަށް ބޮޑަށް ޕޭޝަންޓުނަށް ކެއާ ކުރަން. މިއީ ޕާސަނަލް ކެއާ. އަޅުގަނޑު ޕްރެކްޓިސްގައި ނޫނަސް ފަރުވާ ދެނީ ލިބިފައި ހުރި ގާބިލްކަމާއެކު އެންމެ މެކްސިމަމް ބޭނުންކޮށްގެން،" ޑރ. އަހުމަދު ސަލީމްގެ ޖަވާބަކީ މިއީ އެވެ.

މި ޑޮކްޓަރަކީ ރާއްޖޭގެ ސިއްހީ ދާއިރާއަށް ނަމޫނާއެކެވެ. ޑރ. ސަލީމް ކިޔަވާ ވިދާޅުވީ ރަޝިއާއިންނެވެ. އެންމެ ފުރަތަމަ ސްކޫލް ދައުރު ނިންމެވުމަށްފަހު މަސައްކަތް ކުރެއްވީ އޭޑީކޭ ހޮސްޕިޓަލުގަ އެވެ. އޭޑީކޭގެ ދަތުގެ ޑިޕާޓްމަންޓުގަ އެވެ. އެ ހޮސްޕިޓަލުގައި ގާތްގަނޑަކަށް ހަ އަހަރު މަސައްކަތް ކުރައްވައި ގިނަ ތަޖުރިބާތަކެއް ހޯއްދެވި އެވެ.

ޑރ. ސަލީމް ދިވެހިންގެ މެދުގައި މަޝްހޫވެފައިވަނީ "ދަތް ސަލީމް" ގެ ގޮތުގަ އެވެ. ސަލީމްގެ އޯގާތެރިކަން ގިނަ ބަޔަކު ފާހަގަކުރެ އެވެ. އޭނާގެ ކައިރިއަށް ފަރުވާއަށް ދާ މީހުންނާއި މެދު ގެންގުޅުއްވާ ގާތް ގޮތެވެ. ރަހުމްތްތެރި ކަމެވެ.

"އަޅުގަނޑުގެ ކެރިއާގައި ގިނަ މީހުންގެ މަގުބޫލުކަން ލިބިފައި އޮތީ އަޅުގަނޑު އަމިއްލައަށް ކްލިނިކެއްގެ ބޯޑު ޖަހައިގެން ހުރެގެން ހަމައެކަނި އުޅެނީއްޔެއް ނޫން. ޕޭޝަންޓް ޓު ޕޭޝަންޓް ވޯޑް އޮފް މައުތުން. އަޅުގަނޑު ގިނަ މީހުންނަށް އެނގުނީ ޕޭޝަންޓުން މެދުވެރިކޮށް. ކޮންމެ ކަމެއް ކުރާއިރުވެސް ބަލަނީ ކުރާ ކަމެއް ކުރެވެން އޮތް އެންމެރަނގަޅަށް ކުރުމަށް،" ސަލީމް ވިދާޅުވި އެވެ

ދިވެހިންގެ ދަތްޕިލައަށް ފަރުވާ ދިނުމަށް ސަލީމް ދަނީ ހާއްސަ ކްލިނިނެއް ހިންގަމުންނެވެ.

"މާސްޓަ ޑެންޓަލް" ކްލިނިކަކީ ސަރަހައްދީ ފެންވަރުން ބަލާއިރު ވެސް ހޮވާލެވޭނެ ތަނެކެވެ. މި ތަނުން ރާއްޖޭގެ ބޮޑެތި ހޮސްޕިޓަލްތަކާ އެއް ފެންވަރަކަށް ދަތުގެ ފަރުވާ ލިބެ އެވެ. އަދި މިތަނުގައި ގާއިމުކޮށްފައިވާ އާލާތްތަކަކީ ރާއްޖޭގެ ހޮސްޕިޓަލްތަކަށް ގޮން ޖަހާލާވަރުގެ ފެންވަރު ރަނގަޅު ވަސީލަތް ތަކެވެ. އާސަންދައިގެ ހިދުމަތާއެކު މީގެ ތިން އަހަރު ކުރިން ހުޅުވި މާސްޓަ ޑެންޑަލް ކްލިނިކްގައި ޑެންޑަލް ލޭޒާގެ ހިދުމަތް ދެ އެވެ. އަދި އޯޕީޖީ އެކްސްރޭގެ ހިދުމަތް ވެސް ލިބެ އެވެ.

ސަލީމް ވިދާޅުވީ މި ކްލިނިކުގައި މާލޭގެ ހޮސްޕިޓަލްތަކުން ނުހެދޭ ޓެސްޓްތައް ހެދޭނެ ކަމަށެވެ.

"މިހާރު ބައެއް ޓެކްސްޓްތައް ހޮސްޕިޓަލްތަކުން ވެސް ބަލި މީހުން ފޮނުވާ. ކްލިނިކުން އޯޕީޖީ އެކްސްރޭގެ ހިދުމަތް ވެސް ދެން. އާއްމުކޮށް ދޭން ޖެހޭ ދަތުގެ ހުރިހާ ފަރުވާއެއް މިހާރު ކްލިނިކުން ލިބޭނެ،" ސަލީމް ވިދާޅުވި އެވެ.

ރާއްޖޭގައި މީގެ 10 ވަރަކަށް އަހަރު ކުރީގައި ދަތުގެ ފަރުވާ ދޭ ތަންތަން މަދެވެ. މިފަދަ ފަރުވާއެއް ކިރިއާ ވެސް ލިބެނީ ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުންނެވެ. ވަރަށް ކުޑަކޮށެވެ.

މިކަން ވެގެން ދިޔައީ ޑރ. ސަލީމް ފުރަތަމަ މަސައްކަތް ފެއްޓެވި ދުވަސްވަރު އެންމެ ބޮޑު އެއް ގޮންޖެހުމަށެވެ. އެ ދުވަސްވަރު ދަތެއްގައި ކިރިއާ ރިއްސާލިއަސް އެ ޖެހުނީ ދަތް އުފުރާލާށެވެ. އެ ދަތް އުފުރާލައިގެން ނޫނީ ސަލާމަތް ވާނެ ގޮތެއް ނޯވެ އެވެ.

ސަލީމް ވިދާޅުވި ގޮތުގައި އެ ދުވަސްވަރު އެންމެ ދަތިވީ ބަލި މީހުންނަށް ފަތުގެ ފަރުވާ ކިޔައި ދިނުމަށް ކަމަށެވެ.

"އޭރު އެންމެ އުނދަގޫވި އެއް ކަމަކީ ޕޭޝަންޓުންނަށް ފަރުވާތައް އެއީ ރާއްޖޭން ކުރެވިދާނެ ކަމެއް ކަން ކޮންވިންސް ކޮށްދޭން. ކިޔައި ދިނުމަށް. ދިވެހިން ކުރީގަ ގަބޫލުކުރާ ގޮތުގައި ދަތުރުގެ މައްސަލައެއް ޖެހިއްޖެ ނަމަ އެ ދަތެއް ޖެހެނީ ނަގަން. މިސާލަކަށް ދަތުގެ މަދު ސާފުކޮށްގެން ރޫޓް ކެނަލް ޓްރީޓްމަންޓް ނަގައިގެން އޭގެ އިތުރަށް ފުޓުނި އަޅައިގެން ނޫނީ ދަތުގަ ދޯރި ލައްވައިގެން ދަތް ސަލާމަތް ކުރެވޭނެ ކަން ޔަގީން ކޮށްދޭން ދަތިވި،" ސަލީމް ވިދާޅުވި އެވެ.

ދިވެހިންގެ ދިރިއުޅުމުގެ އާދަކާދައިގެ ސަބަބުން ދަތްޕިލައަށް ދަނީ ނުރައްކާވަމުންނެވެ. ހާއްސަކޮށް ކެއުމުގެ ވައްޓަފާޅި ގެންގުޅޭ ގޮތުގެ ސަބަބުން މި މައްސަލަ އިތުރަށް ބޮޑެވެ.

ޑރ. ސަލީމް ވިދާޅުވި ގޮތުގައި ހަރު އެއްޗިހި ކެއުމުން ދަތްޕިލަ ހަލާކުވާ ކަމަށެވެ. މިއީ ދިވެހިންގެ ތެރޭގައި އާއްމު ކަމެއް ކަމަށް ސަލީމް ވިދާޅުވި އެވެ.

"ދިވެހިންނަކީ އާއްމުކޮށް ވަރަށް ހަރު އެއްޗިހި ކާ ބައެއް. ދިވެހިން ހަރު މަސް ކައި. މިއީ އާއްމުކޮށް ގިނަ ދިވެހިންނަށް ދިމާވާ މައްސަލައެއް. ދަތުގައި ރެނދުލުން މިއީ ދިމާވާ އާއްމު މައްސަލައެއް. ހިރުގަނޑުގެ މައްސަލަތައް. މީގެ އިތުރުން ދަތް ފަނިކެއުމަކީ ވެސް ވަރަށް އާއްމު ކަމެއް. މީގެ އިތުރުން ތަންކޮޅެއް ބޮޑުކޮށް ބުނާނަމަ އަނގައިގެ ކެންސަރު މިއީ ވަރަށް އާއްމު ބަލިތައް ދިވެހިންގެ ތެރޭގައި. ރާއްޖޭން ބޭރާ ކޮމްޕެއާ ކުރާނަމަ ބޭރު ގައުމުގެ ކެއުމުގެ އާދަތައް ހުންނަ ގޮތުން ދަތް ފަޅައިގެން ގޮސް ނަގަން ޖެހޭ ވަރު ރާއްޖެއާ ބަލާއިރު ވަރަށް ބޮޑަށް މަދު،" ސަލީމް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވި ގޮތުގައި ދަތްޕިލަ ފަނިކެއުމާއި ހަލާކުވުމުން ސަލާމް ކުރުމަށް އަނގައިގެ ސާފުތާހިރުކަން ވަރަށް މުހިންމު ކަމަށެވެ.

"އަނގައިގެ ސާފުތާހިރު ކަމަކީ މީހާގެ ސާފުތާހިރުކަން. ދަތްޕިލަ ސަލާމަތް ކުރުމަށް ކައި ނިމިގެން ދަތްތައް ސާފުކޮށްލުން ނޫނީ ނިދުމުގެ ކުރިން ދަތް އުނގުޅުން މުހިންމު. ހޭލައިގެން ދަތްތައް ސާފުކޮށްލުން މިއީ މުހިންމު ކަމެއް. މީގެ އިތުރުން ދަތްތައް ފްލޮސްކޮށްލުން (ދެ ދަތް ދޭތެރެ ސާފު ކުރުން) ވެސް މުހިންމު. ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުވަން ޖެހޭ. އެހާ ހަރު އެއްޗިހި ނުހެފުން މުހިންމު. ހާއްސަކޮށް ސުޕާރީ އާއި ހަރު ފޯއް ކަހަލަ އެއްޗިހި ކެއުން ހުއްޓާލަން ޖެހޭ،" ސަލީމް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ ކުރިއާ އަޅާ ބަލާއިރު ދަތްޕިލައިގެ ރައްކާތެރިކަމަށް ގިނަ ދިވެހިން ސަމާލުކަން ދޭ ކަމަށެވެ.

"މިހާރު ގިނަ މައުލޫމާތު ތަކެއް ލިބެން ހުރޭ. ކުރިއާ އަޅާ ބަލާއިރު މިހާރު މަލްޓިމީޑިއާ ފަދަ ވަސީލަތްތަކުން ވެސް ފަސޭހަކަމާއެކު މައުލޫމާތު ލިބޭ. އަމިއްލަ ބަލި ހާލާ ދޭތެރޭ ވިސްނާ ރަނގަޅު ކުރެވެން ހުންނަ ގޮތްތައް މިހާރު ބަލާ. ތުއްތު ކުދިންވެސް ވަރަށް ކުޑައިރު ގެނެސް ދަތްޕިލަ ޗެކް ކުރޭ. ބައެއް ސްކޫލްތަކަށް ޑެންޓިސްޓުން ގެންގޮސްގެން ޗެކް ކުރޭ،" ސަލީމް ވިދާޅުވި އެވެ.