ރައްޔިތުންގެ މަޖިލިސް

ފަނޑިޔާރުންގެ އޯޑިއޯތަކާ މައްސަލަ މަޖިލީހުން ބޭރުކޮށްލައިފ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ޝަރީއަތުގައި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވިކަމަށް ބުނެ އެ މައްސަލަ ތަހުގީގު ކުރުމަށް ހުށަހެޅި މައްސަލަ މަޖިލީހަށް ބަލައިނުގަނެ ބޭރު ކޮށްލައިފި އެވެ.

އިދިކޮޅު ޕީޕީއެމް / ޕީއެންސީގެ ފަރާތުން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް މިއަދު ހުށަހެޅުއްވި މައްސަލައާ ގުޅޭ ގޮތުން ނެގި ވޯޓުގައި އެ މައްސަަލަ ބަލައިގަންނަން ވޯޓު ދެއްވީ އެންމެ ހަތް މެމްބަރުން ނެވެ. ނުފެންނަކަމަށް 20 މެމްބަރުން ވޯޓު ދެއްވި އެވެ. އަދި ވަކި ކޮޅަކަށް 27 މެމްބަރަކު ވޯޓެއް ނުދެއްވި އެވެ.

މައްސަލަ ހުށަހަޅުއްވަމުން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ ރައީސް ޔާމީންގެ ޝަރީއަތށް ނުފޫޒު ފޯރުވިކަން އެމަނިކުފާނަށް ހުކުމް ކުރި ފަނޑިޔާރުންގެ ލީކުވެފައިވާ އޯޑިއޯތަކުން ހާމަވެ ނިމިއްޖެ ކަމަަށެވެ. ހަމަ އެހެންމެ ރައީސް ޔާމީންއަށް ހުކުމް ކުރުމާއެކު ފަނޑިޔާރުންނަށް އެ ބޭފުޅުންގެ މަގާމުގެ ކުރިއެރުން ލިބޭނެކަން އެންގި އިރު އަދިވެސް ދެ ފަނޑިޔާރަށް ކުރިއެރުން ނުލިބޭކަން އޯޑިއޯތަކުން އެނގިގެންގޮސްފައިވާ ކަމަށެވެ.

އޭގެ އިތުރުން ފަނޑިޔާރުން ހުކުމް ކުރިއިރު ފަނޑިޔާރުން ތިބީ ހުކުމުގައިވާ އެއްޗެއް ނޭނގޭ ހާލުގައި ކަމަށެވެ. އަދި އެއާއެކު ގާނޫނު އަސާސީއާވެސް ފަނޑިޔާރުން ހިލާފުވެ އަދި ކަނޑައެޅިގެން ފަނިޔާރުންނަށް ނުފޫޒު ފޯރުވިކަން އެނގިގެން ގޮސްފައިވާ ކަމަށެވެ.

އެހެންކަމުން ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވައި ފަނޑިޔާރުންނަށް ރިޝްވަތުދީ ބިރުދައްކާފައިވާ މައްސަަލަ އަދުލުވެރިކަމާއި އިންސާފުވެރިކަމާއެކު ތަހުގީގުކުރުމަށް އާދަމް ޝަރީފް ހުށަހެޅުއްވި އެވެ.