އަބްދުﷲ ޝާހިދު

ރިޔާސަތާ ހަވާލުވުމުގެ ގޮތުން ސަފީރުންނާ ބައްދަލުކުރައްވަނީ

Aug 31, 2021

އދ.ގެ އާއްމު މަޖިލީހުގެ ރިޔާސަތާ ހަވާލުވެވަޑައިގަތުމަށް ތައްޔާރުވުމުގެ ގައުމުތަކުން އދ. އަށް ކަނޑައަޅުއްވާފައި ތިއްބަވާ ސަފީރުންނާ ގޮތުން އދ.ގެ އިންތިހާބީ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބައްދަލުކުރައްވަން ފައްޓަވައިފި އެވެ.

އެގޮތުން މިނިސްޓަރު ޝާހިދު އިއްޔެ ވަނީ އިޓަލީ ވިލާތުން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު މައުރީޒިއޯ މަސަރާއީ އާއި ބައްދަލުކުރައްވާފަ އެވެ. އެމަނިކުފާނުގެ އުއްމީދުގެ ރިޔާސަތަށް އިޓަލީވިލާތުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ޝާހިދު ވިދާޅުވެފައިވެ އެވެ. މިބައްދަލުވުމުގައި އިޓަލީވިލާތުގެ ސަފީރު ވަނީ ތިމާވެއްޓާއި، ސިއްހީ ދާއިރާއާއި، އިންސާނީ ހައްގުތަކާ އަންހެނުންގެ ހައްގުތަކުގެ ދާއިރާގެ އިތުރުން ޒުވާނުންގެ ކަންތަކުގައި ގުޅިގެން މަސައްކަތްކުރަން އިޓަލީވިލާތުން ތައްޔާރަށް އޮތްކަން ހާމަކުރައްވާފަ އެވެ.

މިނިސްޓަރު ޝާހިދު ވަނީ ސްލޮވީނިއާ އިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ބޮސްޖާން މަލްވޯއާ ވެސް އިއްޔެ ބައްދަލުކުރައްވާފަ އެވެ.

ސްލޮވީނިއާ އަކީ މިނިސްޓަރު ޝާހިދުގެ ރިޔާސަތުގައި އާއްމު މަޖިލީހުގެ ނައިބު ރައީސްކަން ކުރާނެ އެއް ގައުމެވެ. މި ބައްދަލުވުމުގައި ޝާހިދުގެ ރިޔާސަތުގައި އާއްމު މަޖިލީހުގައި އިސްކަން ދެއްވާނެ ކަންތައްތަކާ ބެހޭ ގޮތުންނާއި، ސްލޮވީނިއާ އިން ވިލާތުގެ އިއްތިހާދުގެ ރިޔާސަތުގައި އިސްކަން ދޭނެ ކަންތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވާފަ އެވެ.

މީގެ އިތުރުން އެމެރިކާ އިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ލިންޑާ ތޮމަސް-ގްރީންފިލްޑް ވެސް އިއްޔެ ވަނީ މިނިސްޓަރު ޝާހިދާ ބައްދަލުކުރައްވާފަ އެވެ. ޝާހިދުގެ ރިޔާސަތަށް އެމެރިކާގެ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން އެމެރިކާ އިން ވަނީ ދީފަ އެވެ.

މިނިސްޓަރު ޝާހިދު އިތުރަށް ބައްދަލުކުރެއްވީ އަޔަލެންޑުން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޖެރަލްޑީން ނޭސަންއާ އެވެ. އަދި އެކަމަނާ ވަނީ އދ.ގެ ސަލާމަތީ މަޖިލީހުގައި އަޔަލެންޑުން އިސްކަން ދޭން ރާވާފައިވާ ކަންކަމާ ބެހޭ މައުލޫމާތު މިނިސްޓަރު ޝާހިދާ ހިއްސާކުރައްވާފަ އެވެ.

އދގެ ސެކްރެޓަރީ ޖެނެރަލްގެ ޔޫތު އެންވޯއީ ޖަޔަތުމާ ވިކްރަމަނަޔަކަ އާއި ޔޫތު އެޑްވައިޒަރީ ގްރޫޕް އޮން ކްލައިމެޓް ޗޭންޖާ ވެސް، މިނިސްޓަރ ޝާހިދު ވަނީ ބައްދަލުކުރައްވާފަ އެވެ. މި ބައްދަލުކުރެއްވުމުގައި އދގެ އާއްމު މަޖިލީހުގެ 76 ވަނަ ސެޝަންގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމާ ބެހޭ ގޮތުން ގިނަ މަޝްވަރާތަކެއް ކުރައްވާފައިވެ އެވެ.

އދގެ ސަލާމަތީ މަޖިލީހުގެ ޚާއްސަ ބައްދަލުވުމަކަށް މިވަގުތު ނިއުޔޯކަށް ވަޑައިގެން ހުންނެވި އެ ކައުންސިލްގެ މިމަހުގެ ރިޔާސަތު ބެލެހެއްޓެވި އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދާން ޝްރިންގްލާއާ ވެސް މިނިސްޓަރު ޝާހިދު ވަނީ ބައްދަލުކުރައްވާފަ އެވެ. އަދި އިންޑިއާއިން ސަލާމަތީ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓި ގޮތުގެ ފުރިހަމަ ކަމަށް މިނިސްޓަރު ޝާހިދު ވަނީ ތައުރީފުކުރައްވާފަ އެވެ.