ހދ. ހިރިމަރަދޫގެ ފެނާއި ނަރުދަމާ ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.
ފެން ކުންފުނިން މިއަދު ބުނީ މިހާރު އެ މަޝްރޫއުގެ ދަށުން ކުރަނީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ އިމާރާތުގެ މަސައްކަތް ކަމަށެވެ. ފެނުގެ ނިޒާމު ގާއިމުކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި މިހާރު ވަނީ ހިރިމަރަދޫ އަށް ގެންގޮސްފަ އެވެ.
ހިރިމަރަދޫގައި 8.06 ކިލޯމީޓަރުގެ ދިގު ފެންހޮޅީގެ ނެޓްވޯކެއް ގާއިމުކުރާނެ އެވެ. އަދި އާރްއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި، ފެން އުފެއްދުމަށް ދެ އާރްއޯ ޕްލާންޓް ބެހެއްޓުމުގެ އިތުރުން ފެން ރައްކާކުރަން ތިން ތާންގީ ބަހައްޓާނެ އެވެ.
މި މަޝްރޫއުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން ހިރިމަރަދޫގައި 5.02 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކް ގާއިމުކުރުމާއި، 1.12 މީޓަރުގެ ޕަންޕިން ލައިނެއް އަޅާނެ އެވެ.
މީގެ އިތުރުން ނަރުދަމާގެ އިދާރީ ބިލްޑިން އިމާރާތް ކުރުމާއި، ތިން ޕަންޕިން ސްޓޭޝަނާއި އަދި އެއް ސީ އައުޓް ފޯލް ގާއިމުކުރުން ހިމެނެ އެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދޭނެ ކަމަށްވެސް އެކުންފުނިން ބުންޏެވެ.
މިމަޝްރޫއުގެ ދަށުން ފެނާއި ނަރުދަމާގެ ނިޒާމު ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ބުންޏެވެ.
ޕްލޭނިން މިނިސްޓްރީން އެމްޑަބްލިޔުއެސްސީ އާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ އަގަކީ 69.14 މިލިއަން ރުފިޔާ އެވެ.
މި މަސައްކަތް 540 ދުވަހުގެ ތެރޭގައި ނިންމަން ވަނީ ޝަރުތުކޮށްފަ އެވެ.