ބޮލީވުޑް

"ދިލްވާލޭ" ޕްރޮމޯޓްކުރަން ޝާހްރުކް ސަލްމާންގެ ޝޯއަށް!

Nov 26, 2015

ސުޕްސްޓާ ޝާހްރުކް ޚާނާއި ސަލްމާން ޚާންގެ ދެމެދުގައި އޮތް، ޒަމާންވީ ރުޅިވެރިކަން އެއްފަރާތްކުރުމަށްފަހު މިދެތަރިން ވަނީ ގާތް ރަހުމަތްތެރިންނަށް ވެފަ އެވެ.

ގިނަ ދުވަސްތަކެއް ވަންދެން މިދެތަރިން ވާހަކަ ނުދައްކާ ތިބުމަށްފަހު، މިފަހުން ގުޅުން ބަދަހިވެފައިވާއިރު މިހާރު މިދެތަރިންނަކީ އަންނަނީ އެކަކު އަނެކަކު އެންމެ ހިތާމަވެރި ދަނޑިވަޅުތަކުގައްޔާއި އަދި ފިލްމުތައް ޕްރޮމޯޓްކުރުމަށްވެސް މަސައްކަތްކޮށްދެމުންނެވެ.

އެގޮތުން ގިނަ ބަޔަކު އަބަދުވެސް އެންމެ އިންތިޒާރުކުރަނީ މިދެތަރިން އެކުގައި ފިލްމަކުން ފެނިގެންދާނެ އިރަކަށެވެ. ފިލްމަކުން މިދެތަރިން ކައިރި މުސްތަގުބަލެއްގައި ފެނިގެން ނުދިޔަ ނަމަވެސް، ސަލްމާން ކަލާސް ޗެނަލުން ހޯސްޓް ކުރަމުން އަންނަ ރިއަލިޓީ ޝޯ "ބިގް ބޮސް 9" އަކަށް ޝާހްރުކްގެ އަންނަ މަހުގައި ރިލީޒްކުރާ "ދިލްވާލޭ ރިލީޒްކުރަން ދާނެ ކަމަށްވެ އެވެ.

މިއީ މިދެތަރިންގެ ގުޅުން ބަދަހިވި ފަހުން މިފަދަ ޝޯއަކުން ފެނިގެންދާ ފުރަތަމަ ފަހަރެވެ.

ބުނެވޭ ގޮތުގައި މީގެ ދުވަސްކޮޅެއް ކުރިން ޝާހްރުކް ވަނީ "ބިގް ބޮސް" އަށް އޭނާ އާއި ކާޖޮލްގެ ލީޑްރޯލުން ފެނިގެންދާ ފިލްމު ޕްރޮމޯޓްކުރުމަށްދިއުމުގެ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.

މިހާއްސަ އެފިސޯޑް ޓީވީ އިން ދެއްކުމަށް ހަމަޖެހިފައިވަނީ 5- 6 ޑިސެމްބަރު ނުވަތަ 13 - 14 ޑިސެމްބަރުގައި ކަމަށްވެ އެވެ.

ސަލްމާން ވަނީ "ބިގް ބޮސް"ގެ މިއަހަރުގެ ސީޒަން ފެށުމުގެ މާކުރިން ޝާހްރުކްގެ ފިލްމު ޕްރޮމޯޓްކުރުމަށް އެޝޯ އަށް އައުމުގެ ދައުވަތިދީފަ އެވެ. އެގޮތުން ސަލްމާން ވަނީ ޕްރެސްކޮންފަރެންސް އެއްގައި ޝާހްރުކް އޭނާގެ ޝޯއަށް އައުން އެއީ ވަރަށް އެދޭ ކަމެއް ކަމަށާއި އެހެންކަމުން ޝާހްރުކް އަންނަ ބޭނުންނަމަ އޭނާ އަށް މަރުހަބާ ކިޔާނެ ކަމަށް ބުނެފަ އެވެ.

"ޝާހްރުކް މިޝޯއަށް އަންނަމަ އަންނަން ޖެހޭނީ "ދިލްވާލޭ" ޕްރޮމޯޓްކޮށް، ޝޯގެ ބައިވެރިންނާއެކު މަޖާ ވަގުތުކޮޅެއް ހޭދަކޮށް އޭނާއަށް މިހާތަނަށް ލިބިފައިވާ ތަޖުރިބާ ބައިވެރިންނާއި ހިއްސާކުރުމަށް" ޝާހްރުކަށް ޝޯއަށް މަރުހަބާ ކިޔާނެ ކަމަށް ބުނަމުން ސަލްމާން ބުނެފައިވެ އެވެ.

މިމަހުގެ ދެވަނަ ދުވަހު 50 އަހަރު ފުރުނު ޝާހްރުކަށް ސަލްމާން ވަނީ އޭނާގެ ސްޓައިލްގައި ތަހުނިޔާ ކިޔާފަ އެވެ.

އަންނަ މަހުގެ 12 ވަނަ ދުވަހު ރިލީޒްކުރާ "ދިލްވާލޭ" އަކީ މިއަހަރު ނިކުތުމަށް ހުރި ފިލްމުތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ ފިލްމަށްވާއިރު، މިއަހަރުގެ އެންމެ ބޮޑު އާމްދަނީ ލިބުނު ފިލްމުގެ ރެކޯޑާއި ފުރަތަމަ ދުވަހު އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމުގެ ރެކޯޑް ހަދާފައިވަނީ ސަލްމާންގެ "ބަޖްރަންޖީ ބައިޖާން" އާއި "ޕްރޭމް ރަތަން ދަން ޕާޔޯ" އިންނެވެ.

ހަމަ ޔަގީނުންވެސް ގިނަ ބަޔަކު ބަލަން މިހާރު ބޭނުންވަނީ ސަލްމާން ހަދާފައިވާ ހުރިހާ ރެކޯޑެއް ޝާހްރުކްގެ "ދިލްވާލޭ" އަށް މުގުރާލެވިދާނެ ތޯ އެވެ.