ފިނޭންސް މިނިސްޓްރީ

އިތުރަށް ޖަމާވި ފައިސާ ހިފަހައްޓަން އަންގައިފި

Sep 1, 2021
2

ސިއްހީ ދާއިރާގެ މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި އިތުރަށް ޖަމާވި ފައިސާ ހިފަހައްޓަން ފިނޭންސް މިނިސްޓްރީން ބޭންކްތަކަށް އަންގައިފި އެވެ.

ސަރުކާރު މުވައްޒަފުންނަށް އިއްޔެ މުސާރަ ޖަމާކުރިއިރު ބައެއް ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒު ތަކުގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި 70،000 ރުފިޔާ ވެސް ޖަމާކުރެވިފައިވެ އެވެ.

ނަމަވެސް އެއީ އޮޅިގެން ޖަމާކުރެވިފައިވާ އަދަދުތަކެއް ކަމަށްވާތީ އެގޮތަށް މުސާރަ ލިބުނު 100 އެއްހާ މުވައްޒަފުންނަށް ފަހުން ވަނީ އެކަން އަންގާފަ އެވެ.

ބައެއް މުވައްޒަފުންނަށް އިތުރަށް ޖަމާވިއިރު ލިބެންޖެހޭ މުސާރަ އަށް ވުރެ ކުޑަކޮށް މުސާރަ ޖަމާވި މުވައްޒަފުން ވެސް ތިއްބެވެ. މަދުން މުސާރަ ލިބުނު މުވައްޒަފުންނަށް ވެސް އެ މީހުންގެ ހަމަ މުސާރަ ލިބޭނެ ކަމަށް ވަނީ އަންގާފަ އެވެ.

މިމައްސަލައާއި ގުޅިގެން އަވަސް އަށް މިއަދު މައުލޫމާތު ދިން ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ މުސާރަ ޖަމާކުރުމުގައި އޮޅުމެއް ހިނގާފައިވާ ކަމަށެވެ. ބޭންކްތަކާ ގުޅިގެން އެކަން ރަނގަޅުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވަ އެވެ.