ނަޝީދަށް އަމާޒު ކުރި ހަމަލަ

އިސްހާގާއި ފަހުމީގެ ބަންދަށް އިތުރު 14 ދުވަސް

Sep 1, 2021

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާއި ގުޅިގެން އެ ހަމަލާ ރޭވުމުގައި އިސްކޮށް އުޅުނު ދެ މީހުން ކަމަށްވާ މ. އުދެހިގޭ އިސްހާގާއި ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަލީގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.

އިސްހާގައި ފަހުމީގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ 14 ދުވަސް ދީފައިވަނީ އެ ދެ މީހުންގެ ބަންދަށް މިދިޔަ ޖުލައި މަހު ދިން 30 ދުވަހުގެ މުއްދަތު ހަމަވުމުންނެވެ.

އިސްހާގަކީ ހަމަލާ ދިނުމުގައި އެންމެ އިސްކޮށް ހުރި ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދު އެ ހަމަލާ އަށް ތައްޔާރުކުރި މީހާ ކަމަށް ފުލުހުން ތުހުމަތުކުރެ އެވެ. އަދި ފަހުމީ އަކީ ވެސް ހަމަލާގެ އެކި ކަންކަމުގައި ބައިވެރިވެފައިވާ މީހެއް ކަމަށް ފުލުހުން ތުހުމަތުކުރެ އެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ދައުވާ ކުރަން ފޮނުވާފައިވަނީ ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދު ރަޝީދު (25) އާއި މއ. ފޭރުގެ މުޖާޒް އަހުމަދު (21) އާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު (32) އަދި ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމް (27) އެވެ. މިމައްސަލާގައި ލ. ގަން، ދުންފިނިއުފާ އަހްމަދު ފާތިހުގެ މައްޗަށް ވެސް ދައުވާ ކުރަން ފުލުހުން ޕީޖީ އޮފީހަށް މައްސަލަ ފޮނުވި އެވެ. ނަމަވެސް ފާތިހަށް ދައުވާ ނުކުރުމުން ފުލުހުން މިހާރު ވަނީ އޭނާ ދޫކޮށްލާފަ އެވެ.

އަދުހަމަކީ ހަމަލާ ދިނުމަށްޓަކައި އަތަމާ ޕެލަސްގެ ގޯޅިތެރޭ ހުރެގެން ބޮން ގޮއްވާލި މީހާ އެވެ. އަދި އޭނާ ހުރީ ހަށިގަނޑު ގޮއްވާލައިގެން ވެސް އެ ހަމަލާ ދިނުމަށް ތައްޔާރަށް ކަމަށް ފުލުހުން ބުނެފައިވެ އެވެ. ތަހުމީނަކީ ހަމަލާ ދިނުމަށް ބޭނުންކުރި ސައިކަލްގެ ވެރި ފަރާތެވެ. އޭނާ ވަނީ ސައިކަލްގައި ބޮން ހަރުކުރުމަށްވެސް އެހީތެރިވެ ދީފަ އެވެ. މުޖާޒަކީ ހަމަލާގެ ފަހުން އަދުހަމްގެ ހެދުން ބަދަލުކޮށް ފިލައިގެން މާލޭގައި އުޅުމަށް އެހީތެރިވެދިން މީހެކެވެ. އަލީ ހައިޝަމަކީ ސައިކަލްގައި ބޮން ހަރުކުރަން އަމަލީގޮތުން ބައިވެރިވި މީހެކެވެ. އަދި ހަމަލާ ރޭވުމުގައި އޭނާގެ ދައުރު ވަރަށް ބޮޑު ކަމަށް ފުލުހުން ބުނެ އެވެ.

ހަމަލާއާއި ގުޅިގެން ހައްޔަރުކޮށްފައިވާ އެހެން މީހުންނަކީ އއ. މާޅޮސް އަސަރީގެ މުހައްމަދު ނާޒިމް އާއި ހއ. މޮޅަދޫ ބަހާރުގޭ އަބްދުﷲ އަލިމަނިކު އަދި ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްމީން އެވެ.

ހަމަލާއާއި ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރެއިން މިހާތަނަށް ދޫކޮށްލި ހަމައެކަނި މީހަކީ ވެސް ފާތިހު އެވެ. އޭނާ އަކީ ކުރިން ފުލުހުންގެ އިންޓެލިޖެންސްގައި މަސައްކަތް ކުރި މީހެކެވެ.