އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަށް އެ ޕާޓީން އަންގާފައިވާ އެންގުން ރަނގަޅު ނޫން ކަމަށް އިލެކްޝަންސް ކޮމިޝަނުން އަންގާފައިވަނިކޮށް އެ ކަމަށް ރިއާޔަތް ނުކޮށް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ދާއިމީ ލިސްޓް އާންމުކޮށްފި އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް އެންގުމުން އެމްޑީޕީގެ ޝަކުވާ ބަލާ ކޮމެޓީއަށް މަހުލޫފް މައްސަލަ ހުށައެޅިއެވެ. ނަމަވެސް އެ ކޮމެޓިން ނިންމި ނިންމުމުގައި ބުނެފައިވަނީ ދާއިރާ އިންތިހާބުގައި ކުރިމަތިލުމުގެ ހަތަރުވަނަ ޝަރުތުގައިވާ ގޮތުން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން އެއްވެސް ފިޔަވަޅެއް އެޅުމަށް އެދި އޭސީސީން އެއްވެސް އިދާރާއަކަށް ފޮނުވާފައިވާ މީހަކަށް އިންތިހާބުގައި ކުރިމަތިލުމުގެ ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. އެ ގޮތުން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި މަހުލޫފަށް ދައުވާކޮށް ދިނުމަށް އެދި އޭސީސީން ޕީޖީއަށް ފޮނުވާފައިވާ ކަމަށެވެ.
އެ ނިންމުމުގެ ކުރީން މަހުލޫފް ވަނީ މައްސަލަ އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާފައެވެ. އެ ކޮމިޝަނުން މިއަދު ނިންމި މައްސަލާގައި ބުނެފައިވަނީ ޕާޓީއެއްގެ އެތެރޭގެ އިންތިހާބުގައި ވާދަކުރާ މެމްބަރަކަށް ޝަރުތުތަކެއް ކަނޑައަޅާ ނަމަ އެ މަގާމަށް މީހުން އިންތިހާބު ކުރާނެ ގޮތުގެ އުސޫލެއް އަސާސީ ގަވާއިދުގައި ކަނޑައަޅަން ޖެހޭނެ ކަމަށެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނަށް ހުށައަޅައި ދަފްތަރުކޮށްފައިވާ އެމްޑީޕީގެ އަސާސީ ގަވާއިދުގައި އެ ޕާޓީގެ އެތެރޭގެ އިންތިހާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުންނަށް އެމްޑީޕީގެ މެންބަރުކަން ފިޔަވައި ވަކި ހާއްސަ ޝަރުތެއް ބަޔާންކޮށްފައިނުވާ ކަމަށެވެ.
މި ސިޓީގައި ވަކި ކަމަށް އަމަލު ކުރަން އަންގާފައި ނެތް ނަމަވެސް މަހުލޫފްގެ މައްސަލާގައި އެެ ޕާޓީން އަމަލުކުރި ގޮތް ގޯސްކަން ސާފުކޮށް ވަނީ ބަޔާންކޮށްފައެވެ. ނަމަވެސް އެކަމަށް ރިއާޔަތްކުރުމެއް ނެތި އެމްޑީޕީން މީގެ ތިން ގަޑިިިއިރު ކުރީން ވަނީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ދާއިމީ ލިސްޓް އާންމުކޮށްފައެވެ.
މިކަމާއި ގުޅޭގޮތުން އެމްޑީޕީން ރަސްމީކޮށް އަދި ވާހަކައެއް ނުދައްކައެވެ.