ޖޭއެސްސީ

ޖޭއެސްސީ އިސްލާހުކުރަން ތޯރިގު ބިލެއް ހުށަހަޅުއްވަނީ

ސިޔާސީ ބޭފުޅުން ނުހިމެނޭ ގޮތަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލަވާލުމަށް މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގު ގާނޫނު އަސާސީ އަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅުއްވަން ނިންމަވައިފި އެވެ.

ތޯރިގު އަވަސް އަށް މިއަދު ވިދާޅުވީ އެ ބިލު މިއަދުގެ ވަގުތެއްގައި މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށާއި އަދި އޭގެ ތަފްސީލު ވަރަށް އަވަހަށް ހާމަކުރައްވާނެ ކަމަށެވެ.

ޖޭއެސްސީ އިސްލާހުކުރަން މީގެ ކުރިންވެސް ތޯރިގު ވަނީ މަޖިލީހަށް ބިލެއް ހުށަހަޅުއްވާފަ އެވެ. ނަމަވެސް މިދިޔަ އަހަރު މަޖިލީހަށް ހުށަހެޅުއްވި އެ ބިލު މަޖިލީހުން ބަލައިގެންފައެއް ނުވެ އެވެ.

ޖޭއެސްސީ އިސްލާހުކުރަން ބޭނުންވާކަން ސަރުކާރުން ވެސް އިއްޔެ ވަނީ ހާމަކޮށްފަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާނު މަބްރޫކް އަބްދުލް އަޒީޒް އިއްޔެ ވިދާޅުވީ ރައީސް ސޯލިހްގެ ވެރިކަން ނިމުމުގެ ކުރިން ޖޭއެސްސީ އެކުލަވާފައި އޮތް ގޮތަށް ބަދަލު ގެންނާނެ ކަމަށެވެ.

މަބްރޫކް ވިދާޅުވީ އެ ބަދަލު ގެނައުން ލަސްވެފައިވާކަން ގަބޫލުކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވީ ޖޭއެސްސީ އަށް ބަދަލު ގެންނާނީ އެންމެންނަށް އިތުބާރު ހިފޭ ގޮތަކަށް ކަމަށާއި އެ ބަދަލު ގެނައުމަށް ގާނޫނީ ދާއިރާގެ ފަންނުވެރިންގެ ލަފާ ރައީސް ސޯލިހު ހޯއްދަވަމުން ގެންދަވާ ކަމަށެވެ.

ޖޭއެސްސީގައި މިހާރު ގިނަ އަދަދެއްގެ ސިޔާސީ މީހުން ތިބޭތީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވެއެވެ.

ޖޭއެސްސީގައި މެންބަރުން ހިމެނޭ ގޮތް

  • ރައްޔިތުންގެ މަޖިލީހުގެ ރައީސް
  • ސުޕްރީމް ކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުން އިންތިހާބު ކުރާ އުއްތަމަ ފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރަކު
  • ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުން އިންތިހާބު ކުރާ ފަނޑިޔާރަކު
  • ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓު ތަކުން އިންތިހާބު ކުރާ ފަނޑިޔާރަކު
  • ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެ މަޖިލީހުން ކަނޑައަޅާ މެންބަރަކު
  • އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މީހަކު
  • ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މީހަކު
  • ބަންޑާރަނައިބު
  • ދިވެހިރާއްޖޭގައި ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ވަކީލުންގެ ތެރެއިން އެބައިމީހުން އިންތިހާބު ކުރާ ގާނޫނީ ވަކީލަކު

ޖޭއެސްސީ އެކުލަވާލާފައިވާ ގޮތް ބަދަލުކުރާނަމަ ގާނޫނުއަސާސީ އިސްލާހުކުރަންޖެހޭނެ އެވެ. ގާނޫނުއަސާސީގެ 261 ވަނަ މާއްދާގައި ބުނެފައިވަނީ ގާނޫނުއަސާސީ އަށް އިސްލާހެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރު ބައިކުޅަ ތިންބައިގެ އަޣުލަބިއްޔަތުން ފާސްކުރާ ގާނޫނަކުން ކަމަށެވެ.