ޔޫއެން

އާއްމު މަޖިލީހުގެ ރައީސާއި އިންތިހާބީ ރައީސްގެ ބައްދަލްވުމެއް

މިހާރު ކުރިއަށްދާ އދ ގެ އާއްމު މަޖިލީހުގެ 75 ވަނަ ސެޝަންގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދަވާ ވޮލްކަން ބޮޒްކިރް އާއި މިނިސްޓަރު އޮފް ފޮރިން އެފެއާޒް އަދި އާއްމު މަޖިލީހުގެ 76 ވަނަ ސެޝަންގެ އިންތިހާބީ ރައީސް އަބްދުﷲ ޝާހިދު އިއްޔެ ބައްދަލު ކުރައްވައިފި އެވެ.

ނިއުޔޯކްގައި ހުންނަ އދ ގެ މައި މަރުކަޒުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޝާހިދު ވަނީ އެމަނިކުފާނުގެ "އުއްމީދުގެ ރިޔާސަތު"ގެ މައުލޫމާތު ބޮޒްކިރް އަށް އަރުވާފައެވެ. އަދި ބޮޒްކިރްވެސް ވަނީ އެމަނިކުފާނުގެ ފުރިހަމަ އެއްބާރުލުން މި ހިނގާ ދައުރު ނިމެންދެން އަދި އޭގެ ފަހުންވެސް ލިބިވަޑައިގަންނަވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

އާއްމު މަޖިލީހުގެ ރައީސްގެ އިތުރުން އދގެ އެކި ގުނަވަންތަކުގެ އިސްވެރިންނާއި އަދި އެކި ގައުމުތަކުން އދއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާވެސް މިނިސްޓަރު ޝާހިދު އިއްޔެ ބައްދަލުުކުރެއްވިއެވެ. އެގޮތުން ޔޫއެން އިކޮނޮމިކް ކޮމިޝަން ފޯ ޔޫރަޕްގެ އެގްޒެކެޓިވް ޑިރެކްޓާ އަދި އދގެ އަންޑާ ސެކްރެޓަރީ ޖެނެރަލް އޮލްގާ އަލްގަޔެރޮވާ އާއި ޔޫއެން ހެބިޓެޓްގެ އެގްޒެކެޓިވް ޑިރެކްޓާ މައިމޫނާ މުހައްމަދު ޝަރީފްގެ އިތުރުން ޑެންމާކް އާއި ފިޖީ އާއި ސްލޮވާކިއާ އާއި އެލްސެލްވަޑޯ އިން އދއަށް ކަނޑައަޅާފައި ތިއްބަވާ ދާއިމީ މަންދޫބުންނާއި އިއްޔެ ނިއުޔޯކްގައި މިނިސްޓަރު ޝާހިދު ވަނީ ބައްދަލުކުރައްވާފައެވެ.

މީގެ އިތުރުން ޝާހިދު ވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެގްޒެކެޓިވް ޓީމްއާއި ދުނިޔޭގެ އެކި ހިސާބުތަކުގައި ގާއިމްކޮށްފައިވާ ރާއްޖޭގެ 17 ޑިޕްލޮމެޓިކް މިޝަން ހިންގަވަން ތިއްބެވި ސަފީރުންނާ ވާޗުއަލްކޮށް ބައްދަލުކުރައްވާފައެވެ. މިނިސްޓަރު ވިދާޅުވީ ޓީމް ހާރިޖީ އޮތީ ބައިލޭޓަރަލް އަދި މަލްޓިލޭޓަރަލް ގުޅުންތައް އިތުރަށް ވަރުގަދަކޮށް ރައްޔިތުންނަށް ފޯރުކޮށްދޭ ކޮންސިއުލާ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް ދިވެހިރާއްޖެ އަކީ ފަހުރުވެރި ގައުމަކަށް ހަދަން ތައްޔާރަށް ކަމަށެވެ.