މޯލްޑިވްސް ޕޮލިސް ސާވިސް

މަންދީއަށް ހަމަލާދިން މީހާ ހައްޔަރުކޮށްފި

އެމްޑީޕީ ސެކްރެޓޭރިއެޓްގައި ހިމެނޭ ފިރިހެން މުވައްޒަފަކު އެމްޑީޕީގެ ސެކްރެޓޭރިއެޓް މުވައްޒިފެއް ކަމަށްވާ މަރިޔަމް ޒުބައިރު (މަންދީ)ގެ ބޯ ފަޅާލާ އަނިޔާ ދިން މައްސަލާގައި އެ ފިރިހެން މީހާ ހައްޔަރުކޮށްފި އެވެ.

އެމްޑީޕީގެ މައި އޮފީހުގެ ތެރޭގައި މާރާމާރީ ހިނގީ އިއްޔެ މެންދުރު 12:30 ހާއިރު އެވެ. އަނިޔާވި މަންދީއަކީ ލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމްގެ މަންމައެވެ.

އެނގިފައިވާ ގޮތުގައި މަންދީއަށް ހަމަލާދިން ކަަމުގެ ތުހުމަތުގައި ޖަޒީލް ހައްޔަރުކޮށްފައިވަނީ މީގެ ކުޑައިރުކޮޅެއްގެ ކުރީންނެވެ. އޭނާ ހައްޔަރު ކުރަން ފުލުހުން ވަނީ ކޯޓް އަމުރެއްވެސް ހޯދާފައެވެ.

އިއްޔެ ހާދިސާއާ ގުޅިގެން މަންދީ ކުރި ޓްވީޓްތަކެއްގައި އޭނާ ވަނީ ހަމަލާދިން މީހާއަށް ޖަލު ހުކުމެއް އަންނަން ބޭނުން ނުވާ ކަމަށެވެ. އަދި އެމީހާއަށް ބޭނުންވަނީ ފަރުވާ ކަމަށެވެ.

"އަޅުގަނޑު ނޭދެން ޖަޒީލް [ހަމަލާދިން މީހާ] ގެންގޮސް ގޮޅިއަކަށްލާ އެތައް ދުވަހެއް ވަންދެން ބޭއްވުމަށްފަހު ޖަލު ގޮޅިއަކަށް ހުކުމް ކުރާކަށް. އޭނައަށް ފަރުވާ ބޭނުންވޭ. މިކަހަލަ ކުއްޖެއްނެތް އާއިލާއެއް މަދުވާނެ. މިކުދިންގެ މައިންބަފައިންނާ އާއިލާތަކުން ސަފާ ކުރާވަރު އަޅުގަނޑަށް ފެނޭ. އަޅުގަނޑު ވަރަށް އެދެން ފުލުހުން މިރޭ އޭނަ އެކަނި ގޮޅިއަކަށްލާ ދޫކޮށްނުލުން. އޭނައަކީ ގޯސްކުއްޖެއް ނޫން ފަރުވާ ބޭނުންވާ ކުއްޖެއް،"

މިއަދުގެ ހާދިސާއާ ގުޅޭގޮތުން ޖަޒީލްވެސް ވަނީ ބައެއް ނޫސްވެރިންނާ ވާހަކަ ދައްކާފައެވެ. އޭނާ ބުނީ ހަމަލާ ދިނީ މަސްތުވެ ހުރެގެން ނޫން ކަމަށާ އެއި ހަމަހޭގައި ހުރެ ކުރި ކަމެއް ކަމަށެވެ. އެކަން ކުރީ މަންދީ ހިމެނޭހެން އެމްޑީޕީ އޮފީހުގެ ބައެއް މުވައްޒިފުން އޭނާއަށް އެކި ގޮތްގޮތުން ފުރައްސާރަ ކުރަމުންދާތީ ކެތްނުކުރެވިގެން ކަމަށެވެ.