ބޮލީވުޑް

"ޝޭރްޝާހް"ގެ ދެ ލަވައެއް ޔޫއެސް ބިލްބޯޑު ޗާޓަށް

ފިލްމު ބަލާ މީހުންގެ ހިތްތަކާ ކުޅެލެވޭ ވަރުގެ މޮޅު ފިލްމެއް ބޮލީވުޑަށް ރިލީޒް ކުރެވެނީ ހާލަކުން ފަހަރަކު އެވެ. ސިދާރްތު މަލްހޯތުރާ އާއި ކިއާރާ އަދުވާނީގެ "ޝޭރްޝާހް" އަކީ މިފަހުން ރިލީޒް ކުރެވުނު އެންމެ ގިނަ ބައެއްގެ ހިތްތަކާ ކުޅެލެވުނު ފިލްމެވެ.

މި ފިލްމުގައި ދައްކަނީ އިންޑިޔާ މީހުން ހަގީގީ ބަތަލެއްގެ ގޮތުގައި ގަބޫލުކުރާ ކެޕްޓަން ވިކްރަމް ބަޓްރާގެ ހަގީގީ ހަޔާތުގެ ވާހަކަ އެވެ. ވިކްރަމް ވަނީ ހަނގުރާމައެއްގައި އިދިކޮޅުމީހުންގެ ހަމަލައަކުން މަރުވެފަ އެވެ.

ގިނަ ބަޔަކަށް މަގްބޫލުވެގެން އުޅެނީ ހަމައެކަނި މި ފިލްމެއް ނޫނެވެ. ފިލްމުގެ ބައެއް ލަވަތައް ވެސް މުޅި ދުނިޔެ ވެސް ވަނީ ބަލައިގަނެފަ އެވެ. އެގޮތުން ފިލްމުގެ އެންމެ މަޝްހޫރު ދެ ލަވަ ކަމަށްވާ "ރާންޖާ' އާއި "ރާތާން ލަންބިޔާން" މިހާރު ވަނީ "ބިލްބޯޑްސް ގްލޯބަލް އެކްސްކުލޫސިވް އޭސް ޗާޓް" އިން ޖާގަ ހޯދާފަ އެވެ.

ޖަސްލީން ރޯޔަލް އާއި ބީ ޕްރާކް ކިޔައިދީފައިވާ ވަރަށް އަސަރުގަދަ ލަވައެއް ކަމަށްވާ "ރާންޖާ" އަށް ޗާޓުގެ 73 ވަނަ ލިބިފައިވާއިރު ޖުބިން ނައުޓިޔާލް އާއި އަސީސް ކޯރު ކިޔައިދީފައިވާ "ރާތާން ލަމްބިޔާން" އުޅެނީ 28 ވަނައިގަ އެވެ.

"ރާތާން ލަމްބިޔާން" ލަވަ

މި އުފާވެރި ޚަބަރު ޝެއާކުރަމުން ފިލްމުގެ ޕްރޮޑިއުސަރު ކަރަން ޖޯހަރް ކުރި ޓުވީޓެއްގައި ބުނެފައިވަނީ "ޝޭރްޝާހް" ގެ މިއުޒިކް މުޅި ދުނިޔޭގެ ހިތް އަތުލައިފި ކަމަށެވެ.

ވިޝްނޫ ވަރްދަން ޑައިރެކްޓްކުރި "ޝޭރްޝާހް" ރިލީޒް ކޮށްފައި ވަނީ މިދިޔަ އޮގަސްޓް މަހުގެ 12 ވަނަ ދުވަހު އޯޓީޓީ ޕްލެޓްފޯމެއް ކަމަށްވާ އެމެޒޯން ޕްރައިމް ވީޑީއޯ އިންނެވެ.