ބާސެލޯނާ

ކޫމަން، ޕިއެނިކްއަށް އިހުތިރާމް ނުކުރާ ކަމަށް ބުނެފި

ބާސެލޯނާގެ ކޯޗު ރޮނާލްޑް ކޫމަން މިރަލިމް ޕިއެނިކްއަށް އިހްތިރާމް ނުކުރާ ކަމަށް އޭނާ ބުނެފި އެވެ.

ޕިއެނިކް މިވަގުތު ހުރީ ލޯނު އުސޫލުގެ ދަށުން ތުރުކީގެ ބެސްކިޓަސްގަ އެވެ. ބެސްކިޓަސް އިން ލޯނުގެ ގޮތުގައި މި ސީޒަން ނިމޭއިރު ބާސެލޯނާއަށް 2.7 މިލިއަން ޔޫރޯ ދައްކަން ޖެހޭނެ އެވެ.

ބެސްކިޓަސްއަށް ޕިއެނިކް ބަދަލުވުމަށް ފަހު ދިން އިންޓަވިއުއެއްގައި އޭނާ ބުނީ ބާސާގެ ކޯޗު ކޫމަން އޭނާއަށް އިހްތިރާމް ނުކުރާ ކަމަށެވެ. ޕިއެނިކް ބުނީ އޭނާއަކީ ފުޓްބޯޅައަށް ވަރަށް ލޯބިކުރާ ކުޅުންތެރިއެއް ކަމަށާއި، މިދިޔަ ސީޒަނުގައި އޭނާއަށް ކުރިމަތިލާން ޖެހުނު ކަންތަކަކީ ދުވަހަކުވެސް އުންމީދު ކުރި ކަމެއް ނޫން ކަމަށެވެ.

އަނިޔާގެ ސަބަބުންނާއި ރަނގަޅު ފޯމެއްގައި ނެތުމުގެ ސަބަބުން މިދިޔަ ސީޒަންގެ ގިނަ މެޗު ތަކެއް ގެއްލުނު ޕިއެނިކް ބުނީ ކޯޗު އޭނާއާއި ވާހަކަ ނުދައްކާ ކަމަށެވެ. އަދި ކޯޗަކީ ކުޅުންތެރިން ކުޅުމާއި ނުކުޅުމާއި މެދު ގޮތް ނިންމާ މީހާ ކަމަށް ވާއިރު، އޭނާ އާއި ކޯޗު ވާހަކަ ނުދެއްކުމުން މެންޓަލީ އަދި ފިޒިކަލީ ވެސް ދަތި ތަކަކާއި ކުރިމަތިލާން ޖެހުނު ކަމަށެވެ. ޕިއެނިކްއަކީ ހުރިހާ ކަމަކާއި ކުރިމަތިލާން ކެރޭ މީހެއްކަން ފާހަގަ ކުރަމުން އޭނާ ބުނީ ކޯޗުގެ އެއަމަލު ބަލައި ނުގަނެވޭނެ ކަމަށެވެ.

ނަމަވެސް ބާސާއަށް ބަދަލު ވެވުމުން އެކަމާއި ދެރަ ނުވާކަމަށް ޕިއެނިކް ބުންޏެވެ. އަދި ބުރަކޮށް މަސައްކަތްކޮށ އިތުރަށް ކުރިއަށްދާން ބޭނުންވާ ކަން ފާހަގަ ކުރަމުން ޕިއެނިކް ބުނީ ބާސާ އަދި ޔުވެންޓަސް ފަދަ މަޔީ ފަންތީގެ ކްލަބް ތަކަށް އޭނާއަށް ކުޅެވުނީ އެ ފެންވަރު ހުރުމުން ކަމަށެވެ. އެކަމަކު ބާސާގައި ރަނގަޅު ކުޅުމެއް ނުދެއްކުނީ އެވަރަށް ފުރުސަތު ނުލިބުމުން ކަމަށް ވެސް ޕިއެނިކް ބުންޏެވެ.

މިދިޔަ ސީޒަންގައި ބާސާއަށް ބަދަލު ވުމަށް ފަހު ޕިއެނިކް ފުރަތަމަ 11 ގައި ހިމަނާފައި ވަނީ އެންމެ ހަ މެޗުގަ އެވެ.

މި ނިމުނު ޓްރާންސްފާ މާކެޓުގައި ބާސާއިން ވަނީ އެޓީމުގެ ހަރަދުތައް ކުޑަ ކުރުމަށް ގިނަ ކުޅުންތެރިން ތަކެއް ވިއްކާލަން މަސައްކަތް ކޮށްފަ އެވެ. އެގޮތުން ލޯނު އުސޫލުން ދޫކޮށްފައިހުރި އެމާސަން ރޯޔަލް އަލުން އަނބުރާ މިއަހަރުގެ ޖޫން މަހު އެޓީމަށް ގެނައުމަށް ފަހު ބާސާއިން ވަނީ ޓްރާންސްފާ މާކެޓުގެ އެންމެ ފަހު ދުވަހު އޭނާ ޓޮޓެންހަމަށް ވިއްކާލާފަ އެވެ.