ދުނިޔެ

އިޒްރޭލު ޖަލުތަކުގައި ތިބި މީހުން މިނިވަންކުރެވޭތޯ ބަލަނީ

އިޒްރޭލު ޖަލުތަކުގައި ތިބި ފަލަސްތީން މީހުން މިނިވަން ކުރަން މަސައްކަތް ކުރާނެ ކަމަށް ހަމާސްއިން ބުނެފި އެވެ. މިއީ މަސްރަހު ދިރާސާ ކުރާ މީހުން ބުނާ ގޮތުގައި އިޒްރޭލާއެކު ހެދިދާނެ ޑީލެކެވެ. ސަބަބަކީ ހަމާސްގެ ހައްޔަރުގައި ވެސް އިޒްރޭލު މީހުން ތިބުމެވެ.

ޖަލުތަކުން މިހުން މިނިވަން ކުރަން މަޝްވަރާ ކުރެވޭ ކަމަށް މައުލޫމާތު އެނގި ތިބި މީހުން ބުނެ އެވެ. އިޒްރޭލުން ފަލަސްތީންގެ ޣައްޒާއަށް ދިން މިސައިލް ހަމަލާތަކަށް ފަހު ވެސް އިޒްރޭލުން ވަނީ ކުށްވެރިން ދޫކުރަން ގޮވާލާފަ އެވެ.

އިޒްރޭލުގެ ގޮވާލުމަށް ހަމާސްއިން ބުނެފައި އޮތީ ކުށްވެރިން ދޫނުކުރެވޭނެ ކަމަށާއި ބަދަލު ކުރަން ތައްޔާރު ކަމަށެވެ. މިކަމުގައި އިޒްރޭލަށް މާބޮޑު އިޚުތިޔާރެއް ނެތުމުން ފުރަތަމަ ބުނެފައި އޮތީ ޖަލުތަކުގައި ތިބި ހުރިހާ މީހުން ދޫކޮށް ނުލެވޭނެ ކަމަށާއި ހަމާސްއިން ލިސްޓެއް ހުށަހަޅައިފި ނަމަ މަޝްވަރާ ކުރެވިދާނެ ކަމަށެވެ.

މިއަހަރު މާޗްގައި ޔަހުދީ ފުލުހުން ހައްޔަރުކުރި ފަލަސްތީން ކަނބަލެއް ކަމަށްވާ އަންހާރު އަލާދައިކާ ވަނީ މިދާކަށް ދުވަހު ދޫކޮށްލާފަ އެވެ. އޭނާ ދޫކޮށްލީ މާބަނޑުވުމުން ޖަލުގައި ދިމާވާ ކަމަކުން ދަރިފުޅަށް ވެދާނެ ގެއްލުމަކަށްޓަކަ އެވެ. އެފަދަ ހާލަތެއް ދިމާވެއްޖެ ނަމަ ދުވަސްތައް ފަސޭހަ ނުވާނެކަން އިޒްރޭލު ދަނެ އެވެ.

އިޒްރޭލު ފުލުހުން ބުނީ އަންހާރު އަލާދައިކާ ހައްޔަރު ކުރަން ޖެހުނީ ފޯރިމަރަން ހުރި އިޒްރޭލު ސެކިއުރިޓީ އޮފިސަރަކަށް ވަޅިން ހަމަލާދޭން އުޅުމުން ކަމަށެވެ. އޭނާ ދޫކޮށްލީ ކަފާލާތަށް 12،500 ޑޮލަރު ދައްކަން ޝަރުތުކޮށެވެ.

އިޒްރޭލުގެ ޖަލުތަކުގައި 4،850 ފަލަސްތީން މީހުން ތިބި ކަމަށް ބުނެވެ އެވެ. އޭގެ ތެރޭގައި 41 ކަނބަލުންނާއި 225 ކުދިން ހިމެނޭ ކަމަށް ހައްގުތަކުގެ ދިފާއުގައި މަސައްކަތްކުރާ ޖަމާއަތްތަކުން ބުނެ އެވެ.

ހަމާސްއިން ބުނި ގޮތަށް ކުށްވެެރިން ބަދަލު ކުރުމުގައި މެދުވެރިއެއްގެ ދައުރު އަދާކުރަނީ މިސްރުންނެވެ. މަސައްކަތްތައް ހެޔޮ ފާލަކަށް އެޅޭނެ ކަމަށް އުންމީދުކުރާ ކަމަށް މިސްރުން ބުނެ އެވެ.