ހިޔާ މަޝްރޫއު

ހިޔާ ފްލެޓަށް ގަނެފައިވާ ސާމާނު ވަގަށް ނަގައިފި

Sep 6, 2021
5

ހިޔާ ފްލެޓް ލިބުނު މީހަކު ފްލެޓްގެ ފިނިޝިން މަސައްކަތްތައް ނިންމަން މުދާ ގަނެ ފްލެޓަށް ވައްދަން ބަހައްޓާފައި ހުއްޓާ އެ ތަކެތި ވަގަށް ނަގައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ އިއްޔެގެ ވަގުތެއްގައި އެ މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި މައްސަލަ ބަލަމުންދާ ކަމަށް ވިދާޅުވި އެވެ. ނަމަވެސް މައްސަލައިގެ ތުހުމަތުގައި އެއްވެސް މީހަކު ހައްޔަރުކުރި ކަމަކަށް ބުނެފައެއް ނުވެ އެވެ.

ފްލެޓްގެ ވެރިފަރާތުން މީޑިއާގައި ބުނެފައިވާ ގޮތުގައި ވަގަށް ނަގާފައިވަނީ 33،800 ރުފިޔާގެ މުދަލެވެ. އެ ތަކެތި އޭނާ ގަތީ ތިން މަހުގެ މުސާރަ އެއްކޮށްގެންނެވެ.

މުދާތައް ވަގަށް ނެގީ ފްލެޓަށް މުދާ އެރުވުމަށް ލިފްޓް ބިޒީވުމުން ލިފްޓް ކައިރީގައި އެ ތަކެތި ބަހައްޓާފައި ކުޑަވަގުތު ކޮޅަކަށް ސައިބޯން ބޭރަށް ދިޔަ ވަގުތު ކަމަށްވެސް ފްލެޓްގެ ވެރިފަރާތުން ބުނެފައިވެ އެވެ.

މިމައްސަލާގައި އެޗްޑީސީން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

ހިޔާ ފްލެޓްތައް ނިންމުމަށް އެ ސަރަހައްދަށް ވަރަށް ގިނަ މުދާ ގެންގޮސްފައިވާއިރު އެ ތަނުގައި ސެކިއުރިޓީ ބެލެހެއްޓުމަށް ހާއްސަކޮށްގެން އެއްވެސް ބަޔަކު ނުތިބެ އެވެ.