ރައްޔިތުންގެ މަޖިލިސް

ލައިސެންސް ނެތި ރިސޯޓްތަކުގައި ރީބްރޯޑްކާސްޓްކުރާ މައްސަލަ މަޖިލީހަށް

ލައިސެންސް ނެތި ބައެއް ރިސޯޓްތަކުން ބައެއް ޗެނަލްތައް ރީބްރޯޑްކާސްޓްކުރާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ބަލަން ފަށައިފި އެވެ.

މައްސަލަ ބެލުމުގެ ގޮތުން ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާއި ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ ވަނީ ހާޒިރުކޮށްފަ އެވެ.

ރީބްރޯޑްކާސްޓް ކުރުމުގެ މައްސަލަ ހައްލުކުރަން ބްރޯޑްކޮމްއިން ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމަށް ވެސް ކުރިން އެދުނެވެ. އެކަމާ ގުޅިގެން މިނިސްޓްރީން ވަނީ އެ މައްސަލަ ހައްލުކުރަން ފޯކަލް ޕޮއިންޓެއް ގާއިމުކޮށް ރިސޯޓްތަކާ ގުޅޭނެ ނަންބަރުތަކެއް ހިމެނޭ ލިސްޓެއް ބްރޯޑްކޮމްއާ ހިއްސާކޮށްފަ އެވެ. ނަމަވެސް ބައެއް ރިސޯޓްތަކާ ގުޅުމުން އެ ރިސޯޓުތަކުން ކޮމިޝަނަށް އެކަށީގެންވާ ވަރަށް އެއްބާރުލުން ނުދޭ ކަމަށް ބްރޯޑްކޮމް އިން ބުނެ އެެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ބްރޯޑްކޮމްގެ ނާއިބު ރައީސް މުހައްމަދު ގައިސް ވިދާޅުވީ ލައިސަންސް ނެތި 31 ރިސޯޓަކުން ރީބްރޯޑްކާސްޓް ކުރި މައްސަލައެއް އެ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެފަދަ މައްސަލަތައް 60 ދުވަހުގެ ތެރޭގައި ކޮމިޝަނުން ނިންމަން ޖެހޭ ކަމަށް ގާނޫނުގައި ބަޔާންކޮށްފައި އޮތް ނަމަވެސް ބައެއް މައްސަލަތައް ދިގުލައިގެން ގޮސް 786 ދުވަސް ހޭދަވީ މައްސަލަތައް ވެސް ކޮމިޝަންގައި ހުރި ކަމުގައި ވިދާޅުވި އެވެ.

"މި [876 ދުވަސްވީ މައްސަލަ] އަކީ ރިސޯޓެއްގައި ބީބީސީ ދެއްކި މައްސަލައެއް. މި މައްސަލަ ހުށަހެޅުނު ގޮތަކީ އެ ރިސޯޓަށް އައިސްފައި ހުރި ގެސްޓަކަށް މި ފެންނަނީ އޭނާގެ ރޫމުން ބީބީސީ. ދެން މިވާ ގޮތަކީ އެއީ ބީބީސީގެ ސްޓާފެއް. ދެން އޭނާ ގައުމަށް ގޮސްފައި ބެލިއިރު މިވެނި ރިސޯޓަކަށް ބީބީސީން ރައިޓްސް ދީފައި ނެތް. ނެތީމަ ބީބީސީން ޑައިރެކްޓްކޮށް ކޮމިޝަނަށް މައްސަލަ ލިބުނީ،" ގައިސް ވިދާޅުވި އެވެ.

އޭނަ އިތުރަށް ވިދާޅުވީ އެ މައްސަލަތައް ބަލައި ސީދާ އިންސްޕެކްޓްކުރަން ރިސޯޓްތަކަށް ދިއުމުގެ ބާރު ނޯންނަ ކަމަށާއި އަދި އެފަދަ ދަތުރުތަކަށް ހަރަދުކުރާނެ ފައިސާ ވެސް ކޮމިޝަންގެ ބަޖެޓުގައި ނެތް ކަމަށެވެ. ނަމަވެސް ކޮމިޓީގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ ރިސޯޓެއްގައި އެފަދަ މައްސަލަތައް އުޅޭނަމަ އެ މައްސަލައެއް ބެލުމަށް ބްރޯޑްކޮމްގެ ބޭފުޅުންނަށް އެއްވެސް ރިސޯޓަކަށް ދިއުމަށް ހުރަހެއް އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީއާއި ބްރޯޑްކޮމްގެ މެމްބަރުންގެ ވާހަކަތައް އަޑުއެއްސެވުމަށްފަހު މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރިރު ރޮޒައިނާ އާދަމް އެދިވަޑައިގެންނެވީ އެ މައްސަލަ ހައްލުކުރަން ޓޫރިޒަމް މިނިސްޓްރީން އަދިވެސް ބްރޯޑްކޮމް އަށް އިތުރަށް އެއްބާރުލުން ދިނުމަށެވެ.

ރޮޒައިނާގެ އެދިވަޑައިގެންނެވި ގޮތަށް އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން މިނިސްޓަރު ޑރ. މައުސޫމް މިއަދު ވަނީ ދެއްވާފަ އެވެ.