މޯލްޑިވްސް ޕޮލިސް ސާވިސް

ހިޔާ ފްލެޓްގެ ސެކިއުރިޓީ ބަލަހައްޓާ: ޕޮލިސް

Sep 7, 2021

ހުޅުމާލޭގެ ދެވަނަ ފިޔަވައްސަކީ ވަކި ޒޯނެއްގެ ގޮތުގައި ކަނޑައަޅައި އެތަނުގައި ސެކިއުރިޓީ ބަލަހައްޓަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާ ފްލެޓްތަކުގެ ފިނިޝިން މަސައްކަތް ކުރުމަށް ފްލެޓްތައް ހުރި ސަރަހައްދަށް ގިނަ އަދަދެއްގެ އަގު ބޮޑު މުދާ ވަނީ ޖަމާ ކޮށްފަ އެވެ. އަދި އެތައް ބަޔަކު ގެންދަނީ ފްލެޓްތައް ނިންމުމަށް 24 ގަޑިއިރު މަސައްކަތް ކުރަމުންނެވެ.

ފްލެޓްތަކުގެ ސަރަހައްދަށް މުދާ ޖަމާ ކޮށްފައިވާ ވަގުތެއްގައި ބައެއް މުދާ ވަގަށް ގެންގޮސްގެން ބައެއް މައްސަލަތައް ފުލުހުންނަށް ވަނީ ހުށަހަޅާފަ އެވެ. އަދި އެ ސަރަހައްދުގައި އެއްވެސް ބަޔަކު ސެކިއުރިޓީ ބަލަހައްޓަމުން ނުދާ ކަމަށް ބުނެ ފްލެޓް ލިބުނު ބައެއް މީހުން ގެންދަނީ ޝަކުވާ ވެސް ކުރަމުންނެވެ.

އެ ސުވާލު ކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހި ވަކި ޒޯނެއްގެ ގޮތުގައި ކަނޑައަޅައި ޕެޓްރޯލް ކުރުމުގެ މަސައްކަތް ފުލުހުން ކުރާ ކަމަށެވެ. އަދި ވިދާޅުވީ ފްލެޓް ލިބުނު މީހުން ހޭލުންތެރި ކުރުވުމުގެ ގޮތުން ފުލުހުންގެ ޓީމުތަކުން ދެވަނަ ފިޔަވައްސަށް ގޮސް އަދި ފްލެޓްތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށެވެ.