ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ށ. އަދި ރ. އަތޮޅު ދަތުރު ރައީސް ފައްޓަވައިފި

Sep 7, 2021

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން ށ. އަދި ރ. އަތޮޅަށް ކުރައްވާ ދަތުރުފުޅެއް ފައްޓަވައިފި އެވެ.

ރައީސްގެ މި ދަތުރުފުޅުގައި ފުރަތަމަ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ށ. އަތޮޅުގެ ހަތަރު ރަށަކަށެވެ. އެގޮތުން ފުނަދޫ، ޅައިމަގު، ފޯކައިދޫ އަދި މާއުނގޫދޫ އަށް ވަޑައިގަންނަވާނެ އެވެ.

ރ އަތޮޅުން ރައީސް ވަޑައިގަންނަވާނީ ވާދޫ، އަލިފުށި، ރަސްގަތީމު އަދި އަނގޮޅިތީމަށެވެ. އަލިފުށްޓަށް ކުރައްވާ ދަތުރުފުޅުގައި އެރަށުގައި ހަދާފައިވާ ޖޮބް ސެންޓަރު ރައީސް ހުޅުއްވައިދެއްވާނެ އެވެ.

ރައީސްގެ މި ދަތުރުފުޅުގައި މި ރަށްރަށުގެ ބައެއް ތަންތަނަށް ޒިޔާރަތްކުރައްވާ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާއި ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީ ތަކުގެ މެންބަރުންނާ ބައްދަލުކުރައްވާނެ އެވެ.

ށ. އަތޮޅާއި ރ. އަތޮޅަށް ރައީސްގެ ދެކަނބަލުން ކުރައްވާ ދަތުރުފުޅަށްފަހު އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.

ކޮވިޑްގެ ބަންދަށްފަހު ރައީސް މިދިޔަ މަހު ވަނީ ތ އަތޮޅަށް ވެސް ވަޑައިގެންފަ އެވެ. އެދަތުރުފުޅުގައި ތ. އަތޮޅުގެ ހަތް ރަށަކަށް ވަނީ ވަޑައިގެންފަ އެވެ.