ރައްޔިތުންގެ މަޖިލިސް

ފްލެޓް ވިއްކާއިރު 15 ޕަސެންޓް ޓެކްސް ނަގަން ފާސްކޮށްފި

Nov 26, 2015

ފްލެޓާއި އިމާރާތްތައް ވިއްކާއިރު ޖުމްލަ އަގުން 15 ޕަސެންޓްގެ ޓެކްސްއެއް ނެގުމަށް ރައްޔިތުންގެ މަޖިލީހުން ބިމާ ބެހޭ ގާނޫނަށް މިއަދު އިސްލާހު ގެންނަން ފާސްކޮށް މި އަހަރަށް ރައްޔިތުންގެ މަޖިލިސް ޗުއްޓީއަށް ހިނގައްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ އިން ފޮނުވި އެ ރިޕޯޓް ފާސްކުރުމަށް މިއަދު ނެގި ވޯޓްގައި ބައިވެރިވި 55 މެންބަރުންގެ ތެރެއިން 42 މެންބަރުން ވޯޓު ދިނީ އެ އިސްލާހަށް ތާއީދުކޮށެވެ. އެ އިސްލާހާ ދެކޮޅަށް 13 މެންބަރަކު ވޯޓު ދެއްވި އެވެ. އެ ރިޕޯޓަށް މަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝަރީފް (މަވޯޓާ ޝަރީފް) އިސްލާހެއް ވެސް ހުށަހެޅުއްވި އެވެ. ފާސްނުވި އެ އިސްލާހުގައި ބުނެފައި ރާއްޖޭގެ އެއްވެސް ސަރަހަދެއްގައި ދާއިމީ ބޯހިޔާވަހިކަމެއް ނެތް މީހަކު އެންމެދު ފްލެޓެއް މުޅިން އަލަށް ގަންނަ ނަމަ، އެ ޓެކްސް މާފު ކުރުމަށެވެ. އެ އިސްލާހު ފާހެއް ނުވި އެވެ.

އެ ޓެކްސް ނުނެގުމަށް ރިއަލް އެސްޓޭޓްގައި ހަރަކާތްތެރިވާ ވިޔަފާރިވެރިން މަޖިލީހުގައި އެދިފައިވެ އެވެ. އެބޭފުޅުން ވިދާޅުވެފައި ވަނީ އެކަމުގެ ސަބަބުން ގެދޮރުގެ އަގު ބޮޑުވެގެން ދާނެ ކަމަށެވެ.

މިއަހަރު ބޭއްވި މަޖިލީހުގެ އެންމެ ފަހު ޖަލްސާގައި ދެން ކުރި މަސައްކަތްތަކުގެ ތެރޭގައި ދެމަފިރިން ވަކިވާއިރު އެކުގައި ކުރި ވިޔަފާރިއެއްގެ މުދާ ބަހާނެ އުސޫލެއް އާއިލާއާ ބެހޭ ގާނޫނަށް އިތުރުކުރަން ހުށަހެޅި އިސްލާހު ފާސްނުކޮށް އަލުން ވަނީ ކޮމިޓީއަށް ފޮނުވައިފަ އެވެ. މިއަދި ބޭއްވީ މަޖިލީހުގެ ތިން ވަނަ ދައުރުގެ 22 ވަނަ ޖަލްސާ އެވެ.