ށ. ފުނަދޫ

ފުނަދޫ ވާނީ އަތޮޅުގެ ތަރައްގީގެ މަރުކަޒަށް: ރައީސް

Sep 7, 2021

ފުނަދޫގައި އެކިއެކި ހިދުމަތްތައް ތަރައްގީކުރުމުގައި ސަރުކާރުގެ ވިސްނުމަކީ ށ އަތޮޅުގެ ތަރައްގީގެ މަރުކަޒެއްގެ ގޮތުގައި ފުނަދޫ ތަރައްގީކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު މެންދުރުފަހު ފުނަދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ފުނަދޫގައި އެއާޕޯޓާއި ބަނދަރާއި ހޮސްޕިޓަލާއި ސްކޫލްފަދަ ތަންތަނުގެ ހިދުމަތްތައް ފުޅާކުރެވިގެންދާނީ ށ. އަތޮޅުގެ ތަރައްގީގެ މަރުކަޒުގެ ގޮތުގައިކަމުގައެވެ. ފަރުކޮޅާ ގުޅޭގޮތުން ކައުންސިލުން ފާހަގަކުރެއްވި ކަންބޮޑުވުންތަކަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެރަށަކީ ރަށު ކައުންސިލުގެ އިހްތިސާސްގެ ތެރޭގައި މިހާރުވެސް ހިމެނޭ ރަށެއްކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކޯވިޑްގެ ބަލިމަޑުކަމާހުރެ ވަރަށް ގިނަ ރަށްތަކެއްގައި ކުރިޔަށްގެންދިޔަ ޕްރޮޖެކްޓްތައް މަޑުޖައްސާލަން ނުވަތަ ފަސްކޮށްލަން ޖެހުނު ނަމަވެސް މިހާރު ރާއްޖޭގެ އިގްތިސާދީ ހާލަތު އަލުން ރަނގަޅުވާން ފަށާފައިވާތީ ޕްރޮޖެކްޓްތައް އަލުން ފަށައިގަނެވޭ ގޮތްވެފައިވާ ކަމަށެވެ. އަދި ފުނަދޫ ކައުންސިލުން ފާހަގަކުރެއްވި ގެދޮރުގެ ދަތިކަމާއި ރަށްގިރުންފަދަ ރައްޔިތުންނަށް މުހިންމު މައްސަލަތަކަށް ސަރުކާރުގެ އިދާރާތަކާއި މަޝްވަރާކުރައްވައިގެން ހައްލު ހޯދައިދެއްވުމަށް މަސައްކަތްކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ފުނަދޫ ކައުންސިލާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންނާއެކު ބޭއްވެވި މި ބައްދަލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ވަނީ ށ. އަތޮޅު ހޮސްޕިޓަލަށް ޒިޔާރަތްކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހާރު ށ. ފުނަދޫއަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅަކީ މިލަދުންމަޑުލު އުތުރުބުރީގެ ހަތަރު ރަށަކަށާއި މާޅޮސްމަޑުލު އުތުރުބުރީގެ ހަތަރު ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެވެ.