ރައްޔިތުންގެ މަޖިލިސް

މަސައްކަތަށް 97 ޕަސެންޓް ދެމުން މަޖިލިސް ޗުއްޓީއަށް

Nov 26, 2015

މަޖިލީހުން މިހާތަނަށް ކުރެވުނު މަސައްކަތްތަކަށް 97 ޕަސެންޓް މާކްސް ލިބޭ ކަމަށް މިއަދު ބޭއްވި މިއަހަރުގެ އެންމެ ފަހު ޖަލްސާގައި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ވިދާޅުވެއްޖެ އެވެ. މިއަދުން ފެށިގެން މަޖިލިސް މި ވަނީ މި އަހަރަށް ޗުއްޓީއަށް ގޮސްފަ އެވެ.

މިއަދު ބެއްވި މަޖިލީހުގެ ތިން ވަނަ ދައުރުގެ އެންމެ ފަހު ޖަލްސާ ނިންމާލެއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން މަސީހު ވިދާޅުވީ މަޖިލީހުން ދައްކަމުން ގެންދަނީ ޑިމޮކްރަސީގެ ރީތި ނަމޫނާ ކަމަށެވެ. އަދި ރައްޔިތުންގެ މެންބަރުން މަޖިލީހަށް ވަޑައިގެން ބަހުސް ކުރައްވައި މައްސަލަތަކުގައި މިނިވަންކަމާ އެކު ވޯޓު ދެއްވާ އިރު، މަޖިލީހުގެ ކަންކަން ހަމަޖެހިފައި އޮންނަ ގޮތުން ކޮންމެ މެންބަރެއް ހިތްހަމަ ޖެހޭ ގޮތަށް މަޖިލީހުގައި ކަންކަން ނިމިގެން ނުދާ ކަމަށް މަސީހު ވިދާޅުވި އެވެ.

އެހެން ނަމަވެސް ޑިމޮކްރަސީގެ އުސޫލުން އަގުލަބިއްޔަތު ބުރަވާ ގޮތަށް މަޖިލީހުގެ މިދައުރުގައި ވެސް ހުށަހެޅުނު 157 މައްސަލައިގެ ތެރެއިން 149 މައްސަލައެއް ނިންމާފައިވާ ކަމަށެވެ. ނުނިމި އޮތީ އެންމެ ހަތް ބިލެއްގެ މައްސަލަ އާއި ސަރުކާރުން ހުށަހެޅި އެއް މައްސަލަ ކަމަށް މަސީހު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ވިކުރާ ފޮތަށް ބަލާއިރު، މިދައުރުގައި އަޅުގަނޑުމެންނާ ހަމަޔަށް 157 މައްސަލައެއް އޮތް. މިއަދު ފިހާރަ ބަންދުކޮށް އަޅުގަނޑުމެން ދާއިރު އަށް މައްސަލައެއް ނޫން ހުރިހާ މައްސަލައެއް ނިންމައިފި. ނުނިމި މި އޮތީ އަށް މައްސަލައެއް. ވިކުރާ ފޮތުން މި ދައްކާ ޖުމްލަ އިންސައްތަ އަކީ 95 ޕަސެންޓް މި ދައުރުގެ މަސައްކަތް ނިންމިއްޖޭ،" މަސީހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ދައުރުގެ މަޖިލީހުގައި މިހާތަނަށް 259 މައްސަލައެއް ހުށަހެޅުނު އިރު 251 މައްސަލައެއް ނިންމިފައިވާ ކަމަށެވެ. އެހެން ކަމުން މަޖިލީިހުގެ ދެ އަހަރު ނިމިގެން ދިޔައިރު 97 ޕަސެންޓް މަސައްކަތް ނިންމިފައިވާ ކަމަށް މަސީހު ވިދާޅުވި އެވެ. މަޖިލީހުގެ މަސައްކަތްތަކާ މެންބަރުން ދުރަށް ދާއިރު އުފާކުރަން ޖެހޭ ކަން ފާހަގަ ކުރައްވަމުން މަސީހު ވިދާޅުވީ އެންމެ ބޮޑު ކާމިޔާބަކީ ދުނިޔޭގެ ތަރައްގީވެފައިވާ އެހެން ގައުމުތަކުގެ މަޖިލީހުގައި ކަންކަން ނިންމާ އުސޫލުން ޑިމޮކްރަސީގެ ރީތި ނަމޫނާ މަޖިލީހުން ދައްކަމުން ދިޔުމެވެ.

"މި މަޖިލީހުގައި މި ހުރިހާ މަސައްކަތެއް ވެސް މި ކުރެވުނީ ޑިމޮކްރަސީގެ އުސޫލުން އެހެން ގައުމުތަކުގައި ވެސް ކަންކުރާ ގޮތަށް އަގުލަބިއްޔަތަށް ބުރަވެގެން ގާނޫނުތަކާއި މަޖިލީހުގެ ގަވާއިދުގެ ތެރެއިން. މިއީ އަޅުގަނޑުމެން އުފާކުރަން ޖެހޭ ކާމިޔާބެއް،" މަސީހު ވިދާޅުވި އެވެ.

މަޖިލީހުގައި ބައެއް ކަންކަން އެކަށޭނަ އަދަދަކަށް އިއްތިފާގު ވެސް ނިމިފައިވާކަން މަސީހު ފާހަގަ ކުރެއްވި އެވެ. އަދި އެކަމުން ވެސް ދައްކުވައިދެނީ މަސީހު ވިދާޅުވި ގޮތުގައި މަޖިލިސް ހިނގަމުން އަންނަނީ ފުރިހަމަ ޑިމޮކްރަސީގެ މަތީގައި ކަމެވެ. މަސީހު ވިދާޅުވީ މަޖިލިސް އޮންނާނީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ރައްޔިތުންގެ އަޑު އިއްވޭ ރައްޔިތުންގެ ގެ އެއްގެ ގޮތުގައި ކަމަށެވެ.