ދިރި ނޫޅެވޭ ކުދި ބިންކޮޅުތަކުގައި އުޅޭ މީހުނަށް ގޯތި ނުދޭ މައްސަލައާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މިއަދު ނެގި ވޯޓުގައި އެމްޑީޕީގެ ގިނަ މެމްބަރުން ބައިވެރި ނުވާކަން ހާމަވެއްޖެ އެވެ.
ދިރި ނޫޅެވޭ ކުދި ބިންކޮޅުތަކާއި ކުދި ކުދި ފްލެޓްތަކުގައި ދިރި އުޅޭ ފަރާތްތަކަށް އެ މީހުން އިހުތިޔާރުކުރާ އެހެންތަނަކުން އެކަށީގެންވާ ވަރުގެ ގޯއްޗެއް ދޭނެ ކަމަަށް މި ސަރުކާރުން ވައުދުވެފައި އޮތް ނަމަވެސް އެ ވައުދު ނުފުއްދާތީ އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އެވެ.
އެ މައްސަލަ ބަލައިގަންނަން ފާސްވީ ވެސް 11 ވޯޓުންނެވެ. އެއީ މުޅިން ވެސް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފެކްޝަނަށް ތާއީދު ކުރާ މެމްބަރުންގެ ވޯޓާއެކު އެވެ. އޭގެ ތެރޭގައި ރައީސް ނަޝީދަށް އެންމެ ވަފާތެރި މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިމްތިޔާޒް ފަހުމީ އާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ފަދަ މެމްބަރުން ހިމެނެ އެވެ. އެ މައްސަލައާ ގުޅޭ ގޮތުން މިއަދު ކުރިއަށް ދިޔަ ބަހުސްގައި އެންމެ ބޮޑަށް ސަރުކާރަށް ފާޑުކީ ވެސް އެ މެމްބަރުން ނެވެ.
އޭގެ އިތުރުން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފާއި ކާށިދޫ ދާއިރާގެ މެމްބަރުން އަބްދުﷲ ޖާބިރު ވެސް މައްސަލަ ބަލައިގަންނަން ވޯޓު ދެއްވި އެވެ.
ވޯޓުގައި ބައިވެރިވި މެމްބަރުންގެ ތެރެއިން މައްސަލަ ބަލައި ނުގަތުމަށް ވޯޓު ދެއްވީ އެމްޑީޕީގެ ޕީޖީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެކަންޏެވެ.
އެ މައްސަލަ ހުށަހެޅުއްވި ބޮންޑޭ އަވަސްއަށް ވިދާޅުވީ އެ މައްސަލަ ބޭރު ކޮށްލަން އެމްޑީޕީގެ މެމްބަރުންތަކެއް މާކުރިން ވެސް ރާވައިފައި އޮތް ކަމަށެވެ. އަދި މަޖިލިސް ތަޅުމުގައި ތިބެ ބައެއް މެމްބަރުން ވޯޓުގައި ބައިވެރި ވެސް ނުވާ ކަމަށެވެ.
ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް ކުދިކުދި ބިންތަކުގައި ދިރިއުޅޭ މީހުންގެ ބިންތައް ދޫކޮށްލުމުން އެހެން ތަންތަނުން ގޯތިތައް ދޭން އެމްޑީޕީއާއި ސަރުކާރުގެ މެނިފެސްޓޯގައި ވެސް ހިމަނައިފައި ވެއެވެ.