އަހުމަދު މަހްލޫފު

އިންތިހާބުގައި މަހުލޫފަށް ވާދަކުރެވޭނެ ކަމަށް ނިންމައިފި

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަށް ވާދަކުރެވޭނެ ކަމަށް ނިންމައިފި އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް އެންގުމުން އެމްޑީޕީގެ ޝަކުވާ ބަލާ ކޮމެޓީއަށް މަހުލޫފް މައްސަލަ ހުށައެޅިއެވެ. ނަމަވެސް އެ ކޮމެޓިން ނިންމި ނިންމުމުގައި ބުނެފައިވަނީ ދާއިރާ އިންތިހާބުގައި ކުރިމަތިލުމުގެ ހަތަރުވަނަ ޝަރުތުގައިވާ ގޮތުން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން އެއްވެސް ފިޔަވަޅެއް އެޅުމަށް އެދި އޭސީސީން އެއްވެސް އިދާރާއަކަށް ފޮނުވާފައިވާ މީހަކަށް އިންތިހާބުގައި ކުރިމަތިލުމުގެ ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. އެ ގޮތުން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި މަހުލޫފަށް ދައުވާކޮށް ދިނުމަށް އެދި އޭސީސީން ޕީޖީއަށް ފޮނުވާފައިވާ ކަމަށެވެ.

އެ ނިންމުމުގެ ކުރީން މަހުލޫފް ވަނީ މައްސަލަ އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާފައެވެ. އެ ކޮމިޝަނުން ނިންމި މައްސަލާގައި ބުނެފައިވަނީ ޕާޓީއެއްގެ އެތެރޭގެ އިންތިހާބުގައި ވާދަކުރާ މެމްބަރަކަށް ޝަރުތުތަކެއް ކަނޑައަޅާ ނަމަ އެ މަގާމަށް މީހުން އިންތިހާބު ކުރާނެ ގޮތުގެ އުސޫލެއް އަސާސީ ގަވާއިދުގައި ކަނޑައަޅަން ޖެހޭނެ ކަމަށެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނަށް ހުށައަޅައި ދަފްތަރުކޮށްފައިވާ އެމްޑީޕީގެ އަސާސީ ގަވާއިދުގައި އެ ޕާޓީގެ އެތެރޭގެ އިންތިހާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުންނަށް އެމްޑީޕީގެ މެންބަރުކަން ފިޔަވައި ވަކި ހާއްސަ ޝަރުތެއް ބަޔާންކޮށްފައިނުވާ ކަމަށެވެ.

މި ސިޓީގައި ވަކި ކަމަށް އަމަލު ކުރަން އަންގާފައި ނެތް ނަމަވެސް މަހުލޫފްގެ މައްސަލާގައި އެެ ޕާޓީން އަމަލުކުރި ގޮތް ގޯސްކަން ސާފުކޮށް ވަނީ ބަޔާންކޮށްފައެވެ. ނަމަވެސް އެކަމަށް ރިއާޔަތްކުރުމެއް ނެތި އެމްޑީޕީން ވަނީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ދާއިމީ ލިސްޓް އާންމުކޮށްފައެވެ.

އަލުން އިންތިހާބު ކުރެވުނު އެމްޑީޕީގެ އިސްތިއުނާފުގެ ފަނޑިޔާރުންގެ މަޖިލީހުން ވަނީ މައްސަލަ އަލުން ބަލަން ނިންމާފައެވެ. މަހުލޫފަށް ވާދަކުރެވޭނެ ކަމަށް ނިންމާފައިވަނީ އެ މައްސަލަ ބެލުމަށް ފަހު އެވެ.

މި މައްސަލަ ބަލާފައިވަނީ ކޮމެޓީގެ މެންބަރު ނައުޝާދު އަބްދުލްއަޒީޒު އާއި އިބްރާހިމް މުހައްމަދު ދީދީ އަދި ހުސައިން ރަޝީދެވެ. ރިޔާސަތު ބެލެހެއްޓެވީ ނައުޝާދެވެ.

މި ތިން ބޭފުޅުން ނިންމެވި މައްސަލާގައި ބުނެގައިވަނީ މަހުލޫފަށް އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް ނިންމާފައިވަނީ އިޖުރާއީ ގޮތުން ރަނގަޅަށް ކަމަށް ނުވާތީ ކުރީގެ ދެ ނިންމުން ބާތިލުކުރާ ކަމަށެވެ. އަދި އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މަހުލޫފަށް ލިބެން ޖެހޭނެ ކަމަށް ނިންމާ ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން މައްސަލަ ނިންމާ ކަމަށެވެ.