ހަބަރު

"ޓެކްސީ ޔަގީން" މޮބައިލް އެޕްލިކޭޝަން ތައާރަފުކޮށްފި

Nov 26, 2015
4

ސަރުކާރުގެ ރަސްމީ ޓެކްސީ ބުކިން އެޕްލިކޭޝަން "ޓެކްސީ ޔަގީން" ޓްރާންސްޕޯޓް އޮތޯރިޓީން މިރޭ ތައާރަފުކޮށްފި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ރަސްމީ ޓެކްސީ ބުކިން އެޕްލިކޭޝަންގެ ގޮތުގައި ތައާރަފުކުރި މި އެޕްލިކޭޝަން ފަރުމާކޮށްފައިވަނީ ދިވެހި ކުންފުންޏެއް ކަމަށްވާ "ޖުނިޕާ" އިންނެވެ. އަދި މި އެޕްލިކޭޝަންގެ އޮފިޝަލް ޕާޓަނަރަކީ ރާއްޖޭގެ އެންމެ ބޮޑު ކޮމިއުނިކޭޝަން ކުންފުނި ދިރާގެވެ. ޓެކްސީ ބުކް ކުރުމަށް ފަސޭހަ ގިނަ ފީޗާތަކެއްގެ ހިމެނޭ މި އެޕްލިކޭޝަން އިފްތިތާހު ކޮށްދެއްވީ ދިރާގުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުރަޝީދު ނާފިޒު އެވެ.

މި އެޕްލިކޭޝަން މިހާރު އެޕް ސްޓޯރުންނާއި ގޫގުލް ސްޓޯރުން ޑައުންލޯޑު ކުރެވޭނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެ އެވެ.

ޓެކްސީ ޔަގީން އެޕްލިކޭޝަން ތައާރަފުކޮށްދެއްވަމުން ނާފިޒު ވިދާޅުވީ ޓެކްސީގެ ހިދުމަތް ތަރައްގީ ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށާއި، އެގޮތުން ޓްރާންސްޕޯޓް އޮތޯރިޓީން ރަސްމީކޮށް ޓެކްސީ ބުކިން އެޕްލިކޭޝަނެއް ތައާރަފު ކުރީ ވެސް މި ބޭނުމުގައި ކަމަށެވެ.

"މިކަމަށް އިންތިޒާރު ކޮށްގެން ތިބި މީހުންނަށް ބުނެލަން ބޭނުންވަނީ މިއީ އެކަން ހަގީގަތަކަށް ވެގެން ދާ ދުވަހޭ،" ނާފިޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޓެކްސީ ޔަގީން އެޕްލިކޭޝަން ޓެކްސީ ތަކަށް ދޭނީ މުޅިން ހިލޭ ކަމަށާއި، މި އެޕްލިކޭޝަން ފަރުމާކޮށްފައިވަނީ ޓެކްސީ އުޅޭ ހިސާބު ޓްރާންސްޕޯޓް އޮތޯރިޓީއަށްވެސް އެނގޭނެ ގޮތަކަށް ކަމަށެވެ.

"މި ހިދުމަތަކީ މުޅިން ހިލޭ ދޭ ހިދުމަތަކަށް ވާތީ މި ހިދުމަތް ޓެކްސީ ޑްރައިވަރުން ބޭނުން ކުރަން ޖެހޭނެ. ސަރުކާރުން ބޭނުންވޭ ޓެކްސީ ހޯދަން ބޭނުންވާ މީހުން ބޭނުންވާ މޯޑަރުން ޓެކްސީ ހޯދުމަށް ފުރުސަތު ދިނުން. އެއީ ގުޅައިގެން ޓެކްސީ ހޯދަން ބޭނުންވާ މީހުންނަށް އެގޮތަށް، ނޫނީ އެޕްލިކޭޝަނުން ހޯދާ މީހުންނަށް އެގޮތައް ހޯދުމަށް. ނުވަތަ މަގުމައްޗަށް ނުކުމެ އަތް ނަގައިގެން ޓެކްސީ ހޯދަން ބޭނުންވާ މީހުންނަށް އެގޮތަށްވެސް ޓެކްސީ ލިބޭނެ ގޮތް ހެދުން،" ނާފިޒު ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ޖުނިޕާގެ ޑިރެކްޓަރު އަހުމަދު އައްބާސް ވިދާޅުވީ "ޓެކްސީ ޔަގީން" އެޕްލިކޭޝަން ފަރުމާކޮށްފައިވަނީ ހަތަރު ބައެއްގެ މައްޗަށް ކަމަށެވެ. އޭގެ ތެރޭގައި ޓެކްސީ ޑްރައިވަރުންގެ ބަޔަކާއި ޓެކްސީ ހިދުމަތް ހޯދާ މީހުންގެ ބައެއްގެ އިތުރުން ޓެކްސީ ސެންޓަރުތަކާއި ޓްރާންސްޕޯޓް އޮތޯރިޓީގެ ބައެއްވެސް ހިމެނޭ ކަމަށެވެ.

ޓެކްސީ ޔަގީން އެޕް ބޭނުންކުރާނީ ކިހިނެއް؟

"ޓެކްސީ ޔަގީން" މޮބައިލް އެޕްލިކޭޝަން ބޭނުން ކުރުމަށް ލޮގިން އައިޑީއެއް ހަދަން ޖެހެ އެވެ. ލޮގިން ކުރުމުން އެމީހާ ހުރި ހިސާބު ގޫގުލް މެޕް މެދުވެރިކޮށް ސްކްރީންނުން ދައްކައިދެ އެވެ. އަދި ގޫގުލް މެޕުން ޓެކްސީ ގެންނަން ބޭނުންވާ ތަނަކަށް ޕިން ޕޮއިންޓް ކުރާނީ އެވެ. މި އެޕްލިކޭޝަނުން ބޭނުންވާ ވައްތަރެއްގެ އުޅަނދެއް ހިޔާރު ކުރެވެ އެވެ. އެގޮތުން މި އެޕް މެދުވެރިކޮށް ޕިކަޕު ހޯދިދާނެ އެވެ. އަދި މި އެޕްލިކޭޝަނުން ޑްރައިވަރަށް ބޭނުންވާ މެސެޖެއްވެސް ފޮނުވާލެވެ އެވެ. އަދި ޓެކްސީ އާއި ޑްރައިވަރުގެ މައުލޫމާތު ސާފުކޮށް އެނގެން ހުރެ އެވެ.