ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ދިވެހިންނަށް ވަޒީފާ ނުދީ ބިދޭސީން ނުގެންނާނެ: ރައީސް

ވަޒީފާބޭނުންވެގެން ޖޮބްސެންޓަރުގައި އެކަމަށް އެކަށީގެންވާ މީހަކު ރަޖިސްޓްރީކޮށްފައި އޮއްވައި އެ މީހަކަށް ވަޒީފާނުދީ އެ ވަޒީފާއަށް ބޭރު މީހަކު ގެނައުމުގެ ފުރުސަތު ސަރުކާރުން ނުދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

އަލިފުށީގައި ޖޮބްސެންޓަރުގެ ހިދުމަތް ރަސްމީގޮތުން ފައްޓަވައިދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ޖޮބްސެންޓަރުތައް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޤާއިމުކުރުމާއެކު ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޓިވެޓް ސެންޓަރުތަކެއް ގާއިމުކުރައްވާނެ ކަމަށާއި އޭގެ ތެރެއިން އެއް ސެންޓަރު ގާއިމުކުރެވޭނެ ރަށަކީ އަލިފުށި ކަމަށެވެ.

ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި ހުރި ވަޒީފާތަކަށް ބޭރުން މީހުން ގެންނަންޖެހޭ މިންވަރު ދަށް ކުރުމެވެ. އެގޮތުން ވަޒީފާތަކަށް ބޭރުމީހުން ރާއްޖެއަށް ގެނައުން މަދުކުރުމަށް ކުރާ މަސައްކަތުގައި ކުރިއެރުންތަކެެއް ހޯދިފައިވާކަން ފާހަގަކުރައްވައި މިސަރުކާރު ވެރިކަމާ ހަވާލުވިއިރު 56000 މީހުންނަށް ރާއްޖޭގައި ވޯކް ޕާމިޓް ދީފައިވީ ނަމަވެސް މި އަހަރުގެ ފުރަތަމަ ހަތްމަސް ނިމުނުއިރު ސަރުކާރުން ވޯކް ޕާމިޓް ހުއްދަދީފައި ވަނީ 8900 މީހުންނަށް ކަމަށް ރައީސް ވިދާޅުވިއެވެ.

2018 ވަނަ އަހަރު އަޅުގަނޑުމެން ވެރިކަމާ ހަވާލުވިއިރުގައި އެބައޮތް ވާކް ޕާމިޓް ދޫކުރެވިފައި 56000 މީހުންނަށް. ބޭރުން މީހުން ގެނައުމަށް. އަހަރު ނިމުނުއިރުގައި 51000 މީހުން ރާއްޖެއަށް ވަޒީފާއަށް އެތެރެކޮށްފައި އެބައޮތް. މިއީ 2021 ވަނަ އަހަރު. މި އަހަރުގެ ހަތް މަސް ނިމިގެންދިޔައިރުގައި، ސަރުކާރުން ވާކް ޕާމިޓް ހުއްދަ ދީފައި މިވަނީ 8900 މީހުންނަށް. އަދި މިހާތަނަށް ރާއްޖެއިން ބޭރުން ވަޒީފާއަށް ގެނެވިފައި މިވަނީ 6900 މީހުން. ބާކީ މިއޮތް މުއްދަތުގައި އަދި އިތުރަށް މީހުން ގެނައި ކަމަށްވިޔަސް އަޅުގަނޑު މި ދެންނެވިހެން ކުރީގެ އަހަރުތަކާ ބަލާއިރުގައި ވަރަށް ބޮޑުތަން މިއޮތީ ކޮންޓްރޯލް ކުރެވިފައި. އަޅުގަނޑުމެން މި ކުރަން ފެށި މަސައްކަތް ކާމިޔާބު ވެގެންދާކަމުގެ ނިޝާނެއް މިއިން ފެނިގެން މިދަނީ.
އިބްރާހިމް މުހައްމަދު ސޯލިހް | ރައީސުލްޖުމްހޫރިއްޔާ

އަލިފުށީގައި ހުޅުވުނު ޖޮބްސެންޓަރަކީ މިއަހަރުގެ އެޕްރީލްމަހު ޤައުމީ ޖޮބް ސެންޓަރުގެ ނަމުގައި މާލޭގައި ފެށި ހިދުމަތުގެ ތެރެއިން ރަށްރަށުގައި ހުޅުވޭ ޖޮބް ސެންޓަރުތަކުގެ ފެށުމެވެ. ޖޮބްސެންޓަރުތަކުގެ މައިގަނޑު ބޭނުމަކީ ވަޒީފާދޭ ފަރާތްތަކާއި، ވަޒީފާ ބޭނުންވާ ފަރާތްތައް އެއްތަންކުރުމާއި ވަޒީއަށް އެދޭފަރާތްތަކުން ވަޒީފާއަށް ހުށަހެޅުމުން ފެށިގެން ވަޒީފާ ލިބުމާހަމައަށް ކުރަންޖެހޭ ކަންކަން އެއްތަނަކުން ކުރެވޭނެ މަގުފަހިކުރުމެވެ. މީގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖޮބްސެންޓަރުގެ ހިދުމަތް ތައާރަފްކޮށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ އެހެން ބައެއް ހިދުމަތްތައްވެސް ޖޮބްސެންޓަރުތަކުން ލިބޭނެގޮތް ފަހިކުރުމެވެ.