ބޮލީވުޑް

ހިތްވަރުގަދަ "ނީރްޖާ"ގެ ވާހަކަ އަންނަ ފެބްރުއަރީ 19 ގައި

Nov 27, 2015

ސެޕްޓެމްބަރު 5، 1986 ގައި ހައިޖެކްކުރި ޕޭން އޭމް ފްލައިޓުގެ ކެބިން ކްރޫއަކަށް ހުރި ހިތްވަރުގަދަ ޒުވާން ނީރްޖާ ބެނޮޓްގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމު "ނީރްޖާ" އަންނަ ފެބްރުއަރީ މަހުގެ ނަވާރަ ވަނަ ދުވަހު ރިލީޒްކުރާ ގޮތަށް ނިންމައިފި އެވެ.

“ނީރްޖާ" އަކީ 1986 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 5ވަނަ ދުވަހު ހައިޖެކްކުރި ޕޭން އޭމް ފްލައިޓް 73ގެ ތެރޭގައި ޓެރަރިސްޓުންގެ ކިބައިން ޕަސިންޖަރުން ސަލާމަތްކުރަން އުޅުމުގެ ތެރޭގައި މަރާލި އިންޑިއާގެ ފްލައިޓް އެޓެންޑެންޓް ނީރްޖާ ބެނޮތުގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމެކެވެ.

ޓެރަރިންސްޓުން ހަމަލާތަކުން ޕަސިންޖަރުން ސަލާމަތްކުރަން އުޅުމުގެ ތެރޭގައި އެމީހުންގެ ހަމަލާތައް އަމާޒުވެ ނީރްޖާ މަރުވެފައިވަނީ ބޯޓް ހައިޖެކްކޮށްގެން 17 ގަޑިއިރަށް ވުރެން ގިނައިރު އުޅުމަށްފަހު ޓެރަރިސްޓުން ބޯޓުގެ ތެރެއަށް ބަޑިޖަހަން ފެށުމުން ކުޑަ ތިން ކުއްޖަކު ސަލާމަތްކުރުމަށް ބޯޓުގެ އެމަޖެންސީ ދޮރު ހުޅުވައި، އެކުދިން ސަލާމަތް ކުރުމަށް އޭނާގެ ހަށިގަނޑު ދިއްކޮށްގެން ހުއްޓަ އެވެ.

އިންޑިއާގެ ޗަންދީގަރަށް އުފަން ނީރްޖާގެ ރޯލުން ފެނިގެންދަނީ ބަތަލާ ސޯނަމް ކަޕޫރެވެ.

ނީރްޖާގެ ހިތްވަރުގަދަކަން ފާހަގަކުރުމުގެ ގޮތުން އިންޑިއާ ސަރުކާރުން އޭނާއަށް އަޝޯކް ޗަކްރާ އެވޯޑު ދީފައި ވެއެވެ. ނީރްޖާ ވެފައިވަނީ އެހާތަނަށް އެވޯޑު ލިބުނު އެންމެ އުމުރުން ހަގު މީހާއަށެވެ. އަދި ޕާކިސްތާނުން ވެސް ވަނީ ބޯޓު ހައިޖެކްކޮށްފައި ވަނިކޮށް އަމިއްލަ ފުރާނަ އަތްމައްޗަށް ލައިގެން ޕެސެންޖަރުން ސަލާމަތްކުރުމުގެ ނީރްޖާ ދައްކުވާފައިވާ ހިތްހެޔޮކަމަށް އޭނާއަށް ތަމްގާއެ- އިންސާނިއްޔަތު އެވޯޑްދީފަ އެވެ.

މިފިލްމު ރިލީޒްކުރާ ދުވަސް ހާމަކުރަން ފިލްމުގެ އެއް ޕްރޮޑިއުސަރުން ކަމަށްވާ ފޮކްސް ސްޓާ ސްޓޫޑިއޯގެ ސީއީއޯ ވިޖޭ ސިންގް ވަނީ ނީރްޖާ ފަދަ ހީރޯއިންގެ ވާހަކައަކީ މީހުންނަށް ނޭނގޭ ވާހަކަތައް ކަމަށާއި، މިފަދަ ވާހަކައަކީ ކޮންމެ މީހަކަށްވެސް ވަރަށް ބޮޑު ނަމޫނާއަކަށް ވާނެ ކަމަށެވެ.

"19 ފެބްރުއަރީގައި މުޅި ދުނިޔެއަށް އަހަރުމެން އަންގަން ބޭނުންވަނީ ހިތްވަރުގަދަ އަދި އެއްވެސް ފަސްޖެހުމެއްނެތި ބޮޑު ގުރުބާނީއެއްވި ނީރްޖާގެ ވާހަކަ" ވިކްރަމް ބުނެފައިވެ އެވެ.

ދެން މިފިލްމު ޕްރޮޑިއުސްކޮށްފައިވާ ބްލިންގް އަންޕްލަގްޑްގެ ޕްރޮޑިއުސަރު އަތުލް ކަސްބޭކަރް ވެސް ވަނީ ނީރްޖާގެ ހަޔާތުގެ ވާހަކައަކީ ނުދައްކާ ދޫކޮށްލެވޭނެ ވާހަކައެއް ނޫންކަމަށެވެ.

އެޑް ފިލްމް މޭކާ ރާމް މަދްވާނީ ޑައިރެކްޓްކުރާ މިފިލްމުގައި ނީރްޖާގެ މަންމަގެ ރޯލުން ފެނިގެންދަނީ ޝަބާނާ އާޒްމީ އެވެ.