ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ފުލުހުންގެ ހިދުމަތަށް ކުރާ އިތުބާރު އަންނަނީ ބޮޑުވަމުން: ރައީސް

Sep 9, 2021
3

މި ސަރުކާރުން ފުލުހުންގެ ހިދުމަތް ރިފޯމުކޮށް، ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރި މަސައްކަތުގެ ސަބަބުން ފުލުހުންގެ ހިދުމަތަށް މީހުން ކުރާ އިތުބާރު ބޮޑުވެފައިވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ށ އަދި ރ އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އަލިފުށީ ޕޮލިސް ސްޓޭޝަނުގެ އިސްވެރިންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ފުލުހުންނަކީ ގާނޫނު ތަންފީޒުކުރުމުގައި ހަރަކާތްތެރިވާ އެންމެ މުހިއްމު އެއް އިދާރާއަށް ވާއިރު އެއްވެސް ފަރުދަކަށް ތަފާތުކުރުމެއް ނެތި ގާނޫނު ތަންފީޒުކުރުމުގައި ކުރިއަށް ދިއުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ރައީސް ވިދާޅުވީ ފުލުހުންގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކޮށް ލާމަރުކަޒުކޮށް ހިދުމަތް ދިނުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެކަމުގެ ސަބަބުން ފުލުހުންގެ ހިދުމަތަށް ގިނަ ކުރިއެރުންތަކެއް ލިބިގެންދާނެ ކަންވެސް ފާހަގަކުރެއްވި އެވެ.

މި ބައްދަލުވުމުގައި ބައިވެރިވި ފުލުހުން ވަނީ އެމީހުންނަށް ހުރި ގޮންޖެހުންތައް ރައީސްއާއި ހިއްސާކޮށްފަ އެވެ. ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމުގައި އެއްގަމާއި ކަނޑުގެ އުޅަނދުތައް މަދުކަމާއި އިންސާނީ ވަސީލަތްތަކުގެ ދަތިކަމާއި ބައެއް ޕޮލިސް ސްޓޭޝަންތަކުގެ މަރާމާތަށް ބޭނުންވާކަން ފުލުހުން ވަނީ ފާހަގަކޮށްފަ އެވެ.

ފުލުހުންގެ ކަންބޮޑުވުންތައް އެއްސެވުމަށްފަހު ފާހަގަކުރި ކަންކަން ހައްލުކޮށްދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވި އެވެ.

ރައީސްގެ މި ދަތުރުފުޅުގައި މިހާރު ހުންނެވީ ރ. އަނގޮޅިތީމުގަ އެވެ.