ޑަބްލިޔޫއެޗްއޯ

ޑަބްލިއުއެޗްއޯގެ އެގްޒެކްޓިވް ބޯޑަށް ރާއްޖޭގެ ނަން ނޮމިނޭޓްކޮށްފި

Sep 10, 2021

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ އެގްޒެކްޓިވް ބޯޑަށް ރާއްޖޭގެ ނަން ނޮމިނޭޓްކޮށްފި އެވެ.

ރާއްޖޭގެ ނަން އެގްޒެކްޓިވް ބޯޑަށް ހުށަހެޅީ މިމަހުގެ 6 އިން 10 އަށް ކުރިއަށް ގެންދިޔަ ޑަބްލިއުއެޗްއޯގެ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ 74 ވަނަ ރީޖަނަލް ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވި 11 ގައުމުން މަޝްވަރާކުރުމަށްފަހު އެވެ.

ޑަބްލިއުއެޗްއޯގެ އެގްޒެކްޓިވް ބޯޑަށް ރާއްޖެ ހޮވުމުން އަންނަ އަހަރުގެ މެއި މަހުން ފެށިގެން ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދު ތަމްސީލުކުރުމަށް ރާއްޖެ އަށް ފުރުސަތު ލިބޭނެ އެވެ. އަދި ޑަބްލިއުއެޗްއޯގެ ޕްރޮގްރާމް ބަޖެޓް އެންޑް އެޑްމިނިސްޓްރޭޝަން ކޮމިޓީގައި ވެސް ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދު ތަމްސީލުކުރުމަށް ރާއްޖެއަށް ފުރުސަތު ލިބޭނެ އެވެ.

ނިމިގެންދިޔަ ރީޖަނަލް ކޮމިޓީގެ ބައްދަލުވުމުގައި ވަނީ ކޮވިޑްގެ މި ހާލަތުގައި މެދުކެނޑުމެއްނެތި އަސާސީ ހިދުމަތްތައް ދިނުމާ ގުޅޭ ގޮތުން ގައުމުތަކުގެ މެދުގައި ގަރާރެއްގައި ސޮއިކޮށްފަ އެވެ. ކޮވިޑްގެ ސަބަބުން ގައުމުތަކަށް ދިމާވެފައިވާ މައްސަލަތަކަށް ޑަބްލިއުއެޗްއޯ އިން އިތުރު އެހީތައް ހޯދުމަށްވެސް މަޝްވަރާކޮށްފައިވެ އެވެ.

މިބައްދަލުވުމުގައި ވަނީ ޑަބްލިއުއެޗްއޯގެ 75 ވަނަ އާންމު ބައްދަލުވުމަށް ހުށަހެޅުމަށްޓަކައި ނިންމުންތަކެއް ވެސް ނިންމާފަ އެވެ. އެގޮތުން ބައެއް ކަހަލަ ބަލިތައް ކޮންޓްރޯލް ކުރުމަށްޓަކައި ކަމާ ގުޅޭ އެކްޝަން ޕްލޭންތައް ހަދައި އިތުރު މަސައްކަތްތައް ކުރުމަށް ވަނީ ނިންމާފަ އެވެ.

ޑަބްލިއުއެޗްއޯގެ އެގްޒެކްޓިވް ބޯޑުގެ ބައްދަލުވުމުގައި 11 ގައުމަކުން ސިއްހަތާ ބެހޭ ވަޒީރުންނާއި ޑަބްލިއުއެޗްއޯގެ މިސަރަހައްދުގެ ރީޖަނަލް ޑައިރެކްޓަރާއި ހާއްސަ މަންދޫބުން ބައިވެރިވެފައިވެ އެވެ.