އެމްޑީޕީގެ ގައުމީ މަޖިލިސް

އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި ވޯޓުލާ މީހުންގެ ދާއިމީ ލިސްޓް އާންމުކޮށްފި

Sep 11, 2021

އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި ވޯޓުލެވޭ މީހުންގެ ދާއިމީ ލިސްޓް އާންމުކޮށްފި އެވެ.

އެމްޑީޕީގެ ވެބްސައިޓްގައި މިއަދު އާންމުކޮށްފައިވާ ލިސްޓްގައި ނަން ހިމެނިފައި ނުވާ އެއްވެސް މީހަކަށް އިންތިހާބުގައި ވޯޓު ނުލެވޭނެ ކަމަށް އެ ޕާޓީން ބުނެ އެވެ.

ވޯޓުލާން ދިއުމުގެ ކުރިން ދާއިމީ ލިސްޓުގައި ނަން އޮތްތޯ ބަލައި ޗެކް ކުރުމަށްވެސް ވަނީ އެދިފަ އެވެ.

އެމްޑީޕީން މިހާރު ވަނީ ދާއިރާތަކުގެ އިންތިހާބުގައި ވާދަކުރުމަށް ކުރިމަތިލި ކެންޑިޑޭޓުންގެ ތެރެއިން ގައުމީ ހިންގާ ކޮމެޓީގެ ނިންމުމާއި އެއްގޮތަށް ޝަރުތު ހަމަވާ ކެންޑިޑޭޓުންގެ ނަންތައް ވެސް އާންމުކޮށްފަ އެވެ. މި ފަހަރުގެ ދާއިރާތަކުގެ އިންތިހާބުގައި އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ތުހުމަތު ކުރެވޭ މީހުންނާއި މަރުތަކާއި ގުޅިގެން ތުހުމަތު ކުރެވޭ ކަމަށް މަރު ކޮމިޝަނުން ނިންމާފައިވާ އެއްވެސް މީހަކަށް ވާދަނުކުރެވޭ ގޮތް އެޕާޓީން އޮތީ ހަދާފަ އެވެ.

އެގޮތަށް އަމަލުކުރުމުން ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފާއި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ކުރިން ގެއްލުނެވެ. ނަމަވެސް އެމްޑީޕީގެ އިސްތިއުނާފް ކޮމިޓީން މައްސަލަ ބެލުމަށްފަހު މިހާރު ވަނީ އެ ދެ ބޭފުޅުންނަށް ވެސް އިންތިހާބުގައި ވާދަކުރުމަށް ފުރުސަތު ދީފަ އެވެ.

އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބު ބާއްވަން ހަމަޖެހިފައިވަނީ މިމަހުގެ 25ވާ ހޮނިހިރު ދުވަހު އެވެ.

ދާއިރާ ތަކުގެ އިންތިހާބުގައި ޕްރޮވިންސްތަކާއި ސިޓީތަކާއި ދާއިރާތަކަށް 455 ބޭފުޅުން އިންތިހާބު ކުރުމަށް ވަނީ ނިންމާފަ އެވެ. މި އިންތިޚާބުގައި 730 ކެނޑިޑޭޓުން ވާދަކުރެ އެވެ.

އިންތިހާބުގައި އޮފިޝަލުންގެ ގޮތުގައި 900 މީހުން ހަރަކާތްތެރިވާއިރު 300 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމާފަ އެވެ. އެމްޑީޕީގެ ދަފްތަރުގައިވާ ގޮތުން އެ ޕާޓީގައި 93،354 މެމްބަރުން އެބަތިއްބެވެ.