ހަބަރު

މަގުމައްޗަށް ނިކުމެއްޖިއްޔާ މުޒާހަރާ ރޫޅާލާނަން: މިނިސްޓަރު އުމަރު

މުޒާހަރާ ކުރަން އެމްޑީޕީ އަށް މަގުމައްޗަށް ނުނިކުމެވޭނެ ކަމަށާއި މިރޭ ބާރަ ޖަހަންދެން އާޓިފިޝަލް ބީޗުގައި ތިބުމަށްފަހު މުޒާހަރާ ނިންމާލަން ޖެހޭނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

މިއަދު ހަވީރު ހަތަރެއްޖަހާއިރު ފަށާ މުޒާހަރާއާ ގުޅިގެން "އަވަސް" އަށް ދިން އިންޓަވިއުއެއްގައި މިނިސްޓަރު އުމަރު ވިދާޅުވީ، މުލައްދަނޑީގެ ބާރުދައްކައިގެން މަގުމަތީގައި ހަމަނުޖެހުން ހިންގި ދުވަސް ފާއިތުވެއްޖެ ކަމަށެވެ. އެމްޑީޕީ މީހުންނަށް މިއަދު ބޭނުންހައި ގޮތަކަށް މަގުމަތީގައި މުޒާހަރާ ނުކުރެވޭނެ ކަމަށާއި، މިރޭ 12:00 ޖަހަންގެން އެމީހުން ތިބެންޖެހޭނީ އާޓިފޝަލް ބީޗުގައި ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިރޭ ބާރައިގެ ފަހުން އެތަނުގައި ވެސް އިތުރު ވަގުތުތަކަކަށް މުޒާހަރާ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. މުޒާހަރާކުރަން މިއަދު މަގުމައްޗަށް ނިކުމެއްޖެނަމަ މުޒާހަރާ ރޫޅާލާނެ ކަމުގެ އިންޒާރު އެމްޑީޕީ އަށް ދެއްވާފައިވާނެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.

މުޒާހަރާ 72 ގަޑިއިރާ 15 މިނިޓަށް ކުރިއަށްގެންދަން އެމްޑީޕީން ނިންމާފައި ވަނިކޮށް، މުޒާހަރާ ކުރިއަށް ގެންދެވޭނީ މިރޭ 12:00 ޖެހުމާ ހަމަޔަށް ކަމަށް މިނިސްޓަރު އުމަރު ވިދާޅުވުމުން ފުލުހުން ވަނީ އެކަން އެމްޑީޕީއަށް އިއްޔެ އަންގާފަ އެވެ. ނަމަވެސް އެމްޑީޕީން ވަނީ އެކަމާ ދެކޮޅުހަދައި ކުރިންވެސް ނިންމާފައިވާ މުއްދަތަށް މުޒާހަރާ ދިގުދަންމާނެ ކަމަށް ބުނެފަ އެވެ.

މިއަދުގެ މުޒާހަރާ ހާއްސަކޮށްގެން ރާއްޖެޓީވީން ގެނެސްދޭ ލައިވް ކަވަރޭޖްގައި އެމްޑީޕީގެ ބައެއް މެންބަރުން ދައްކަވަމުން ގެންދަވާ ވާހަކަތަކަށް ރައްދު ދެއްވަމުން އުމަރު ވިދާޅުވެފައިވަނީ އެމްޑީޕީން އެމަނިކުފާނާ ގުޅުވައިގެން ދައްކަނީ މުޅިން ދޮގު ވާހަކަ ކަމަށާ ފުރިފައި ހުރި އެއްޗެއް ގުޑުގުޑެއް ނާޅާނެ ކަމަށެވެ.

އުމަރު މިހެން ވިދާޅުވެފައިވާއިރު އެމްޑީޕީ އިން ދަނީ، އުމަރު ފުލުހުންގެ މައްޗަށް ޣައިރުގާނޫނީ އަމުރު ކުރާކަމަށް ތުހުމަތުކުރަމުންނެވެ.