ހަބަރު

އަޒްލިފް މަރުވި ކަމަށް ގަބޫލެއް ނުކުރަން: އުމަރު

Nov 27, 2015

ދީނީ އިލްމުވެރިޔާ އަދި ކުރީގެ މަޖިލިސް މެމްބަރު މަރުހޫމް ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލިކަމަށް ތުހުމަތުކުރެވޭ އަޒްލިފް ރައޫފް މަރުވެއްޖެ ކަމަށް ބުނާ ވާހަކަ ގަބޫލުނުކުރައްވާކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އުމަރު ނަސީރާ ހަވާލާދީ ވީ ނިއުސް އިން ބުނީ، އެހެން ގައުމެއްގައި ހިނގާ ދާޚިލީ ހަނގުރާމައެއްގައި ބައިވެރިވާން ގޮސް އަޒްލިފް މަރުވެފައިވާ ކަމުގެ އަޑުތަކެއް ފެތުރުނު ނަމަވެސް އެކަން ގަބޫލުނުކުރައްވާ ކަމަށެވެ. އަޒްލިފް މަރުވެއްޖެ ކަމަށް ބުނެ ދައްކާ ވާހަކައާ ފޮޓޯއަކީ ސަރުކާރުން އޭނާ ހޯދާތީ އޮޅުވާލަން ކުރާ ކަމެއް ކަމަށް އުމަރު ވިދާޅުވި އެވެ.

އަޒްލިފް މަރުނުވާކަމަށް މިނިސްޓްރީން ގަބޫލުކުރާތީ އަވައްޓެރި ގައުމުތަކާ ގުޅިގެން އޭނާ ހޯދަން މިހާރުވެސް މަސައްކަތް ކުރާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެކުވެރި ބައެއް ގައުމުތަކުގެ އިންޓެލިންޖެންސް ސޯސްތަކާ ވާހަކަ ދައްކަމުން މިދަނީ. އެކަމަކު އޭނަ މަރުވެފައިވާ ކަމަށް އެއްވެސް ފަރާތަކުން ޔަގީންކަމެއް ނުދޭ. އެހެންވީމަ ގަބޫލެއް ނުކުރަން އަޒްލިފް މަރުވި ކަމަކަށް،" އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވި ގޮތުގައި އަޒްލިފް ދިޔައީ ކޮން ތާކަށްކަން އަދިވެސް ޔަގީނެއް ނުވެ އެވެ. އޭނާ ސީރިއާ އަށް ދިޔަކަމަށް ހަބަރު ލިބުނު ނަމަވެސް އެކަން ކަށަވަރު ނުކުރެވޭ ކަމަށާ، އޭނާ ދިޔައީ ކޮން ގައުމަކަށްތޯއާއި އޭގެ ފަހުން އޭނައަށް ވީ ކީއްތޯ ބަލަން މަސައްކަތް ކުރަމުން ދާކަމަށް އުމަރު ވިދާޅުވިއެވެ.

އަޒްލިފަކީ ބޮޑެތި ކުއްތަކެއްގައި ތުހުމަތު ކުރެވޭ ނުރައްކާތެރި ކުށްވެރިއަކަށް ވާތީ ރާއްޖެއިން ބޭރުވުމަކީ އޭނާއަށް އުނދަގޫ ކަމަކަށް ނުވާނެ ކަމަށް އުމަރު ވިދާޅުވި އެވެ.

"މީހަކު ކޮންމެހެން އޭނަ ރާއްޖެއިން ބޭރަށް ފޮނުވާކަށް ނުޖެހޭ. އޭނައަކީ ބޮޑު ކުށްވެރިއަކަށް ވާތީ އެފަދަ ކަންކަން ކުރާނެ ގޮތް އޭނަޔަށް ހޯދޭނެ. އެފަދަ މީސްމީހުން ވަގު ޕާސްޕޯޓުތައް ހައްދައިގެން ބޭރަށް ދޭ. އެހެން ދާ ކޮންމެ މީހަކު ހުއްޓުވުމަކީ ފުލުހުންނަށްވެސް ނާދިރު ކަމެއް. އެކަމަކު އެކަމަށްވެސް ފުލުހުން ވަނީ ވަރަށް ސަމާލުވެފަ،" އުމަރު ވިދާޅުވި އެވެ.

އަޒްލިފަކީ ޑރ. އަފްރާޝީމްގެ މަރުގެ ތުހުމަތުގެ އިތުރަށް ގިނަ އަދަދެއްގެ ބޮޑެތި ކުށްތަކުގައި ތުހުމަތުކުރެވޭ މީހެކެވެ. ޓެރަރިޒަމްގެ އަމަލެއް ހިންގިކަމުގެ ތުހުމަތާ، މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން ގެއްލުވާލުމުގެ ތުހުމަތުވެސް އޭނާގެ މައްޗަށް ކުރެވެއެވެ.

ސީރިޔާގައި ހިނގަމުންދާ ހަނގުރާމައިގައި ބައިވެރިވާން މި އަހަރުގެ ކުރީކޮޅު އަޒްލިފް އެގައުމަށް ގޮސްފައިވާ ކަމަށް އަޑު ފެތުރިފައިވަނީ މިދިޔަ އަހަރުގެ ތެރޭގަ އެވެ. އެ ހަނގުރާމައިގައި ދިން ބޮމުގެ ހަމަލާއެއްގައި އަޒްލިފް މަރުވެއްޖެ ކަމަށް އޭނަގެ އާއިލާއާ ހަވާލާދީ ބައެއް މީޑިއާތަކުން މިއަހަރު ވަނީ ރިޕޯޓުކޮށްފަ އެވެ.