ޕޮލިޓިކްސް

ރައީސް ޔާމީންގެ މައްޗަށް ދައުވާއެއް ނުކުރެވޭނެ: އަލީ

Sep 12, 2021

އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅުވައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރެވޭނެ އެއްވެސް ދައުވާއެއް ނޯންނާނެ ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތް ހިންގީ ޓޫރިޒަމް މިނިސްޓަރަކަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ހުންނެވި ދުވަސްވަރު އެވެ. އަލީ ވަހީދުގެ ޓޫރިޒަމް މިިނިސްޓަރު ކަމުގައި ހިޔާނާތުގެ މައްސަލައެއް ހިނގާ ދިޔަ ނުދިނުމަށްޓަކައި ބައެއް ފިޔަވަޅުތައް އެޅުއްވި ކަމަށް އޭނާ ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު ވިދާޅުވެފައިވެ އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅުވައިގެން އަލީ ވަހީދު މިއަދު ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް އެމްއެމްޕީއާރްސީ މައްސަލައާ ގުޅުވާ ކުރެވޭނެ އެއްވެސް ދައުވާއެއް އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

ރައީސް ޔާމީންގެ ވެރިކަމުގެ ބޮޑުބައި އަލީ ވަހީދު ދިރި އުޅުއްވީ ރާއްޖެއިން ބޭރުގަ އެވެ. އަމިއްލަފުޅަށް އަރުވާލެވިގެން ހުންނަވައިގެން އެމްއެމްޕީއާރްސީގެ ހިޔާނާތާއި ރައީސް ޔާމީނާ ގުޅުވައިގެން ރާއްޖޭގެ ޓީވީ ޕްރޮގްރާމުތަކުގައި އެންމެ ގިނައިން ވާހަކަ ދެއްކެވި އެއް ބޭފުޅަކީ ވެސް އަލީ ވަހީދެވެ.

އެކަމަކު މިއަދު އަލީ ވަހީދު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖެއިން ބޭރުގައި ކުރެވުނު ތަހުގީގުގައި އެމަނިކުފާނުގެ އެކައުންޓްތައް ފްރީޒް ނުކުރެވުނީ އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅުވައިގެން އެމަނިކުފާނަށް ދައުވާ ކުރެވެން ނެތުމުން ކަމަށެވެ.

"ރައީސް ޔާމީން މިނިވަންކުރަންޖެހޭ" ދިވެހި ގައުމީ ދިދަ ހިމެނޭ ސްޓިކާއަކާއެކު ކުރެއްވި ޓްވީޓުގައި އަލީ ވިދާޅުވެފައިވެ އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓް ކަމަށް ބުނާ ލިސްޓެއް ރައްޔިތުންގެ މަޖިލީހުން މީގެކުރިން އާންމުކޮށްފައިވެ އެވެ. މިހާރުގެ ޕްރޮސެކިއުޓާ ޖެނަރަލް ހުސައިން ޝަމީމަކީ އަހްމަދު އަދީބްގެ ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށްވާތީ ހިޔާނާތުގެ ފައިސާ ޕީޖީ ޝަމީމަށް ލިބިފައިވާނެ ކަމަށް ބައެއް މީހުން ތުހުމަތުކުރެ އެވެ. ނަމަވެސް މަޖިލީހުން އާންމުކުރި ލިސްޓްގައި ޝަމީމްގެ ނަމެއް ނެތެވެ.

އެކަމާ ގުޅުވާ އަލީ ވަހީދު ވިދާޅުވީ ސައްހަ ލިސްޓު ފެށެނީ މިހާރުގެ ޕްރޮސެކިއުޓާ ޖެނެރަލާ ހުސައިން ޝަމީމާ ހަމައިން ކަމަށެވެ.

"ރެހެންދި ފްލެޓުން ކަޅު ދަބަސް ހިފައިގެން ނުކުތް މީހުން އަޅުގަނޑުމެންނަކަށް ނޯޅޭ! ތިޔަ ފޯނުތަކާ ލެޕްޓޮޕާ އިނގިރޭސި ތަހުގީގު ޓީމަށް ރައްދުކޮށް ދިނީ އަޅުގަނޑު. ޖަލަށް ލިޔަސް، މަރާލިޔަސް، އިރާދަފުޅުން މިއަޑު ކަނޑުވާ ނުލެވޭނެ،" އަލީ ވަހީދު ވިދާޅުވެފައިވެ އެވެ.

ރައީސް ޔާމީންގެ ދިފާއުގައި އަލީ ވަހީދު ވާހަކަ ދައްކަވާފައި މިވަނީ އިނގިރޭސި ފުލުހުން އޭނާ ހައްޔަރު ކުރުމަށްފަހު ދޫކޮށްލުމުން ކަމަށް މައުލޫމާތު ލިބެ އެވެ. ނަމަވެސް ދިވެހި ސަރުކާރުގެ ރަސްމީ އިދާރާ އަކުން އެކަން ކަށަވަރުކޮށްދީފައެއް ނުވެ އެވެ. އަލީ ވަހީދު އިނގިރޭސި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ވިސާ އޯވަ ސްޓޭވުމުން އިމިގްރޭޝަން ގާނޫނާ ހިލާފުވި ކަމުގެ ތުހުމަތުގަ އެވެ.

އަލީ ވަހީދު އިނގިރޭސިވިލާތަށް ބޭސް ފަރުވާ އަށް ވަޑައިގެންނެވީ އޭނާގެ މައްޗަށް ޖިންސީ ގޯނާގެ މައްސަލަތަކެއްގައި ދައުލަތުން ދައުވާކޮށްފައި ވަނިކޮށް ކޯޓުން ހުއްދަ ދީގެންނެވެ.