އެޗްއައިވީ އޭޑްސް

އެއިޑްސް ޖެހުނު މީހާ އެދުނު ބަދަލު ނަގައިނުދިން

އެއިޑްސް ޖެހުމުން ވަޒީފާ ގެއްލުނު ފްލައިޓް އެޓެންޑް ބަދަލު ހޯދަން ހުށަހެޅި ނަމަވެސް އޭނާ އެދުނު މިންވަރަށް ބަދަލު ނަގައިދެވެން ނެތް ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފި އެެވެ.

މެގަ މޯލްޑިވްސްގައި ކުރިން ވަޒީފާ އަދާކުރި ފްލައިޓް އެޓެންޑަކަށް އެއިޑްސް ބަލި ޖެހިފައިވާތީ އެ މައްސަލަ ހުށަހެޅި މީހާގެ ނަމެއް ހާމައެއް ނުކުރެ އެވެ.

އެ މައްސަަލަ ހުށަހެޅި މީހާ ބުނެފައިވާ ގޮތުގައި މެގަ މޯލްޑިވްސްއާއެކު ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި 2010 ވަނަ އަހަރު ސޮއިކުރި ކަަމަށާއި ނަމަވެސް އެއިޑްސް ޖެހުނުކަން 2012 ވަަނަ އަހަރު ޖޫން މަހު އެންގި ފަހުން ފްލައިޓަށް އެއްގޮތަަކަށް ވެސް ނާރުވާ ކަމަށެވެެ. އަދި ވަޒީފާގެ ކޮންޓްރެކްޓް ސެޕްޓެމްބަރު މަހު ހަމަވުމުން އިތުރު އެއް މަސް ދުވަހަށް ވަޒީފާގެ އެއްބަސްވުން އާކުރި ކަމަށެވެ. ނަމަވެސް އޭގެ ފަހުން ވަޒީފާގެ އެއްބަސްވުން އާކޮށް ނުދިން ކަމަށެވެ.

އެ މީހާގެ އެއްބަސްވުން އާ ނުކޮށްދިން ނަމަވެސް އޭނާއާއެކު އެއް މަގާމެއްގައި ވަޒީފާ އަދާކުރި އެހެން މީހެއްގެ ވަޒީފާ ތިން އަހަރު ދުވަހުގެ މުއްދަތަށް އިތުރު ކޮށްދިން ކަމަށް ބުނެފައި ވެެއެވެ. އެހެންކަމުން ވަޒީފާގެ އެއްބަސްވުން އާ ނުކޮށް ދިނީ އެއިޑްސް ޖެހިފައިވާތީ ކަމަށް ދެކޭ ކަމަށް މައްސަލަ ހުށަހެޅި މީހާ ބުނެފައި ވެއެވެ.

ވަޒީފާގެ އެއްބަސްވުން އާ ނުކޮށްދިން އިރު މެޑިކަލް ޓެސްޓުން ފާސްވެފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ.

އެ މައްސަލަ އެންމެ ފުރަތަމަ ބެލި ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއިން ނިންމީ ވަޒިފާ ގެއްލުނު ފަރާތަށް ތިން އަހަރުގެ މުސާރައާއި އިނާޔަތްތައް ބަދަލުގެ ގޮތުގައި ދީ ނުވަތަ އޭނާގެ ވަޒީފާ ރުޖޫއަ ކޮށްދިނުމަ ށެވެ. އެއީ އެ ދުވަސްވަރު ވަޒީފާގެ އެއްބަސްވުން އާކޮށްދިން އެހެން މުވައްޒަފުން ވެސް އެއްބަސްވުން އާކޮށްދިނީ ތިން އަހަރު ކަމަށްވާތީ އެވެ. އެ ހުކުމް ހައި ކޯޓުން ވެސް ދެމެހެއްޓި އެވެ. އެހެންވެ އެ މަސައްލަ މެގަ ގްލޯބަލް ސާވިސް އޮތީ އިސްތިއުނާފުކޮށްފަ އެވެ.

ކުރީގެ ދެ ހުކުމާ ހިލާފަށް ސުޕްރީމް ކޯޓުން ކުރި ހުކުމް ގައި ބުނީ ތިން އަހަރުގެ މުސާރައާއި އިނާޔަތް ދިނުމަކީ އެންމެ އަދުލުވެރި ބަދަލުކަމަށް ނުފެންނަ ކަމަށެވެ. އެހެން ކަމުން ވަޒީފާ ގެއްލުނު ފަރާތަށް އެއް އަހަރު ދުވަހުގެ މުސާރައާއި އިނާޔަތް ދިނުމަށް ހުކުމް ކުރިއެވެ.