އެމްޑީޕީ

އެމްޑީޕީގައި އަބަދުވެސް ހިޔާލު ތަފާތުވުން އޮވޭ: ހަސަން ލަތީފް

ވެރިކަން ކުރާ އެމްޑީޕީގައި އަބަދުވެސް ހިޔާލުތަފާތުވުން އޮންނަ ކަމަށާއި އެ ޕާޓީ ދެމިއޮތުމުގެ އަސްލަކީ ވެސް އެކި ވިސްނުމުގެ ބޭފުޅުން އެ ޕާޓީގައި ތިއްބަވައިގެން ކަންކަން ކުރައްވާތީ ކަަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.

ހަސަން މިހެން ވިދާޅުވީ އެމްޑީޕީގެ ދާއިރާ ތަކުގެ އިންތިހާބާ ގުޅޭ ގޮތުން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެގޮތުން އެމްޑީޕީގެ ތެރޭގައި މިހާރު އުފެދިފައިވާ ހިޔާލު ތަފާތުވުންތަކާ ގުޅިގެން ކުރިއަށް އޮތް ދާއިރާތަކުގެ އިންތިހާބަށް ހުރަސް އެޅިދާނެތޯ ނޫސްވެރި އަކު ސުވާލު ކުރި އެވެ. ނަމަވެސް ހަސަން ވިދާޅުވީ ހިޔާލު ތަފާތު ވިޔަސް އިންތިހާބަށް ހުރަސް އެޅިގެންދާނެ ކަަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"އަޅުގަނޑު ހިތުން ފުރިހަމަ އިންތިހާބަކަށް ވަނީވެސް އޭގެ ނަތީޖާ ރަނގަޅުވަނީ ވެސް ވާދަވެރިކަމެއް އޮވެގެން. އެނގިވަޑައިގަންނަވާނެ އެމްޑީޕީގެ އިންތިހާބުތަކަކީ ވަރަށް ވާދަވެރިކޮށްދާ އިންތިހާބުތަކެއް. އެހެން ނަމަވެސް އިންތިހާބު ނިމުމާއެކު އެއް ޕާޓީއެއްގެ ގޮތުގައި އަޅުގަނޑުމެން އަނެއްކާވެސް ތިބެން." ހަސަން ވިދާޅުވި އެވެ.

އިންތިހާބު ބާއްވަން ތައްޔާރުވަމުންދާ މި ދަނޑިވަޅުގައި ހިޔާލު ތަފާތުވުންތައް ވަރަށް ބޮޑު ވެފައިވާތީ އެކަން ވެސް ހަސަން ސާފުކޮށްދެއްވި އެވެ. އޭނާ ވިދާޅުވީ އެ ނޫން ދަނޑިވަޅެއް އެމްޑީޕީއަށް ނާންނާނެ ކަމަށާއި އަދި އަބަދުވެސް އެމްޑީޕީގައި ހިޔާލު ތަފާތުވުން އުޅޭނެ ކަމަށެވެ.

"އެއީ އެމްޑީޕީ އެހާ ވަރުގަދަކޮށް އޮންނަ ސަބަބަކީވެސް. އެ ނޫން ގޮތަކަަށް ޕާޓީ ހިނގާ ކަމަށްވަންޏާ އެމްޑީޕީ ވަރުގަދައެއް ނުވާނެ." ހަސަން ވިދާޅުވި އެވެ.

އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބު މިމަހުގެ 25 ގައި ބާއްވަން ނިންމާފައިވާ އިރު ޖުމްލު 733 ކެންޑިޑޭޓުން ވާދަކުރެ އެވެ. އަދި ބައެއް ދާއިރާތަކުން އެންމެ މީހަކު ކުރިމަތިލާފައިވާތީ އެ ދާއިރާތަކަށް ކުރިމަތިލި މީހާ އޮޓަމެޓިކުން ހޮވޭނެ އެވެ. އެގޮތަށް ހޮވޭ މީހުންގެ ލިސްޓު އެންމެ ލަސްވެގެން މާދަމާ އާންމު ކުރާނެ ކަމަށްވެސް ހަސަން ވިދާޅުވި އެވެ.

އެެހެން ޕާޓީތަކުގެ ދަފްތަރުގައި ރަޖިސްޓްރީ ވެފައި އޮތުމުން އެމްޑީޕީގެ މެންބަރުން ކަމަށް ބުނާ 918 މީހަކަށް ކުރިއަށް އޮތް އިންތިހާބުގައި ވޯޓު ނުލެވޭ ގޮތް ވަނީ ހަދައިފަ އެވެ.

އެމްޑީޕީގެ ދާއިރާ ތަކުގެ އިންތިހާބުގައި ޕްރޮވިންސްތަކާއި ސިޓީތަކާއި ދާއިރާތަކަށް 455 ބޭފުޅުން އިންތިހާބު ކުރުމަށް ވަނީ ނިންމާފަ އެވެ. އިންތިހާބުގައި އޮފިޝަލުންގެ ގޮތުގައި 900 މީހުން ހަރަކާތްތެރިވާއިރު 300 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމާފަ އެވެ. އެމްޑީޕީގެ ދަފްތަރުގައިވާ ގޮތުން އެ ޕާޓީގައި 93،354 މެމްބަރުން އެބަތިއްބެވެ.