އެޗްޑީސީ

ފްލެޓް ބަދަލުކުރާ އެއްބަސްވުމުގައި ސޮއިކުރަން ފަށައިފި

ހިޔާ ފުލެޓްތައް ލިބުނު އެހެން ފަރާތްތަކުގެ ތެރެއިން ފްލެޓު ބަދަލުކުރަން އެދި ހުށަހަޅާފައިވާ ފަރާތްތަކާއި އެކު ހިޔާ އެއްބަސްވުމުގައި ސޮއިކުރަން ފަށައިފި އެވެ.

އެޗްޑީސީގެ މީޑިއާ އޮފިޝަލު އަވަސް އަށް ވިދާޅުވީ ވިދާޅުވީ ފްލެޓް ބަދަލުކުރަން 400 މީހަކު އެދިފައިވާ ކަމަށެވެ. އަދި އެ ފަރާތްތަކާއި އެކުގައި މިއަދު ސޮއިކުރަން ފަށާފައިވާ ކަމަށެވެ. އެ މަސައްކަތް ކުރިއަށް ދާނީ ހުޅުމާލޭގެ ހުރަވީ ސްކޫލްގައި ކަމަށް ވެސް ވިދާޅުވި އެވެ.

ހިޔާ އެއްބަސްވުމުގައި އެންމެ ފުރަތަމަ ސޮއިކުރުމަށް ތާވަލު ކުރެވިފައިވަނީ އެއްބަސްވުން ތައްޔާރުކުރަން ކޮންމެހެން ބޭނުންވާ މައުލޫމާތު، ފުރިހަމަކޮށް އެ ކޯޕަރޭޝަނަށް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން މި މަހުގެ ނުވަވަނަ ދުވަހުގެ ނިޔަލަށް މައުލޫމާތު ކަށަވަރުކޮށް ނިމިފައިވާ ފަރާތްތަކާއި އެކުގަ އެވެ.

އަދި އެކި ސަބަބުތަކާއި ހުރެ މައުލޫމާތު ފުރިހަނުކޮށް ތިބި ފަރާތްތަކުގެ މައުލޫމާތު ކަށަވަރު ކުރުމުގެ މަސައްކަތް އެޗްޑީސީން ދަނީ ކުރަމުންނެވެ. މައުލޫމާތު ސާފުވުމާއި އެކު އެއްބަސްވުމުގައި ސޮއިކުރުމަށް ފުރުސަތު އެ ފަރާތްތަކަށް ލިބޭނެ އެވެ.

ހިޔާ އެއްބަސްވުންތަކުގައި ސޮއިކުރަން ފަށާފައިވަނީ މިދިޔަ ޖުލައި މަހުގަ އެވެ. ފްލެޓްތައް ލިބުނު 5000 އަށް ވުރެ ގިނަ މީހުން އެއްބަސްވުންތަކުގައި ވަނީ ސޮއިކޮށްފަ އެވެ. މިހާރު ފްލެޓްތަކުގެ ވެރިފަރާތްތަކުން އަންނަނީ ފިނިޝިންގެ މަސައްކަތްތައް ކުރަމުންނެވެ. އަދި ބައެއް މީހުން މިހާރު ވަނީ އެތަނަށް ދިރިއުޅުންވެސް ބަދަލުކޮށްފަ އެވެ.

ފްލެޓްތަކުގެ ފިނިޝިންގެ މަސައްކަތްތައް ކުރުމަށް ދީފައިވަނީ ހަތަރު މަހުގެ މުއްދަތެކެވެ. ހިޔާ ފްލެޓްގެ ކޮންމެ އެޕާޓްމެންޓެއްގެ ކުލީގެ ގޮތުގައި ނަގަން ސަރުކާރުން ނިންމާފައިވަނީ މަހު ކުލީގެ ގޮތުގައި 7500 ރުފިޔާ އަދި މެއިންޓަނެންސް ފީގެ ގޮތުގައި 1000 ރުފިޔާ ހިމެނޭހެން ޖުމްލަ 8500 ރުފިޔާ އެވެ.