އަލީ ވަހީދު

ޕީޖީއަށް އިންޒާރެއް: އުންސުރު ހަމަކޮށްދޭނަން

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓަން އަމުރު ނެރެދެވެން ނެތް ކަމަށް ހައިކޯޓުން ކުރި ހުކުމާއި ގުޅިގެން ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމަށް އަލީ ވަހީދު އިންޒާރެއް ދެއްވާ ޓްވީޓް ކުރައްވައިފި އެވެ.

އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓައި ދޭން އެދުނު އަމުރު ނެރެދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން އެންމެ ފުރަތަމަ ހައިކޯޓުގެ ރަޖިސްޓްރާ ވަނީ މައްސަލަ ބަލައިނުގަތުމަށް ނިންމާފަ އެވެ.

ހައިކޯޓުން އެ މައްސަލަ ބަލައިނުގަތީ އަލީގެ ގައިރު ހާޒިރުގައި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމާފަ އެވެ. ނަމަވެސް ސުޕްރީމް ކޯޓުން ވަނީ ހައިކޯޓަށް އެ މައްސަލަ ނިންމޭނެ ކަމަށް ކަނޑައަޅާފަ އެވެ.

ދައުލަތުން ހައިކޯޓުގައި ހުށަހަޅާފައި ވަނީ އަލީ ވަހީދުގެ ޑިޕްލޮމެޓިކް ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރަކަށެވެ. ޑިޕްލޮމެޓިކް ޕާސްޕޯޓަކީ ދައުލަތުގެ އިސްވެރިންނަށް ދޫކުރާ ޕާސްޕޯޓަކަށް ވީހިނދު، އަލީ ވަހީދަކީ މިހާރު ދައުލަތުގެ އިސް މަގާމެއްގައި ހުންނެވި ބޭފުޅަކަށް ނުވާތީ އެ ޕާސްޕޯޓު މިހާރު ވަނީ ކެންސަލްކޮށްފަ އެވެ.

ހައިކޯޓުން މިއަދު އިއްވާފައިވާ ހުކުމުގައި ބުނެފައި ވަނީ އަލީ ވަހީދު ރާއްޖެއިން ފުރައިގެން ދިޔައީ އޭނާގެ މައްޗަށް ފުރުން މަނާކުރުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރު ބާތިލުކުރުމުން ކަމަށް ހީވި ނަމަވެސް އެ އަމުރުގައި ވަނީ އޭނާގެ ޑިޕްލޮމެޓިކް ޕާސްޕޯޓުގެ މައުލޫމާތު ކަމަށެވެ. އެ އަމުރު ނެރުމުގެ ކުރިން އޭނާގެ އެ ޕާސްޕޯޓު އިމްގްރޭޝަނުން ބާތިލްކޮށްފައިވާ ކަމަށް ހުކުމްގައި ވަނީ ބުނެފަ އެވެ. އޭނާގެ އަމިއްލަ ޕާސްޕޯޓުގައި ރާއްޖެ ދޫކޮށް ދިޔައިރު އެ ޕާސްޕޯޓު އެއްވެސް އިރެއްގައި ހިފަހައްޓާފައި ނުވާ ކަމަށެވެ.

ޖިނާއީ އިޖުރާއަތު ގާނޫނުގެ 75 ވަނަ މާއްދާގެ ނައްސުތަކަށް ބަލާއިރު ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރު ރައްދުވާ ފަރާތަކީ ރާއްޖޭގައި ހުރި މީހެއް ކަމަށް އެނގެން އޮތް ކަމަށެވެ. ފިލައިގެން އުޅޭ މީހެއްގެ ޕާސްޕޯޓު ހިފެހެއްޓުމަށް އަމަލުކުރަން ޖެހޭ ގޮތް ގާނޫނުން ފެންނަން ނެތް ކަމަށް ވެސް ހުކުމްގައި ބުނެ އެވެ.

ފަނޑިޔާރު މުހައްމަދު ނިޔާޒްގެ މި ރައުޔަށް ފަނޑިޔާރު އަބްދުﷲ ހަމީދު ވަނީ ތާއީދުކުރައްވާފަ އެވެ. ފަނޑިޔާރު އަލީ ސަމީރުގެ ރައުޔުގައިވާ ގޮތުން އަލީ ވަހީދުގެ ޕާސްޕޯޓްތައް ހިފަހައްޓަން އަމުރު ނެރުމުގެ ޖާގަ އެބަ އޮތެވެ.

ފަނޑިޔާރު އަލީ ސަމީރުގެ ރައުޔުގައި ބަޔާންކޮށްފައި ވަނީ ދައުލަތުން ކްރިމިނަލް ކޯޓަށް ހުށަހެޅި ފޯމުގައި އަލީ ވަހީދުގެ ޑިޕްލޮމެޓިކް ޕާސްޕޯޓު ނަންބަރު ޖަހާފައި އޮތް ނަމަވެސް އެ ލިޔުމުގައި އޭނާގެ ޓްރެވެލް ޑޮކިއުމެންޓް ހިފެހެއްޓުމަށް ވެސް އެެދިފައިވާ ކަމަށެވެ. ދައުލަތުގެ މި އެދުމުން މަގްސަދަކީ އަލީ ވަހީދު ގައުމުން ބޭރުގައި ދަތުރުފަތުރު ކުރުން ހުއްޓުވައި ރާއްޖެ ގެނައުން ކަމަށާއި، ދައުލަތުން ހައިކޯޓުގައި އެދިފައި ވަނީ ވެސް ކޯޓު އަމުރަށް އެދި ހުށަހެޅި ހުށަހެޅުމާ މެދު ނިންމި ގޮތަކީ ގާނޫނާ ހިލާފަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމެއްކަން ކަނޑައަޅައި ދިނުން ކަމަށެވެ. އެހެންކަމުން އަލީ ވަހީދަށް ރާއްޖެއިން ދޫކޮށްފައިވާ ހުރިހާ ޕާސްޕޯޓަކާއި ޓްރެވެލް ޑޮކިއުމެންޓެއް ހިފެހެއްޓޭނެ ޖާގަ އޮތް ކަމަށް ފަނޑިޔާރު އަލީ ސަމީރުގެ ރައިޔުގައި ބަޔާންކޮށްފައި ވެއެވެ.

ހައި ކޯޓުން މި މައްސަލަ ކުރިއަށް ގެންގޮސްފައި ވަނީ ދައުވާ ލިބޭ ފަރާތެއް ނެތް މައްސަލައެއްގެ ގޮތުގަ އެވެ.

ހައިކޯޓްގެ ނިންމުމާއެކު އަލީ ވަހީދު ވަނީ ޓްވީޓެއް ކުރައްވާފައެވެ. އެ ޓްވީޓްގައި ޝަމީމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. ވިދާޅުވީ ޝަމީމަކީ އެމްޑީއެންގެ ޗެއާޕާސަންކަން ކުރެއްވި ކަމާއި ވެންޓިލޭޓަރުގެ ހިޔާނާތް ހިންގެވިކަންވެސް އެނގިވަޑައިނުގެންނެވި ބޭފުޅެއް ކަމަށާ އެފަދަ ބޭފުޅަކަށް އަލީ ވަހީދުވެސް އޮޅިދާނެ ކަމަށެވެ. އޭގެ ފަހުން ދެން ވިދާޅުވީ އުންސުރު ހަމަކޮށްދެއްވާނެ ކަމަށެވެ.

"ކީރިތި ރަސޫލާއަށް ފުރައްސާރަކުރި އެމްޑީއެން ގެ ޗެއާޕާސަންކަން ކުރިކަން ހަނދާން ނެތް ކަމަށް ވިދާޅުވި މީހަކަށް، ރައްޔިތުންގެ ނޭވާ ހޮޅިން ވެންޓިލޭޓަރުން ވައްކަން ކުރިކަން ނޭނގުނު މީހަކަށް، ފަތިސް ކަމަށް މެންދުރު ޓްވީޓް ކުރާ މީހަކަށް، އަލީ ވަހީދުވެސް އޮޅިދާނެ. އުންސުރު ހަމަކޮށްދޭނަން،" ޖިންސީ ގޯނާގެ ވަރަށް ސީރިއަސް ތުހުމަތެއް ކުރެވި ބޮޑެތި ދައުވާތަކެއް އުފުލުމުން ރާއްޖެއިން ބޭރަށް ވަޑައިގެން ފިއްލަވައިގެން އުޅުއްވާ އަލީ ވަހީދުގެ ޓްވީޓްގައިވެއެވެ.

އަލީ ވަހީދު ޓްވީޓް ކުރައްވާ ސަރުކާރާ ދެކޮޅަށް މަސައްކަތް ފަށާފައި މިވަނީ ޖިންސީ ގޯނާގެ ތުހުމަތުތަކެއް ކޮށް ދައުވާތައް އުފުލާފައިވަނިކޮށް ޔޫކޭއަށް ވަޑައިގެން އުޅުއްވަނިކޮށް އެ ގައުމުގެ ފުލުހުން އޭނާ ހައްުޔަރުކޮށްފައިވަނިކޮށެވެ. އޭނާ ހައްޔަރު ކޮށްފައި މިދިިޔަ މަހުގެ ފަންސަވީސް ވަނަ ދުވަހު އެވެ. އޭނާ ހައްޔަރުކޮށްގެން ގެންދާ ވީޑިއޯއެއްވެސް ވަނީ އާންމުވެފައެވެ. ނަމަވެސް މި މަހުގެ ހަވަނަ ދުވަހާއި ހަމައަށް ފުލުހުން އެކަން ކަށަވަރެއް ނުކޮށްދެއެވެ.

ފުލުހުން އެކަން ކަށަވަރުކޮށްދީ ހަވަަނަ ދުވަހުގެ ހަވީރު އެވެ.

އެ ފަހުން ހަބަރެއް ނުވެ ހުރުމަށް ފަހު އަލީ ވަހީދުގެ ޓްވީޓެއް އައީ ރޭ ބާރަ ޖަހަން ކައިރިވެފައިވަނިކޮށެވެ.

އެ ޓްވީޓްގައި ވިދާޅުވީ ސިޔާސީ ދައުވާތަކާއި މީހުން ފްރޭމް ކުރުމާއި އަނިޔާވެރިކަމުގެ ކުރިމަތީގައި ފަހަތަށް ނުޖެހޭނެ ކަމަށެވެ. އަދި އިންސާފުވެރި އަދުލްވެރި ޝަރުއީ ނިޒާމެއް ދިވެހި ރައްޔިތުންނަށް ހޯދާ ދިނުމަށްޓަކައި ވާންޖެހުނު ކޮންމެ ގުރުބާނީއެއް ވާނެ ކަމަށެވެ.

"އިރާދަފުޅުން ދައްކަވަން އުޅުނު ވާހަކަ ދައްކާނަން. އެނބުރި އަންނާނަން،" ރާއްޖޭގެ ގައުމީ ދިދައަކާއެކު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

އަލީ ވަހީދު އެ އިޝާރާތް ކުރަނީ ޔޫކޭގެ ފުލުހުން އޭނާ ހައްޔަރުުކުރި ދުވަހު ބާއްވަން އޮތް ނޫސްވެރިންގެ ބައްދަލްވުމުގައި ދެއްކެވުމަށް ނިންމެވި ވާހަކަތަކަށް ކަަމަށް ބެލެވެއެވެ. އަލީ ވަހީދުގެ ވަކީލުންގެ ޓީމު ވަނީ އޭނާ ހައްޔަރުކުރި ދުވަހު ޕްރެސް ކޮންފަރެންސެއް ވެސް ބާއްވަން މަސައްކަތް ކޮށްފައެވެ. އަދި އެ ދުވަހު އަލީ ވަނީ ޕްރެސް ކޮންފަރެންސް އޮންނާނެ ކަމަށް ޓްވީޓެއް ވެސް ކުރައްވާފަ އެވެ. އެ ޕްރެސް އޭނާ ބާއްވަން އިންތިޒާމްކޮށްފައި އޮތީ ނޫސްވެރިން ހިމެނޭ ގޮތަށް އޮންލައިންކޮށެވެ.