ގައުމީ ފުޓްބޯޅް ޓީމް

ގައުމީ ޓީމުގެ ކުޅުންތެރިންނަށް ޢަސްރު ޖަމިއްޔާގެ ހަދިޔާއެއް

ކީރިތި ރަސޫލާގެ ހަޔާތްޕުޅުގެ މައްޗަށް ބިނާކޮށް "އަލިވޮށް" ނަމުގައި އަލް ޢަސްރު ޖަމިއްޔާއިން ނެރެފައިވާ ފޮތް، ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންނަށް ހަދިޔާކޮށްފި އެވެ.

ޢަސްރު ޖަމިއްޔާއިން ވަނީ ގައުމީ ޓީމުގެ ކޮންމެ ކުޅުންތެރިއަކަށް ފޮތެއް ހަދިޔާކޮށްފައެވެ. އެ ފޮތްތަކާއި ގައުމީ ޓީމުގެ ފަރާތުން ހަވާލުވެފައިވަނީ ގައުމީ ކެޕްޓަން އަކުރަމް އަބްދުލްޣަނީ އެވެ.

ޢަސްރު ޖަމިއްޔާގެ އިވެންޓް ސެކްރެޓަރީ އައްސަދު ޝަރީފް ވިދާޅުވީ އެ ޖަމިއްޔާގެ "އަލިވޮށް" ގައުމީ ޓީމުގެ ކުޅުންތެރިންނަށް ހަދިޔާކުރަން ނިންމީ އެ ފޮތަކީ ރަސޫލާގެ ހަޔާތްޕުޅާއި ގުޅޭ އެކި ވާހަކަތައް ހާއްސަކޮށް ޒުވާނުންނަށް މުހިންމު ވާހަކަތަކެއް ހިމެނޭ ފޮތަކަށް ވާތީ ކަމަށެވެ.

މި ފޮތަކީ ސައުދީގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންތަކެއް ލިޔެފައިވާ ފޮތެވެ. ފޮތް މުރާޖައާކޮށްފައިވަނީ މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިހް އަހުމަދު ސަމީރެވެ. ފޮތް ޗާޕުކޮށްފައިވަނީ އަަމިއްލަ ފަރާތެއްގެ ދީލަތި އެހީގައެވެ. އައްސަދު ވިދާޅުވީ އެ ފޮތް ވީހާވެސް ގިނަ ބަޔަކަށް ކިޔެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން މިސްކިތްތަކަށް ހަދިޔާ ކުރަމުންދާ ކަމަށެވެ. އަދި ސުކޫލުތަކުގެ ލައިބްރަރީތަކަށްވެސް ފޮތް ހަދިޔާ ކުރަން ނިންމާފައިވާ ކަމަށެވެ.

"މިހާރު މާލޭގެ ވަރަށް ގިނަ މިސްކިތްތަކުން އެ ފޮތް ކިޔާލަން ލިބޭނެ. އަދި ސުކޫލު ލައިބްރަރީތަކަށްވެސް މިދަނީ ހަދިޔާ ކުރަމުން،"

މީގެ އިތުރުން މެސެޖް އޮފް އިސްލާމުން އެ ފޮތް ގަންނަން ލިބޭނެ އެވެ. އަދި ސީރާހްއެމްވީގެ އިންސްޓަގްރާމް ޕޭޖް އާއި ޢަސްރުޕަބްލިކޭޝަން ގެ އިންސްޓަގްރާމް ޕޭޖަށް މެސެޖް ކުރުމުން ޑެލިވަރީ ކޮށްދޭނެ އެވެ.

ޢަސްރު ޖަމިއްޔާއިން ވަނީ 11 ފޮތެއް މިހާތަނަށް ޕަބްލިޝްކޮށްފައެވެ. އަދި ކުޑަކުދިންނަށް ހާއްސަކޮށްގެން ފޮތް ސީރީޒެއް ނެރުމުގެ މަސައްކަތްވެސް މިހާރު ވަނީ ފަށާފައެވެ. އެ ގޮތުން "ކޮއްކޮގެ ވުޟޫ ފޮތް" ނަމުގައި ފުރަތަމަ ފޮތް ވަނީ ނެރެފައެވެ. އަދި "ކޮއްކޮގެ ރޯދަ ފޮތް" ނަމުގައި ފޮތެއް ނެރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން "މަސްޖިދު އަލް-އަޤްސާ" ގެ މައުލޫމާތު ހިމެނޭ ފޮތެއްވެސް ކުޑަކުދިންނަށް ހާއްސަކޮށްގެން ނެރުމަށް ދަނީ ތައްޔާރުވަމުންނެވެ.

ދިވެހިންގެ ދީނީ ހޭލުންތެރި ކަމަށް މަސައްކަތް ކުރާ ވަރަށް ހަރަކާތްތެރި ޖަމިއްޔާއެއްގެ ގޮތުގައި ޢަސްރު ފާހަގަކުރެވިފައިވާއިރު އެ ޖަމިއްޔާއިން ގެންދަނީ ވަރަށް ގިނަ ދީނީ ޕްރަގްރާމްތައް ރާއްވާ ހިންގަމުންނެވެ. އަދި އެކި ވޯކްޝޮޕްތަކާއި ކޭމްޕްތައްވެސް ހިންގައެވެ. ޒުވާނުންނާއި ކުޑަކުދިން ޝައުގުވެރިވާ ގޮތަށް ހިންގޭ މި ހަރަކާތްތަކަށް ވަރަށް ބޮޑު ތަރުހީބެއް އޮވެއެވެ.