އެމްޑީޕީ

އެމްޑީޕީން ތިން ކަމެއް ޑިމާންޑްކޮށް ރައީސަށް ލިޔުން ފޮނުވައިފި

ތިން ކަމެއް ފުރިހަމަކޮށްދިނުމަށް އެދި އެމްޑީޕީން ސަރުކާރަށް ޑިމާންޑްކޮށް ލިޔުން ފޮނުވައިފި އެވެ.

މިހާރު ކުރިއަށްދާ މުޒާހަރާގައި އެމްޑީޕީގެ ފަރާތުން ސަރުކާރަށް ކުރާ ޑިމާންޑްތައް އިއުލާނުކޮށްދެއްވީ އެމްޑީޕީގެ ނައިބު ރައީސް އަހުމަދު ޝިފާޒް އެވެ.

އެމްޑީޕީން ހުށަހެޅި ޑިމާންޑްތައް:
- ޓެރަރިޒަމްގެ ދައުވާ ސާބިތުވެ 13 އަހަރަށް ޖަލަށްލާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަންކުރުން
- 11 އަހަރަށް ޖަލަށްލާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ނާޒިމާ، ގޭ ބަންދުގައި ހުރި އަދާލަތުޕާޓީގެ ރައީސް ޝައިހް އިމްރާން ދޫކޮށްލުމާ، ޑރ އަފްރާޝީމް އަލީއާ، ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން ގެ މައްސަލަ ބަލައި އެނޫންވެސް 1700 އަށް ވުރެ ގިނަ މީހުންނަށް ކުރެވޭ ތުހުމަތު ތަހުގީގުކުރުން
-ކޮރަމްޝަން ނައްތާލައި ގައުމު ހަމަ މަގަށް އަޅުވަން ސިޔާސީ ޕާޓީތަކާ ގުޅިގެން މަޝްވަރާކުރަން ފެށުން

އެމްޑީޕީން ވަނީ އެ ޑިމާންޑްތައް އިއުލާނުކުރުމަށްފަހު ރައީސް އޮފީހަށް ފެކްސްއެއް ފޮނުވާފަ އެވެ. އެމްޑީޕީން ބުނީ އެ ޕާޓީން ކުރާ ޑިމާންޑުތައް ފުރިހަމަކުރަން ސަރުކާރަށް 73 ގަޑިއިރާ 13 މިނިޓް ދޭނެ ކަމަށެވެ. އެ ވަގުތުގެ ތެރޭގައި ޑިމާންޑުތައް ފުރިހަމަ ނުކޮށްފިނަމަ އެކަމަށް އަނެއްކާވެސް އެމްޑީޕީން ފިޔަވަޅެއް އަޅާނެ ކަމަށެވެ.

ޑިމާންޑްތައް އިއްވުމަށްފަހު އެމްޑީޕީން ވަނީ މުޒާހަރާކުރަން މަގުމައްޗަށް ނިކުންނަން ތައްޔާރުވެފައެވެ. އެމްޑީޕީން އެގޮތަށް ނިންމާފައިވަނީ ފުލުހުންނާ ހޯމް މިނިސްޓަރު އުމަރު މުޒާހަރާކުރަން މަގުމައްޗަށް ނިކުތުން މަނާކޮށްފައި ވަނިކޮށެވެ.