އަބްދުﷲ ޝާހިދު

ޖިންސުގެ ހަމަހަމަކަން ނެތް ޕެނަލަކު ނީންނާނަން: ޝާހިދު

Sep 14, 2021
3

ޖިންސުގެ ހަމަހަމަކަން ނެތް ޕެނަލްއެއްގައި ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށް އދ. ގެ އާންމު މަޖިލީހުގެ 76 ސެޝަންގެ ރިޔާސަތާއި ހަވާލުވެވަޑައިގަންނަވާ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނުގެ ދައުރު މިރޭ 12:00 ގައި ފެށެން ތައްޔާރުވެފައިވަނިކޮށް އދ އިން އާންމުކުރި ވީޑިއޯއެއްގައި މިނިސްޓަރު ޝާހިދު ވަނީ ޖިންސުގެ ހަމަހަމަ ކަމަށްޓަކައި ވަރުގަދަ ވައުދެއްގެ ގޮތުގައި ޖިންސުގެ ހަމަހަމަކަން ނެތް ޕެނަލްއެއްގައި ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެއީ އެމަނިކުފާނުގެ އެންމެ އިސް އެއް ސިޔާސަތު ކަމަށް ވިދާޅުވިއެވެ.

ހާރިޖީ ދާއިރާގެ ވަރަށް ބޮޑު ތަޖުރިބާކާރެއް ކަމަށްވާ މިނިސްޓަރު ޝާހިދު ވިދާޅުވީ ޖިންސުގެ ހަމަހަމަކަން ގާއިމުވާން ޖެހޭ ކަމަށާ އެފަދަ ހަމަހަމަ ކަމެއް ނެތް އެއްވެސް ޕެނަލެއްގައި އެމަނިކުފާނުގެ ބައިވެރިވުމެއް ނޯންނާނެ ކަމަށެވެ.

ޝާހިދު ރިޔާސަތާއި ހަވާލުވެ ވަޑައިގަންނަވާނީ މިރޭ ރާއްޖެ ގަޑިން 12:00 ޖަހާއިރު އެވެ. އެއަށްފަހު އާންމު މަޖިލީހުގެ 76 ވަނަ ސެޝަން ފެށިގެންދާނެ އެވެ. ރިޔާސަތާ ހަވާލުވެވަޑައިގަތުމަށް ފަހު މިނިސްޓަރު ޝާހިދު ތަގުރީރެއް ވެސް ކުރައްވާނެ އެވެ.

އާންމު މަޖިލީހަށް ރައީސަކު ހޮވަން މިދިޔަ ޖޫން މަހު ނެގި ވޯޓުގައި މިނިސްޓަރު ޝާހިދަށް ލިބިވަޑައިގެންނެވީ 143 ވޯޓެވެ. އާންމު މަޖިލީހުގައި ހިމެނޭ ބޮޑު އަދި ނުފޫޒު ގަދަ ގައުމުތަކުގެ ތާއީދު ރާއްޖެއަށް ދިނެވެ. 

އާންމު މަޖިލީހުގެ ރައީސް ކަމަށް ބޭފުޅުން ހޮވަނީ އަހަރު ދުވަހުގެ މުއްދަތަކަށެވެ. ރައީސް ހޮވަނީ އާ ދައުރު ފެށުމުގެ ތިން މަސް ދުވަސް ކުރިންނެވެ.

އެ މަޖިލީހުގެ ރައީސްގެ މައިގަނޑު މަސްއޫލިއްޔަތަކީ އާންމު މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމާއި އެޖެންޑާ ކަނޑައެޅުމާއި، ބަހުސްތަކުގައި ގައުމުތަކަށް ވަގުތު ދިނުމުގެ ކަންކަން ހަމަޖެއްސުމެވެ.