އައްޑޫ ސިޓީ

އައްޑޫއިން އިތުރު 11 މީހަކު ޕޮޒިޓިވްވެއްޖެ

އައްޑޫ ސިޓީއިން އިތުރު 11 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ. އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުން ބުނީ މިދިޔަ ސައުވީސް ގަޑިއިރުގެ ތެރޭގައި އިތުރު 11 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އެ ހޮސްޕިޓަލްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އައްޑޫ ސިޓީގެ މަރަދޫގައި 142 ކޭސް، ހިތަދޫގައި 79 ކޭސް، މީދޫގައި 26 ކޭސް އަދި ފޭދޫގައި 29 ކޭސްގެ އިތުރުން މަރަދޫފޭދޫގެ ހަތް ކޭސް އާއި ހުޅުދޫގެ 11 ކޭސް ހިމެނޭހެން ޖުމްލަ 294 އެކްޓިވް ކޭސަސް އެ ސިޓީގައިވެއެވެ.

ބަލި ޖެހިފައިވާ މީހުންގެ ތެރެއިން ހަތަރު މީހަކަށް ފަރުވާ ދެނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.

ޕޮޒިޓިވް ކޭސްތަކާއި ގުޅިގެން 637 މީހަކު ވަނީ ކަރަންޓީން ކޮށްފައެވެ. އެއީ މުޅީންވެސް ޑައިރެކްޓް ކޮންޓެކްޓުންނެވެ.

މިހާތަނަށް އެ ސިޓީން ނަގާފައިވާ 181 ސާންޕަލެއްގެ ނަތީޖާ އަދި ލިބިފައެއް ނުވެއެވެ. ކޮވިޑްގައި އައްޑޫސިޓީން ތިން މީހަކު ވަނީ މަރުވެފައެވެ.