އަބްދުﷲ ޝާހިދު

ރައީސް ސޯލިހްގެ ހާރިޖީ ސިޔާސަތު ދުނިޔެ ބަލައިގެންފި: ޝާހިދު

އަދު ފެންނަމުން ދަނީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ޒައަމަތުގެ ދަށުން ބައިނަލްއަގްވާމީ މައިދާނުގައި ދިވެހިރާއްޖެ ހޯދަމުންދާ މަތިވެރި މަގާމާއި ރައީސްގެ ހާރިޖީ ސިޔާސަތު ދުނިޔެ ބަލައިގެންފައިވާ ކަމުގެ ހެކިތައް ކަމަށް އާންމު މަޖިލީހުގެ މި ދައުރުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އދ. ގެ އާންމު މަޖިލީހުގެ 76 ސެޝަންގެ ރިޔާސަތާއި ހަވާލުވެވަޑައިގެންނެވުމަށް ފަހު ކުރެއްވި ތަގުރީރުގައެވެ. އެމަނިކުފާނު ވިދާޅުވީ އދ ގެ އާންމު މަޖިލީހުގެ ރައީސްކަމުގެ ހުވާ ކުރުމަށްފަހު މަޖިލީހުގެ ކުރިމަތީގައި ހުއްޓި ވަޑައިގެންނެވީ ދުނިޔެ ދެއްވި އިތުބާރާއި ހަވާލު ކުރެއްވި ޒިންމާ އާއި މަސްއޫލިއްޔަތުގެ މަތިވެރިކަން އިހުސާސް ކުރައްވަމުން ކަމަށެއވެ.

‎މިއަދު ދިވެހިރާއްޖޭގެ ފެއްސާއި ރަތާއި ހުދުގެ ފަހުރުވެރި ދިދަ ވިހުރުވެމުން ދަނީ ބައިނަލްއަގްވާމީ އެންމެ އުސް ކުރިބޯށީގައިކަން ފާހަގަ ކުރައްވާ ވިދާޅުވީ ދިވެހި ގައުމުގެ ފަހުރުވެރި އަބްޠާލުންގެ މަތިވެރި ޖިހާދާއި ދިވެހި ރައްޔިތުންގެ ހިތްވަރުގަދަ ގުރުބާނީގެ ސަބަބުން މިއަދު ދިވެހި ދައުލަތުގެ ނަން ވިދަމުން ދަނީ ބައިނަލްއަގްވާމީ އުދަރެހުގެ އެންމެ އުހުގައި ކަމަށެވެ.

‎"މިއަދު މި ފެންނަމުން މިދަނީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ޒައަމަތުގެ ދަށުން ބައިނަލްއަގްވާމީ މައިދާނުގައި ދިވެހިރާއްޖެ ހޯދަމުންދާ މަތިވެރި މަގާމް. ރައީސް ސޯލިހްގެ ހާރިޖީ ސިޔާސަތު ދުނިޔެ ބަލައިގެންފައިވާ ކަމުގެ ހެކި،"

ޝާހިދު ވިދާޅުވީ އދ ގެ މަޖިލީހުގައި މިންތީގެ ހަމަހަމަކަން ގާއިމުކުރުމާއި ގައުމުތަކުގެ ކުރިމަގު ބައްޓަން ކުރުމަށް ކުރަމުންދާ މަޝްވަރާތަކާއި ކުރިމަގަށް ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ކުރަމުންދާ މަސައްކަތް ހަރުދަނާ ކުރެއްވުމުގެ މަސައްކަތުގައި އެމަނިކުފާނު ހުންނެވީ ޝައުގުވެރިކަމާއެކު ބައިވެރިވެވަޑައިގެންނެވުމަށް ކަމަށެވެ.

މީގެ އިތުރުން ކޮވިޑް-19 ބަލިމަަޑުކަމާއި ގުޅިގެން ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި އަދި ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި ގުޅޭގޮތުންނާއި މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުންވެސް ޝާހިދު ވާހަކަ ދެއްކެވިއެވެ.

އަދި ކާރިސާތަކާއި މަސްލަހަތު ގެއްލި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތަކާމެދު ކަންބޮޑުވުން ފާޅު ކުރެއްވިއެވެ.

"މިކަންކަން ބަދަލުކުރަން އެބަޖެހޭ. އަދި ބަދަލުތައް ގެނައުމަށް ފަށައިގަންނަންވީ އަޅުގަނޑުމެން،"

އދ ގެ މަޖިލީސް މެދުވެރިކޮށް މުޅި ދުނިޔެއަށް އުންމީދު ގެނެސްދޭން ޖެހޭ ކަމަށް ދެކެވަޑައިގެން ޝާހިދުގެ ކެންޕެއިން ބިނާ ކުރެއްވީ "އުންމީދުގެ ރިޔާސަތު" އެ ނަމަށެވެ. އަދި އެ "އުންމީދުގެ ރިޔާސަތު ބިނާކުރީ އުންމީދުގެ ފަސް ދޯދީގެ މައްޗަށެވެ.

ޝާހިދު ވިދާޅުވީ ކޮވިޑުން އަރައިގަތުމަށް އެންމެ ބޮޑު އިސްކަމެއް ދޭނީ މުޅި ދުނިޔޭގެ އެންމެނަށް ވެކްސިން ފުރިހަމަ ކުރުމަށް މަގުފަހި ކުރުމަށެވެ. އަދި ވެކްސިން ލިބުމަށް ދިމާވާ އުނދަގޫތަކަށް ހައްލެއް ގެންނަން ޖެހޭ ކަމަށް ވިދާޅުވިއެވެ.